ރިޕޯޓް

ތަޖުރިބާ: ޓްރެފިކް ތެރޭން އޭނާ ކުރިޔަށްޖެހިލައިފި!

ދުވަހު ނޫސް "ހަވީރު" ގެ ރިޕޯޓަރަކަށް އަހަރެން އުޅުނުއިރު ދުވަހުގެ ނޫސް ނިމުމުން ހެންވޭރު ކޮޅުގައި ހުންނަ ގެއަށް ދަނީ ހިނގާފަ އެވެ. އަދި އިރު އޮއްސުމުގެ ކުރިން ގެއިން ނުކުމެ މާފަންނުގައި ހުންނަ ޔޫތު ސެންޓަރުގެ ޖިމަށް ދަނީ ވެސް ފައިމަގުގަ އެވެ. އޭރު ހިތަށް އަރަނީ ސައިކަލް ދުއްވޭނެ ނަމަ އެވެ. އޭރު އެކަމާ ނޫނީ ނޫޅުމުން އެކަން އޭރު ނުވީ އެވެ. އޭގެ މާފަހުން ސައިކަލް ލައިސަންސް ނަގަން މަސައްކަތް ކޮށްލުމާއެކު އެކަންވީ ފަސޭހަ ކަމަކަށެވެ. ދުނިޔޭގައި ވެސް ޑްރައިވިން ލައިސަންސް ނަގަން ފަސޭހަ ގައުމަކަށް ރާއްޖެ ވާނެ އެވެ. އެ ލައިސަންސް އަތަށް އެރުމާއެކު ސައިކަލެއް ގަނެފީމެވެ. ފަސޭހަކަން އެނގުނީ އެ ހިސާބުންނެވެ. އެކަމަކު އެ ފަސޭހައަށް ވުރެ ސައިކަލް ދުއްވުންވީ ބޮލު ރިހުމަކާއި ދުއްޕާނަކަށެވެ. ސަބަބަކީ ކުޑަކުޑަ އަދި މީހުނާއި ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކުގެ މައްސަލަ ބޮޑު ކަމެވެ. މަގޭ ސައިކަލަކަށް ކުރިއަކަށް ނޭރެ އެވެ. ދުއްވައެއް ނުލެވެ އެވެ.

ސައިކަލެއް ހުއްޓަސް މާލޭގައި ދުއްވުމަކީ ދަތިކަމެކެވެ. ފަހަކަށް އައިސް މަގުމަތީގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުން މި ދަތިކަން އިހަށް ވުރެ ގޯސް ވެއްޖެއޭ ވެސް ހީވެއެވެ. ބޭރު ގައުމުތަކުގައި ޓްރެފިކް "މައިތިރި" ކޮށްލާ ގޮތް ސަޅި އެވެ. އެގޮތަށް ރާއްޖޭގައި ނުބެލެހެއްޓެނީ ކީއްވެބާއޭވެސް ހިތަށް އަރަ އެވެ.

މި ހިޔާލުތައް އޮއްވާ މާލޭގެ ޓްރެފިކުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން މިވަނީ މާ ވަރުގަދަ "ފިޔަވަޅެއް" އަޅާ އެވެ. ދިގު ފިޔަވަޅެއް އަޅާފަ އެވެ. މާލޭގައި މުދާ އުފުލޭނެ ގަޑި ތަކަށް ބަދަލު ގެނައީ އެވެ. ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރީ އެވެ. މިހާރު މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ. ދުވާލު މުދާ އުފުލުމަކީ މަނާކަމެކެވެ. ބޭނުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމެވެ.

މި ބަދަލާ ހަމައަށް ސްކޫލަށް ދަރިން ގޮވައިގެން ދާ ބައްޕަ، ދަރިފުޅު ލާފައި އޮފީހަށް ދެވޭއިރު އަނެއްކާ އޮންނަނީ ދަރިފުޅު ސްކޫލުން ނިމޭ ގަޑި ޖެހިފައި ނުވަތަ ކައިރިވެފަ އެވެ. އޮފީހަށް ގަޑި ނުޖެހި ދާން ބޭނުންނަމަ ގަޑިއެއް ބައިގަޑިއިރު ކުރިން ގެއިން ނުކުންނަން ޖެހެ އެވެ.

