ޓެކްނޯލޮޖީ

2030 ގެ ކުރިން މާސްގައި އޮކްސިޖަން އުފައްދަން ނާސާއިން މަސައްކަތް ފަށަނީ

May 18, 2015

އިންސާނުން މާސްއަށް ގެންދިޔުމަށް ސައެންސްވެރީން ކުރަމުންދާ މަސައްކަތުގެ ދަށުން، 2030 ވަނަ އަހަރުގެ ކުރިން މާސްގައި އޮކްސިޖަން އުފެއްދުމުގެ ތަހުލީލުތައް ކުރަން ފަށައިފި އެވެ.

ސައެންސް ޓައިމްސް އިން ބުނި ގޮތުގައި އޮކްސިޖަން އުފެއްދުމަށް ނާސާއިން ވިސްނާފައިވަނީ އެންމެ ދިރުންތަކުގެ ތެރޭގައި ހިމެނޭ ބެކްޓީރިއާ އާއި އަލްގޭ ބޭނުންކޮށްގެންނެވެ. އަދި މިކަމުގެ ތަހުލީލުތައް ކުރުމަށް ނާސާއިން މިހާރު ވަނީ ޓެކްޝޮޓް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު ދަނީ މާސްގެ ޖައްވުގެ ސިފަތައް ނަކަލުކޮށްގެން "މާސް ރޫމް" އެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ. މާސްގެ ޖައްވުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބެކްޓީރިއާ އާއި އަލްގޭ ދެނެގަންނާނީ މި ކޮޓަރީގައި ކުރާ ތަހުލީލުތަކުންނެވެ.

ބެކްޓީރިއާ އަދި އަލްގޭ ބޭނުންކޮށްގެން މާސްގައި އޮކްސިޖަން އުފެއްދުމަކީ ދުނިޔެއިން އޮކްސިޖަން ގޭސް ގެންދިޔުމަށްވުރެ އެތައް ގޮތަކުން ލުއިފަސޭހަ ކަމަކަށް ވާނެ ކަމަށް ނާސާއިން ބުނެ އެވެ. އަދި އޮކްސިޖަން އުފެއްދުމަށް ބެކްޓީރިއާ އާއި އަލްގޭ ކުރާ މަސައްކަތުގައި، މާސްގެ ވައިގައި ހުންނަ ނައިޓްރޮޖަންގެ މިންވަރު ދަށްކުރުމަށް ވެސް އެހީތެރި ވެދޭނެ އެވެ.

ދުނިޔޭގެ ޖައްވުގައި ހިމެނޭ އޮކްސިޖަންގެ ބޮޑުބައެއް އުފައްދަނީ ބެކްޓީރިއާ އަދި އަލްގޭ ފަދަ ކުދި ކުދި ދިރޭ ތަކެއްޗެވެ. ތަހުލީލުތަކަށްފަހު މާސްއަށް ފޮނުވާ އެންމެ ފުރަތަމަ ދިރޭތަކެތި 2020 ވަނަ އަހަރު ފޮނުވާނެކަމަށް ތަހުލީލު ޓިމުން ލަފާކުރެ އެވެ.