ބޮލީވުޑް

ސަލްމާނާއެކު ފިލްމެއް ނުކުޅެން: ދިޕިކާ

May 18, 2015

ބަތަލާ ދިޕިކާ ޕަދުކޯންގެ އެންމެ ފަހުން ނިކުތް އަމީތާބް ބައްޗަން އާއިއެކު ލީޑްރޯލުން ފެނިގެންދާ ފިލްމު "ޕިކޫ" ގެ ކާމިޔާބީ އާއި އެކު ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓްގައި ފައިތިލަ ސާބިތުކޮށްފައިވާއިރު، ސުޕަސްޓާ ސަލްމާން ޚާން އާއިއެކު ފިލްމެއް ކުޅެން ސޮއި ކޮށްފައިވާކަން ދޮގުކޮށްފި އެވެ.

ދިޕިކާ ވަނީ ސަލްމާން ޚާން ފިޔަވައި، ގާތްގަނޑަކަށް ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ބަތަލުންނާއިއެކު މަސައްކަތްކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ސުލްތާން" ސަލްމާން އާއިއެކު ކުޅެން ދިޕިކާ އެއްބަސްވެ، ސޮއިކޮށްފައިވާ ކަމުގެ ހަބަރުތަކެއްވެސް ފެތުރިފަ އެވެ.

ނަމަވެސް، ހުކުރު ދުވަހުގެ ރޭ "ޕީކޫ" ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މީޑިއާއި ވާހަކަދައްކަމުން ދިޕިކާ ބުނީ އޭނާ ސަލްމާން އާއިއެކު ފިލްމެއް ކުޅެން ސޮއިކޮށްފައި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

މީގެއިތުރުން، މިއަހަރު ދިޕިކާގެ ކުރިއަށް ހުރި ފިލްމުތަކާއި ބެހޭގޮތުންނާއި ދިޕިކާ ސަލްމާން އާއިއެކު "ޝުއްދީ" އަދި "ސުލްތާން" އިން ފެނިގެންދާނެތޯ ސުވާލުކުރުމުން ބުނެފައިވަނީ، މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ "ބާޖީރާއޯ މަސްތާނީ" އާއި "ތަމާޝާ"ގެ ކަމަށެވެ. އަދި އެ ފިލްމުތަކުގެ އިތުރުން އެހެން އެއްވެސް ފިލްމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

މިވަގުތު "ޕީކޫ" ގެ ކާމިޔާބީ ފާހަގަކުރަމުން އަންނަ ދިޕިކާ އަންނަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު ސިންގް އާއި ޕްރިޔަންކާ ޗޯޕްޅާ އާއި އެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" ވެސް ޝޫޓްކުރަމުންނެވެ.

ޔާޝްރާޖް ބެނާސްގެ ދަށުން އުފައްދާ "ސުލްތާން"ގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ ކެޓްރީނާ ކައިފް އެވެ. ނަމަވެސް ސަލްމާން ވަނީ ކެޓްރީނާ މިފިލްމުގައި ހިމަނައިފިނަމަ، އޭނާ މިފިލްމުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. ފަހުން ދިޕިކާ ޕަދުކޯން މިފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް އެރި ނަަމަވެސް، ފިލްމު އުފައްދާ ފަރާތުން އެކަން ކަށަވަރުކޮށްދީފަ އެއް ނުވެ އެވެ.

ލޯބީގެ ތާރީހީ ވާހަކައެއްގެ މައްޗަށް އުފައްދާ “ބާޖީރާއޯ މަސްތާނީ" ގައި ފެނިގެންދާނީ އިންޑިއާގައި 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.

މި ފިލްމުގައި ރަންވީރު ޕޭޝްވާ ޖެނެރަލެއްގެ ރޯލުން ފެނިގެންދާއިރު. މަސްތާނީގެ ރޯލުން ފެނިގެންދާނީ ދޕިކާ އެވެ.އަދި ޕްރިޔަންކާ ކުޅެނީ ރަންވީރުގެ ފުރަތަމަ އަނބިމީހާ ކަށީބާއީގެ ރޯލެވެ.