މީގެ ހަފްތާއެއްހާ ދުވަސްކުރިން ކެފޭއެއްގައި ކޮފީއެއް ބޯން ރަހުމަތްތެރިޔަކާ އެކު އިންދާ އެ ކެފޭތެރެއަށް ވަދެގެން އައި ދެ ޒުވާނަކު ދައްކާފައި އަހަރެންގެ ރަހުމަތްތެރިޔާ ބުނި ވާހަކައަކުން ސިއްސައިގެން ދިޔަ އެވެ. އެ ދެ މީހުންގެ ތެރެއިން އެއް ޒުވާނަކީ އޭނާ ބުނި ގޮތުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލި" ކަމަށް ނޫނީ ވަގަށް ނަގައި ކިޑްނެޕްކުރި ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން މީހެކެވެ. ޖަވާބު ނުލިބޭ މި ސުވާލުތައް ހިތުގައި ހިނގައިގަތެވެ؛ ރާއްޖޭގެ ތާރީހުގައި ވެސް ހިނގާފައި ނުވާ އާ ބާވާތެއްގެ ބޮޑު ކުށެއްކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށް ޝަރީއަތް ވެސް ފަށާފައިވާ "މުޖުރިމަކު" މަގުމަތީގައި އަހަރުމެންނެކޭ އެއްގޮތަށް ކޮފީ ބޯލައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެހެން ގައުމެއްގައި ނަމަ، މި ހިސާބަށް ކަންކަން ދިޔައިމާ ވާނީ ކިހިނެތް ހެއްޔެވެ؟ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތީ ހެއްޔެވެ؟
ނޫސްވެރިޔާ ރިލްވާން ގެއްލުމާއި އެ މައްސަލައިގެ ފުނަށް ފީނާ ބަލާއިރު، ރިލްވާންގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ވެސް އޭނާ ގެއްލުނުތާ އެތައް އަހަރެއް ވީފަހުން އެވެ. ފުލުހުންނަށް ވެސް ރިލްވާންގެ ތަހުގީގުގެ މައުލޫމާތު އާންމު ކުރެވުނީ ވެސް އަހަރެއްހާ ދުވަސް ފަހުން އެވެ. އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި އެ މައްސަލައިގެ ތަހުގީގަށް ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ރަތް ކާރެއްގެ ޑިކީގައި އަޅާފައިވާ ކާޕެޓުން ވަނީ ރިލްވާންގެ ޑީއެންއޭއާ ދިމާވާ އިސްތަށްޓެއް ފެނިފަ އެވެ. ފުލުހުން ތުހުމަތު ކުރަނީ އެ ކާރާ ގުޅުން އޮންނަ ބަޔަކު ނޫސްވެރިޔާ ރިލްވާން ކިޑްނެޕްކޮށް އެ ހެދި ގޮތެއް ހެދީ ކަމަށެވެ. އަދި އެއީ ރާވައިގެން ހިންގި ބޮޑު ކުށެއްކަން ފުލުހުންގެ ތަހުގީގަށް ލިބިހުރި މަދު މައުލޫމާތުތަކުން ވެސް އޮތީ ހާމަވާށެވެ. އެ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް މިދިޔަ އަހަރުގެ މެދުތެރޭގައި ރިލްވާން ގެއްލުވާލުމުގެ ދައުވާ ދެ މީހެއްގެ މައްޗަށް ކުރި އެވެ. އެ މީހުން ޝަރީއަތަށް ހާޒިރުކޮށް ދައުވާ ވެސް އިއްވި އެވެ. އެކަމަކު ދައުވާ އިއްވި މަޖިލީހުގައި ވެސް އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން، ނޫނީ ޕީޖީ އޮފީހުން އެދިފައެއް ނުވެ އެވެ. އެއަށް ފަހު ކްރިމިނަލް ކޯޓްގައި ދެތިން އަޑުއެހުމެއް ހިންގި އެވެ. އެކަމަކު ރާއްޖޭގެ ތާރީހަށް ބަލާއިރު އަދި ކުށްކުރުމުގެ ވެއްޓަށް ބަލާއިރުވެސް މީހަކު ވަގަށް ނަގައި އެއަށް ފަހު އެ މީހާ ގެއްލުވާލުމުގެ ޖަރީމާއެއް ހިންގިކަމެއް އެނގޭކަށް ނެތެވެ. މިއީ ރާއްޖޭގެ ކުށުގެ ވެއްޓަށް މުޅިން އަލަށް ތައާރަފްވި ކުށެކެވެ. ފުލުހުންނަށް ވެސް އެ ކުށް ތަހުގީގު ކުރުމުގައި ވަނީ އެތައް ގޮތަކުން އިހުމާލުވެސް ވެފަ އެވެ. އަދި އެ ޖަރީމާ ހިންގުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގަށް ހައްޔަރުކުރި ބައެއް މީހުން ފުލުހުން ބަންދުން ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ވީހިސާބެއް ވެސް ނޭނގެ އެވެ.
