ހަބަރު

އިންޑިއާ ކުންފުންޏަކުން މީރާއަށް 22 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ތ. ކަޅުފަހަލަފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 22 މިލިއަން ޑޮލަރު (345 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައުލަތަށް ދައްކަން އެރަށް ކުރިން ކުއްޔަށް ނެގި އިންޑިއާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރިސޯޓެއް ހަދަން ސަރުކާރުން ކަޅުފަހަލަފުށި ކުރިން ދޫކުރި އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނަ، އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުނީގެ ގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުދަދުވަހު ހުކުމް ކުރީ 2009 ވަނަ އަހަރުންް ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމއަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

އެރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ސަަރުކާރުން ބާތިލުކުރީ 2015 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

މީރާގެ ދައުވާއާ ބެލުމަށް ފަހު ސިވިލްކޯޓުުން ކުރި ހުކުމުގައިވަނީ އެރަށުގެ އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް ކުލީގެ ގޮތުގައި 11 މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށާއި އަދި ކުލި ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރާ އެކު ޖުމްލަ 22 މިލިއަން ޑޮލަރު އޭޝިއާ ރިސޯޓްސް އިން ދައުލަތަށް ދައްކަން ޖެހޭ ކަން ސާބިތުވާ ކަމަށެވެ. ތިން މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދައްކައި، ނިންމުމަށް އެ ހުކުމުގައި އޭޝިއާ ރިސޯޓްސްއަށް އަންގާފައި ވެއެވެ.