ފާޑަކަށް އޮބި އަޅައި ބާއްވައިގެން އާ ބަދަލު ގެނައުމުން ފުރަތަމަ އެންމެން އުފެއްދީ ސުވާލެކެވެ. ދެން ޖެހީ އެކަމަށް ހަޖުލެވެ. ދެން ކޮށްލީ ސިޔާސީ އެވެ. -- މި ކަންވާނެ ހެއްޔެވެ؟ މިކަން ދެމެހެއްޓޭނެ ބާއެވެ؟ މިކަން ތަންފީޒު ކުރެވޭނެ ބާއެވެ؟

މި ބަދަލު ގެނައި ދުވަހުގެ ހެނދުނު ސައިކަލްގައި ދުއްވާލަން ނުކުތީ ތަޖުރިބާކޮށްލާށެވެ. އާއްމުކޮށް ކޮންމެ ދުވަހަކު އޮފީހަށް ދާ މަގު ބަދަލުކޮށްލީ ހަމަ ގަސްދުގަ އެވެ. ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދުގެ މިނިސްޓަރު މުހައްމަދު ސައީދުގެ ބެއްލެވުމުގެ ދަށުން ގެނައި މި ބަދަލުގެ ނަތީޖާ ބަލައިލާށެވެ. އެ މިނިސްޓަރުގެ ވުޒާރާއަށް އެސްއީޒެޑް ފަދަ ބިޔަ މަޝްރޫއުތައް ހަވާލުކޮށް އެކަން ނުވުމަކީ މިކަން ނުވާނެ ކަމަށް ނިންމަން ޖެހޭނެ ސަބަބެއް ނޫނެއް ނޫން ހެއްޔެވެ؟ ސައިކަލް ދުއްވީ މާފަންނު އަލިވާގޭ ކައިރިން ބޮޑު ތަކުރުފާނު މަގަށެވެ. މި ސަރަހައްދަކީ މާލެ ވިޔަފާރި ބަނދަރުގެ ކާރޫބާރޫ އެންމެ ބޮޑު އެއް ސަރަހައްދެވެ. ގަޑިއަކީ ހެނދުނު 10:00 އެވެ. އާއްމުކޮށް މި ގަޑީގައި ވިިޔަފާރި ބަނދަރުން ލޮރީތަށް ގުދަންތަކާ ދިމާލަށް މުދަލާއެކު ދަތުރުކުރާނެ އެވެ. އެކަމަކު މިއަދު ތަފާތެވެ.

މި ތަނުގައި ހުންނަ އެންމެ މަޝްހޫރު ތަނަކީ މި އެވެ. "މަޖޫރީންގެ ޖަގަހަ" އެވެ. އެ ތަނުގައި މަޖޫރީން މަސައްކަތްތެރިން ފޫ ރާލައިގެން ތިއްބެވެ. ގަޑި ބަދަލު ކުރުމުން މަސައްކަތް ނުކުރަން ބޮޑާ ހާކައިގެނެވެ. ފާޑެއްގެ "މުޒާހަރާ" އެއް ކުރަނީ އެވެ. މި ސަރަހައްދުން މަސް މާރުކޭޓާ ވީކޮޅަށް ދުއްވާނަމަ މީގެ ކުރިން އެއީ ކަންތަކާ ޖެހުނީ އެވެ. ދެން ޖެހެނީ ސައިކަލް މަޑުކޮށްގެން އިންނާށެވެ. މެންދުރުގެ ގަދަ އަވީގައި އެ ސަރަހައްދަށް އެރުމަކީ ކުރިން ހަނާ ވުމަކާއެކު ގަނައެއް ތެޅި މަރުވުން ފަދަ ކަމެވެ. އެކަމަކު މިހާރު އޮތީ ވަރަށް ތައްކަތު ކޮށެވެ. މަގުތަށް ވެސް އަމާނެވެ. ޓްރެފިކެއް ވެސް ނެތެވެ.

އެހެންވެ، މިފަހަރު މިނިސްޓަރު ސައީދު ކާމިޔާބެއް ކޮށްފިއްޔޭ ހިތާހިތާ ކިޔަމުން ބާރަށް ސައިކަލް ދުއްވީ އެވެ. އިއްޒުއްދީން ފާލަމާ ހަމަ އަށް ދިޔައިރު ވެސް ކުރިން ޖެގޭ ޓްރެފިކުގެ ހިލަމެއް ނެތެވެ. ޓްރެފިކުގެ މައްސަލައަށް ހައްލު ގެންނަ ސަރުކާރުން މިފަހަރު ނެގި ފިޔަވަޅު ރަނގަޅޭ ބުނެވިދާނެ އެވެ. ކޮންމެ ކަމަކުން ވެސް ދަތިވާނެ ބަޔަކާ، ފަސޭހަވާނެ ބަޔަކު ވެސް ތިބޭނެ އެވެ. އެންމެންނަށް ރަނގަޅަށް މިހާތަނަށް ކަމެއް ކުރެވުނު ބަޔަކު ނެތެވެ. އެކަން އެހެން ނުވާނެކަން އެއީ ދުނިޔޭގެ ތަޖުރިބާ އެވެ.