މިވަރުވެ އަޑި ނޭނގޭ ކަންތައްތަކެއް ހިނގާފައިވާ މައްސަލައެއްގައި، ތުހުމަތު ކުރެވުނު ބަޔަކު މުޖުތަމައުގެ ތެރޭގައި މިނިވަންކޮށް އުޅޭ ހަމައެކަނި ސަބަބަކީ ޒިންމާވާން ޖެހޭ މުއައްސަސާތަކުން ބޭއިންސާފުން ކަންކަން ކުރުމުގެ އިންތިހާ ދިޔުމުގެ ފުރިހަމަ މިސާލެކެވެ. ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލަށް މި މީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއް ކަމަށް ގަބޫލު ނުކުރައްވާ އިރު ރިލްވާންގެ މައްސަލައިގެ ޝަރީއަތް ވެސް ޕީޖީ އެދިގެން ވަނީ މިހާރު އެތައް ފަހަރަކު މަޑު ޖައްސައިފަ އެވެ. ރިލްވާންގެ މަންމަ އާއި އާއިލާ އަދި އެކުވެރިން އޭނާއަށް އިންސާފު ލިބޭނެ ވަގުތަކަށް އެދި އެދި އަދިވެސް ތިބީ މަގުމަތީގަ އެވެ. އެކަމަކު ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލަށް މިކަމަކީ ބޮޑު ކަމަކަށް ނުވެ އެވެ. އެ މައްސަލައިގައި ތުހުމަތުވާ މީހުންނަކީ މުޖުތަމައަށް ނުރައްކަލަކަށް ވެސް ނުވެ އެވެ. އެކަމަކު ޕީޖީއަށް ވެސް ބޮޑު ކަމަކަށް ވަނީ ސިޔާސީ މީހުންނާ މެދު އަވަސް އަވަހަށް ދައުވާކޮށް އެ މީހުންނާ މެދު ހިންގޭ ޝަރީއަތްތައް އަވަސް އަވަހަށް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެއްވުމެވެ. ސިޔާސީ މީހުން ވެސް ކުށެއް ކޮށްފި ނަމަ އިންސާފުން އަދަބު ލިބެން ޖެހޭނެ އެވެ. އެކަމާ ދެބަހެއް ނުވަމެވެ. އެކަމަކު ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށް ސުލްހަވެރި ވެއްޓެއް ގާއިމް ކުރުމަކީ ޕީޖީ ވެސް އަދި އެހެން މުއައްސަސާތަކުން ވެސް އިސްކަން ދޭ ކަމަކަށް ނުވެ އެވެ. ނުރައްކާތެރި ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމަށް އެހީތެރިވުމަކީ ޕީޖީއަށް އެއްވެސް މައްސަލައެއް ނޫނެވެ. މުއައްސަސާތައް މިހިސާބަށް ދިޔައިމާ ގައުމުގައި ބޭއިންސާފު އޮންނާނެ ވަރު ވިސްނަވާށެވެ. ހުދު އެ ރައްކާތެރިކަން ފޯރުކޮށްދޭން ތިބި ފުލުހުން ވެސް އެކަމަކާ އަޅައެއް ނުލަ އެވެ. އެކަމަކު ސިޔާސީ މީހަކު ހައްޔަރުކޮށް އެ މީހަކު ޝަރީއަތުގެ ކުރިމައްޗަށް ފުލުހުން ގެންނަނީ އޯވަނައިޓުންނެވެ. އެއްވެސް ކަހަލަ ލަސްވުމެއް ނޯވެ އެވެ.
