ރާއްޖޭގައި ބާއްވަމުން އަންނަ ފުރަތަމަ އަދި އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޓީވީ ޝޯ މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. މިހާރު ދައްކަމުން އަންނަނީ މި ޝޯގެ ތިން ވަނަ ސީޒަންނެވެ. މި ސީޒަންގެ ގްރޭންޑް ފިނާލޭ މިރޭ އޮންނާނެ އެވެ.
ތިން ވަނަ ސީޒަންގެ ފިނާލޭއަށް އައިރު ބެލުންތެރިންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. އެގޮތުން ބެލުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ފާހަގަކުރެވުނީ އައިޑޮލް އިން މިއުޒިކީ ދާއިރާއަށް ގިނަ ފަންނާނުންތަކެއް ނެރެދޭއިރު، އައިޑޮލް ނިމުމަށްފަހު އެ ބައިވެރިން މި ދާއިރާއިން ނުފެނުމެވެ.
ހާއްސަކޮށް އައިޑޮލްގެ ޓައިޓަލް ގެންދިޔަ ދެ ބައިވެރިން ކަމުގައި ލައިޝާ ޖުނައިދު އާއި އަހްމަދު ތަސްނީމްގެ އަޑެއް ބަޑެއް ނީވެޔޭ ބުނެވިދާނެ އެވެ. ކުރީ ދެ ސީޒަންގައިވެސް ކުޅަދާނަ ބައިވެރިންތަކެއް ފެނިގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން މަދު ބައިވެރިޔެއް ނޫނީ ދާއިރާގެ މަސައްކަތަކުން ނުފެނެ އެވެ.
ފުރަތަމަ ސީޒަންގެ ޓައިޓަލް ލިބުމަށްފަހު ލައިޝާގެ އަޑުން ދެ ލަވައެއް އިވުނެވެ. އެންމެ ފުރަތަމަ ގެނެސްދިން ލަވަ "ހޯދޭ ތޯ މަންޒިލެއް" އަމިއްލަ ރާގެއް ކަމަށް ބުނި ނަމަވެސް އެ ލަވައަކީ ކޮޕީ ރާގެއްކަން ފަޅާއެރި އެވެ. އެ ލަވައަކީ އައިޑޮލްގެ ޓައިޓަލް ގެންދިޔުމަށް ޕީއެސްއެމްއިން ލައިޝާއަށް ރެކޯޑުކޮށްދޭނެ ކަމަށް ބުނި އަލްބަމްގެ ފުރަތަމަ ލަވަ އެވެ.
އެ ލަވައަކީ ކޮޕީއެއްކަން އެނގުމުން އެ މައްސަލަ ބޮޑުވެ، އެންމެފަހުން ލައިޝާ އެކަމަށް ފޭނުންގެ ފަރާތުން މައާފަށްވެސް އެދުނެވެ. އެއީ މީގެ އަހަރެން ކުރިންނެވެ. އޭގެފަހުން ލައިޝާގެ އަޑުން އިވިގެންދިޔައީ މީގެ 11 މަސް ކުރިން އެކްސެލް އެނާޖީ ޑްރިންކް އިސްތިހާރު ކުރުމަށް އިނގެރޭސި ބަހުން އޭނާ ކީ ލަވައަކުންނެވެ.
ތަސްނީމް އައިޑޮލްގެ ޓައިޓުލް ގެންދިޔަ ފަހުން މިހާތަނަށް ހަބަރެއް ދަބަރެއްވެސްވެފައެއް ނުވެ އެވެ. އުފަން ރަށް މާފުށީގައި ބޭންޑަކާއެކު މިއުޒިކު ކުޅުނު ނަމަވެސް ޕަބްލިކްކޮށް އޭނާ ޕާފޯމްކުރާތަނެއް އަދި އަމިއްލަ ލަވައެއްވެސް އަހަރެއްވީއިރު ނެރެފައެއް ނުވެ އެވެ.
އައިޑޮލްގެ ޓައިޓުލް ހޯދުމާއެކު މި ދެ ބައިވެރިންނަށް އަމިއްލަ އަލްބަމަކަށް ލަވަކިޔުމަށް ފުރުސަތުވެސް ލިބުނެވެ. ނަމަވެސް އެއިން އަލްބަމެއްގެ ލަވަތަކެއް މިހާތަނަށްވެސް އަޑުއެހި މީހެއްވެސް ނެތެވެ.
ދައުލަތުގެ މީޑީއާ ޕީއެސްއެމް އިން ކޮންމެ ސީޒަނެއްގައި ގަދަ ދިހައަކަށް ހޮވޭ ބައިވެރިންގެ ޓެލެންޓު ކުރިއެރުވުމަށް ކޮންޓްރެކްޓެއްގައިވެސް ސޮއިކުރެ އެވެ. ނަމަވެސް މިހާތަނަށްވެސް އެ ކޮންޓްރެކްޓުގެ ދަށުން ވީ މޮޅެއް ފެންނާކަށް ނެތެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއްކޮށް އިންޓަނޭޝަނަލް ޝޯއެއް ބާއްވާ، ރައްޔިތުން އަތު ހޯދި ފައިސާގެ ވޯޓުން ވީ ފައިދާއެއް ކޮބާ ހެއްޔެވެ.
އައިޑޮލްގެ ޓައިޓުލް ގެންދިޔަ ދެ ބައިވެރިންނަށްވުރެ މިދިޔަ ދެ ސީޒަނުގައި ރަނަރަޕްއަށް ހޮވުނު ބައިވެރިންނާއި އިތުރު ބައިވެރިންވެސް ދައިރާގައި ހަރަކާތްތެރިވާ މިންވަރު ގިނަ އެވެ.
މި ފްރެންޗައިޒް ގެނެސްދޭ އެހެން ގައުމުތަކުގައިވެސް ޝޯއިން ނިކުންނަ ބައިވެރިންގެ ދާއިރާގައި ހަރަކާތްތެރިވެ އެވެ. އެ ގައުމުތަކުގެ މިއުޒިކު އިންޑަސްޓްރީތަކުގައި އެންމެ ކުރީގައި މިއަދު ތިބީ އެ ބައިވެރިންނެވެ.
ރާއްޖެ ކަހަލަ އާބާދީ ކުޑަ ގައުމަކަށް އައިޑޮލްގެ ގެނެސްދެނީވެސް މާ އަވަސް އަވަހަށްކަން ފާހަގަކުރެވެ އެވެ. ކޮންމެ އަހަރަކު ސީޒަނެއް ގެނެސްދިނުމުގެ ބަދަލުގައި ދެ އަހަރު އެއް އަހަރު ސީޒަނެއް ގެނެސްދިނުން ރަނގަޅުވާނެކަމަށްވެސް ބެލުންތެރިން ބުނެފައިވެ އެވެ.
މި ސީޒަނާއެކު ޕީއެސްއެމް އިން ފްރިމެންޓަލް މީޑިއާއާއެކު އައިޑޮލް ދެއްކުމަށްވެފައި އޮތް ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތުވެސް ހަމަވާނެ އެވެ. އެހެން ސީޒަންތަކާއި އަޅާ ބަލާއިރު މި ސީޒަންގެ ފޯރިވެސް ކުޑަ އެވެ.