ރަސްފަންނު

ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވައިފި

  • މި ބްރޭންޑް ކުޅުއްދުއްފުޓާއި އައްޑުއަށް
  • އާބާދީ ބޮޑު ރަށްރަށް ފްރެންޗައިސްތައް ގެންދާނެ
  • ފުރަތަމަ އައުޓްލެޓް ހުޅުވައި ދެއްވީ މެޑަމް

މާލޭގެ ރަސްފަންނުގައި ތަރައްގީ ކޮށްފައިވާ ޕެވީލިއަންގައި އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ، "ގްލޯރިއާ ޖީންސް ކޮފީ" އައުޓުލެޓް މިރޭ ހުޅުވައިފި އެވެ. ޕެވީލިއަންގައި ފުރަތަމަ ފަހަރަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވާދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އެވެ. އެކަމަނާ އެ ހިދުމަތް ހުޅުވައި ދެއްވުމާއެކު ހަވާ އަރުވާފައި ވެއެވެ.

ދުނިޔޭގެ އެންމެ ޒަމާންވީ އެއް ކޮފީ ޗެއިން ކަމަށްވާ ގްލޯރިއާ ޖީންސް ކޮފީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ގްލޯރިއާ އޮސްޓްރީލިއާގެ ފްރެންޗައިޒް ބްރޭންޑެއް ރާއްޖޭގައި ހުޅުވާއިރު އެ ބްރޭންޑް ވަރަށް އަވަހަށް އައްޑޫ ސިޓީއާއި ހދ. ކުޅުއްދުއްފުށީގައި ވެސް ހުޅުވާނެ ކަމަށާއި އޭގެ އިތުރުން ބޮޑެތި އާބާދީތަކުގައި ވެސް އެފެދަ އެހެން ފްރެންޗައިޒްތައް ހުޅުވާނެ ކަމަށެވެ. އޭގެ އިތުރުން އެ ގްލޯރިޔާ ޖީންސް ކޮފީގެ ހިދުމަތް ދިނުމަށް 80 ޕަސަންޓު ދިވެހި ޒުވާނުން ވަޒީފާއަށް ނެރޭނެ ކަމަށް ކުންފުނިން ޔަގީންކަން ދޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ދުނިޔޭގެ ބޮޑެތި ބްރޭންޑުތައް ރާއްޖެ އައުމަކީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތައް މާޔޫސްވާ ދުވަހެއް ކަމަށާއި އެހެންވެ ރާއްޖެ ތަރައްގީއަށް ހުޅުވޭ މި ޒަމާނަށް ވަޑައިގަންނަވަން އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން،" ސައީދު ވިދާޅުވި އެވެ.

ގްލޯރިއާ ޖީންސް ކޮފީ ހުންނަނީ މާލޭގައި ފެންމަތީގައި ތަރައްގީކުރި ފުރަތަމަ ޕެވީލިއަންގެ ތިން ވަނަ ފްލޯގަ އެވެ. އަދި މާލޭގެ ފުރަތަމަ އޯވަހެޑް ބްރިޖް ވެސް ހިމެނޭ ރަސްފަންނުގެ މޫދަށްވާ ގޮތަށް ތިން ފްލޯއަށް ހަދާފައިވާ ޕެވީލިއަން ހުޅުވާއިރު ގްލޯރިޔާ ޖީންސް ކޮފީގެ އިތުރުން އެހެން ފްރެންޗަައިޒްތަކެއް ވެސް ގެނައުމަށް ވަނީ ނިންމައިފަ އެވެ. މިރޭ މި ހިދުމަތް ފެށީ ތިން އެންޖީއޯއެއް އެންޑޯސް ކުރުމާއެކު އެވެ.

މިރޭ ގްލޯރިއާ ޖީންސް ކޮފީ ހުޅުވި އިރު ދުނިޔޭގެ 39 ގައުމެއްގައި މި ބްރޭންޑްގެ 800 އަށް ވުރެ ގިނަ އައުޓްލެޓް ހުރެއެވެ. މި ދުވަސްވަރަކީ ދުނިޔޭގެ މަޝްހުރު ބޮޑެތި ބްރޭންޑްތައް ރާއްޖެއަށް ތައާރަފު ކުރުން އިތުރު ދުވަސްވަރެކެވެ.