މިއުޒިކް

ޝަލަބީގެ އާ ލަވަ: ހާއްސައީ އޯޓިސްޓިކް ކުދިންނަށް

އަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އަނެއްކާވެސް އާ ލަވައެއް ގެނެސްދީފި އެވެ. މިފަހަރު އޭނާ ގެނެސްދިނީ އިއްޔެ ފާހަގަކުރި އޯޓިޒަމް އެވެއަނެސް ޑޭގެ މުނާސަބަތުގައި "މަގޭ ހާއްސަ ދަރިފުޅާއޭ" އެވެ.

މި ލަވަ ރަސްމީކޮށް ރިލީޒްކޮށްދެއްވީ އިއްޔެ އަމީނިއްޔާ ސުކޫލުގައި އޯޓިޒަމް އެވެއަނެސް ޑޭ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. މި ހަފްލާގައި ޖެންޑާ މިނިސްޓަރު އައިޝަތު ޒެނީޝާވެސް ބައިވެރިވެފައިވެ އެވެ.

އަސަރުން ފުރިގެންވާ މި ލަވައިގެ ޅެމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޅެމެކެވެ.

"މިއީ އޯޓިޒަމް ކުއްޖެއްގެ މަންމައެއްގެ އަސްލު ދިރިއުޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލަވައެއް." ޝަލަބީ ބުންޏެވެ. މި ލަވައިގެ ޅެން ތައްޔާރުކޮށްދިނީ ޒުވާން ޅެންވެރިޔާ ނަސްމާ އަބްދުލް މުހުސިން (ނައްކޮ) އެވެ.

ޝަލަބީގެ "މަގޭ ހާއްސަ ދަރިފުޅާއޭ".

ހައުސް އޮފް މިއުޒިކުގެ އުފެއްދުމެއް ކަމަށްވާ މި ލަވައިގެ ރެކޯޑިންއާއި މާސްޓަރިން އަދި މިކްސިންގެ މަސައްކަތްކޮށްދީފައި ވަނީ ގުރަހަޅި ސްޓޫޑިއޯ އެވެ. މި ލަވަ މިހާރު މަޝްހޫރު ދިވެހި މިއުޒިކު އެޕް "ލަވަފޮށި" އިން އަޑުއަހާލެވޭނެ އެވެ.

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ ވަނީ މިދިޔަ ހަފްތާގައިވެސް އާ ލަވައެއް ފޭނުންނަށް ގެނެސްދީފަ އެވެ. އުފަންދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ހީލާ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.