ހަބަރު

އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި

ރިޝްވަތުގައި ހިފާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދުން މިރޭ ދޫކޮށްލައިފި އެވެ.

ނާސިރާ ދޫކޮށްލީ ގޭބަންދުގައި ބައިންދަން މިދިޔަ މާޗްމަ މަހުގެ 17 ގައި ކްރިމިނަލް ކޯޓުން އިތުރުކުރި 15 ދުވަސް ހަމަވުމާ ގުޅިގެންނެވެ.

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނާސިރާ ވެސް ހައްޔަރުކުރީ ރިޝްވަތުގެ ތުހުމަތަށެވެ.

ދޫނިދޫގައި ބަންދުކުރުމަށް ފަހު ނާސިރާ ގޭބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

ފުލުހުން ތުހުމަތުކުރަނީ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް ރާއްޖޭގައި ވިޔަފާރި ކުރާ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައި ވެ އެވެ. އަދި އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.