މިދިޔަ އަހަރުވެސް އެތައް ގޭންގް މާރާމާރީތަކެއް ހިނގި އެވެ. ވަޅީގެ ހަންޖަރުތަކުން ޒަހަމްވެ އެތައް ކުށެއް ނެތް ބަޔަކު ކަތިލެވުނު އިރުވެސް ފުލުހުންނަށް އެކަން ނުހުއްޓުނެވެ. ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވުނު ބަޔަކު ފުރައިގެން ދިޔައިރުވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ވެސް އެކަމުގައި ނެތެވެ. އެކަމަކު ވަރަށް އާދައިގެ މައްސަލަތަކުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. އެކަމަކު ގޭންގް މާރާމާރީތައް ހުއްޓުވަން ޖެހޭ ހިސާބުން އެ ރިޕޯޓެއް ނޯވެ އެވެ. ރިލްވާން ގެއްލުވާލި މައްސަލަ ހިލިފައި ވަނިކޮށް އެކަމުގެ ހަގީގަތް ހޯދަން އެންމެ ބޮޑަށް އަޑުއުފުލި ރިލްވާންގެ ރަހުމަތްތެރިޔާ، ޔާމީން ރަޝީދު އޭނާގެ އަމިއްލަ ގެއަށް ވަންނަނިކޮށް ކޮށާ ކުދިކުދިކޮށް މަރާލި އެވެ. އެރޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ނެތެވެ. ޝަރީއަތުގެ މަރުހަލާއަށް އެ ރިޕޯޓެއް ހުށައެއް ނުވެސް އަޅަ އެވެ. އެ މައްސަލައިގައި މިދިޔަ އަހަރު ބައެއްގެ މައްޗަށް ދައުވާ ކުރެވުނު ނަމަވެސް، އެ މައްސަލައިގައި ޝަރީއަތް އޮތީ މަޑުޖެހިފަ އެވެ. ޔާމީންގެ މަންމަ އާއި އާއިލާ ތިބީ އެ މަރަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ކްރިމިނަލް ކޯޓްގެ ތެރެއިން އެ ޝަރީއަތް ހިނގައި ގަންނަ ގޮތެއް ނުވެ އެވެ. ހަމަ ޔަގީނުން ވެސް އެކަން އެގޮތަށް ނުވަނީ ނުފޫޒު ގަދަބައެއްގެ އަތް އެކަމުގައި އޮތީމާ ނޫން ހެއްޔެވެ؟
ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތާއި ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ވެސް މި ޖެހުނީ އެއްހާލެކެވެ. އެ މައްސަލަތައް ހުށަހެޅި އަހަރެއް ވުމާ ގާތްވެފައިވާ އިރު ވެސް އެ މައްސަލަތަކުގެ ހުކުމަކާ ހިސާބަށް ދެވޭ ގޮތެއް ނުވެ އެވެ. ކޯޓުތަކުން ވަނީ އެ މައްސަލަތައް ނިންމުމުގައި ފަހަތު ފަޔަށް ބުރަވެފަ އެވެ. އޭގެ ބަދަލުގައި ކޯޓުތަކަށް ހުށަހެޅޭ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްސަލަތައް ހަފްތާއެއް ތެރޭ ވެސް ހުކުމްކޮށް ނިންމާލަ އެވެ. އެކަމަކު ރިލްވާން ގެއްލުވާލި މައްސަލަ އާއި ޔާމީންގެ މަރުގެ މައްސަލަ އަދި އެ ނޫން ވެސް ގޭންގް މާރާމާރީތަކުގައި މަރާލާފައިވާ ފަރާތްތަކުގެ ޝަރީއަތްތައް ރޭގަނޑު ދަންވަރު ވެސް ކޯޓް ހުޅުވައިގެން ކުރިއަށްދާތަނެއް ނުފެނެ އެވެ. ގިނަފަހަރު އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ކޯޓުން މުއްދަތު ނުޖަހާ ވަނީ ދޫވެސް ކޮށްފަ އެވެ. ބައެއް ގޭންގްތަކުގައި އުޅޭ މީހުން ބުނާ ގޮތުގައި ބަންދުގެ މުއްދަތު ޖަހަން ގެންދާއިރު އެ މީހުން ދޫކޮށްލާނެކަން އެ މީހުންނަށް އޮންނަނީ ޔަގީންވެފަ އެވެ. އެހާ ކޫލްކޮށް އެ މީހުން ކުށްކޮށްލަން އެހެންވެ އެވެ. ސަބަބަކީ، އެ މީހުންނަކީ ސަރުކާރުގެ އިސް ފަރާތްތަކާ ގުޅުން އޮންނަ އެ މީހުންގެ ނުފޫޒުން ހިމާޔަތް ލިބިފައި ތިބޭ ބަޔަކަށް ވާތީ އެވެ. ރިލްވާން އާއި ޔާމީންގެ ޝަރީއަތް ވެސް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ އެހެންވެ ކަމަށް ވެދާނެ އެވެ. އެހެން ނޫނީ، ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތުވާ މީހުން މި މުޖުތަމައުގައި އަހަރުމެންނާ އެއް ހަމައެއްގައި ކޮފީ ބޯލައިގެން އަރާމުގައި ނޫޅޭނެ އެވެ. ޝަރީއަތް ނިމެންދެން ބަންދު ޖެހޭނެ ނޫން ހެއްޔެވެ؟ ފުލުހުން ނުކުމެ އެ މީހުން ހައްޔަރުވެސް ކުރެވޭނެ ނޫން ހެއްޔެވެ؟
އެކަމާ ކަންބޮޑުވެގެން ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ދުވަހަކުވެސް އެއްޗެއް ވިދާޅުވި އަޑެއް ނާހަމެވެ. އެކަމަކު މިއެންމެވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ރީތިހާ އަންނައުނު ލައިގެން ކޮންމެ ދުވަހަކު އޮފީހަށް ނުކުމެ ކޮފީ އާއި ސައިބައްލަވައިގެން ތިއްބަވަނީ އެވެ. ރައްޔިތުންނަށް އަމާން ވެއްޓެއް ހޯދައި ދިނުމުގެ ޒިންމާ މިބޭފުޅުން އުފުއްލެވި ތަނެއް ނުދެކެމެވެ. އެކަމަކު ސިޔާސީ ކަމެއް ޖެހޭ އިރަށް ދެއިރު ދެދަޅައަށް ފުއްޖަހައިގެން އަރައި ގައުމިއްޔަތޭ، ދީނޭ ވިދާޅުވެ މޮޅަތި ވާހަކަފުޅާއި ލަވަވިދާޅުވެ ލައްވަ އެވެ. ގައުމަށް މިވަރަށް ހަރާން ކޯރުވެފައި ދެން ކޮންމެހެން ގައުމާ ދީނޭ ވިދާޅުވުމުގެ އެއްވެސް އަސާސެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. ދިވެހި ފުލުހުންގެ އިސްވެރިން ވެސް ހަމަ މިފަދަ އެވެ. އަމާން ވެއްޓެއް ގާއިމްކޮށް، ހުރިހާ ރައްޔިތުންނަށް ހަމަ ހަމަ އިންސާފެއް ގާއިމްކޮށް ނުދެވޭ ނަމަ، ޓެކްސް ފައިސާއިން އެތައް ކުލަބަރިއެއް ޖަހާފައި ހުންނަ ޔުނީފޯމް ލައިގެން ދިވެހި ގައުމީ ދިދައަށް ސެލިއުޓް ކުރުމުގެ ހައްގެއް ފުލުހުންގެ އިސްވެރިންނަކަށް ވެސް ނެތެވެ. އެބޭފުޅުން ކުރި ހުވާގައި އޮންނަ ސަރުކާރު ހިމާޔަތް ކުރުން ފިޔަވައި އެހެން މަސައްކަތެއް އެބޭފުޅުން ކުރެއްވިހެނެއް ހިއެއް ނުވެ އެވެ. ޔާމީން މަރާލުމުގެ ކުރިން އޭނާއަށް އެތައް އިންޒާރުތަކެއް ލިބެމުން އައި އިރު، ފުލުހުންނަށް ކުރެވުނީ ކީއްހެއްޔެވެ؟ އެކަން ރިޕޯޓް ކުރީމާ އަޅާނުލާ އޮތީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތަކަށް ފުލުހުންނަށް އަދިވެސް ޖަވާބެއް ނުދެވެ އެވެ. ރިލްވާންގެ މައްސަލައިގެ ތަހުގީގު ލަސްވެ، އޭގެ ހަގީގަތާ ހަމަޔަށް ފުލުހުންނަށް ނުދެވުނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުތަކަށް ފުލުހުންނަށް ޒިންމާދާރު ޖަވާބެއް ނުދެވޭހާ ހިނދަކު މި ރައްޔިތުންގެ މައުސޫމު ލެއިން ފުލުހުންގެ އިސްވެރިންގެ އަތްތައް ވާނީ ތަތްތެޅިފަ އެވެ.
މިފަހުން ވެސް، ސަރުކާރު ހިންގާ ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި އިދިކޮޅު މަޖިލީހުގެ މެންބަރަކު ކުދިކުދި ކޮށްލާނެ ކަމުގެ އިންޒާރު ދިނުމުން ފުލުހުންނަށް އެކަމުގައި ސީރިއަސްއެއް ނުވި އެވެ. މީޑިއާއިން އެކަމުގައި ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ވިދާޅުވީ، ދެން އެކަހަލަ ކަންތައްތައް ހުންނަ ގޮތް އިނގޭ ނޫން ހެއްޔެވެ. ނޫން ނަމަ، އެ މައްސަލަ ހުށަހެޅީމާ ބަލާނެ ނޫން ހެއްޔެވެ؟ މިއީ ފުލުހުންގެ ވާހަކަ ހުންނަ ގޮތެވެ. އެކަމަކު ސަރުކާރާ ދެކޮޅު ސިޔާސީ މީހެއްގެ ތަހުގީގެއް ނަމަ ދެން ކަންވާގޮތް އަހަރުމެން އެންމެނަށް ވެސް އެނގެ އެވެ. ފުލުހުން އެހާމެ ސީރިއަސް އެވެ. ފުލުހުންގެ ހުރިހާ ރިސޯސްއެއް އެކަމަށް ހާއްސަކޮށް އެ މީހުން ފަހާދުވެ އެވެ. ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ހިދުމަތް ކުރުމުގައި ފުލުހުން ވަރަށް ހީވާގި އެވެ. އެކަމަކު ނިކަމެތި ރައްޔިތު މީހާގެ ކަމެއް ވީމާ ކަހާތަން ހިރުވައިވެސްލާހެން ހިއެއް ނުވެ އެވެ. އެހެންވީމާ، އިންސާފަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ބުރަވާ އެއްޗަކަށް އޮންނަނީ ވެފަ އެވެ. އިންސާފަކީ ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ސަރުކާރުގެ އިސްވެރިންގެ މިލްކަކަށް ހެދުމުގެ ސަގާފަތް މިހާރުވެސް އަދި އެހާރުވެސް މި ދަނީކުރިއަށެވެ. އެކަމަކު މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ މި އިންސާފު މިހެން އޮންނަހާ ދުވަހަކު އަމާން ވެއްޓެއްގެ ހައްގުން އަހަރުމެން ރައްޔިތުން ތިބޭނީ މަހުރޫމުވެފަ އެވެ. ބިރެއް ނެތި މަގުމަތީގައި ހިނގާލާފައި ދިޔުމުގެ ހައްގެއް އާންމު ރައްޔިތު މީހާއަކަށް ދުވަހަކު ކޮޅުން ވެސް ނުލިބޭނެ އެވެ.