މިއީ އިންޑިއާގެ ހޮސްޕިޓަލެއްގައި ނަރުހަކަށް އުޅެނިކޮށް 1973 ވަނަ އަހަރު ރޭޕްކޮށް، ދިން އަނިޔާތަކާ ގުޅިގެން ކޯމާ އަކަށް ގޮސް ކޯމާއަކުން ހޭލެވި ވެޖެޓޭޓިވް ސްޓޭޓެއްގައި 42 އަހަރު ހޭދަކުރި އަންހެނެއްގެ ވާހަކަ އެވެ.
އޭނާގެ ނަމަކީ އަރޫނާ ޝާންބާގް އެވެ.
ރޭޕްކޮށްގެން ލިބުނު އަނިޔާއިން ހޭނުލެވި، ފާއިތުވި 42 އަހަރު ހޮސްޕިޓަލުގައި ހޭދަކުރި ޝާންބާގް މި ވަނީ އެންމެފަހުން މި ދުނިޔެއާ ވަކިވެގެން ގޮސްފަ އެވެ. އުމުރުން 25 އަހަރުގައި ލިބުނު އަނިޔާ އިން ސަލާމަތްނުވެ އޮވެ އިއްޔެ މަރުވިއިރު 67 އަހަރެވެ.
މުމްބާއީގެ ކޭއީއެމް ހޮސްޕިޓަލްގައި ނަރުހަކަށް އުޅެނިކޮށް އޭނާ އަށް ޖިންސީ އަނިޔާކޮށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނީ އެތަނުގައި އޭރު އުޅުނު މަސައްކަތު މީހެކެވެ. އޭނާ ދިން އަނިޔާތަކުގައި ޝާންބާގުގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި މީހާ ޕެރަލައިޒްވީ އެވެ.
އެއަށް ފަހު އެންމެފަހުން ފުރާނަ ސަލާމަތްވިޔަސް މަޖުބޫރުވީ އޭނާ އަށް އަނިޔާ ލިބުނު ހޮސްޕިޓަލުގައި އުމުރު ދުވަސް ހޭދަކުރާށެވެ. ކޭއީއެމް ހޮސްޕިޓަލުގައި އޭނާ އަށް މިއޮތްހާ ދުވަހު ފަރުވާ ދެމުން ދިޔައީ ނޭފަތަށް ގުޅާފައިވާ ހޮޅިއަކުން ކާން ދީގެންނެވެ.
އެ ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާ މަރުވީ ފުއްޕާމޭގައި ފެން ހެދި ނިއުމޯނިޔާ ޖެހުމުން، އައި.ސީ.ޔޫ ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ޝާންބާގަށް ޖިންސީ އަނިޔާކުރި މީހާއާ ދެކޮޅަށް ރޭޕުގެ ދައުވާ އުފުލާފައި ނުވާއިރު އޭނާ ވަނީ ހަތް އަހަރުގެ ޖަލު ހުކުމަކަށް ފަހު ސަލާމަތްވެފަ އެވެ. މި މީހާ ޝާންބާގަށް ޖިންސީ އަނިޔާކޮށްފައި ވަނީ ޗޭނުގަނޑަކުން އޭނާ ތަނެއްގައި އެއްސުމަށް ފަހު އެވެ.
ރޭޕްކުރި މީހާގެ މައްޗަށް އިންޑިއާ އިން އޭރު ރޭޕްގެ ދައުވާނުކުރީ ރޭޕްގެ ދައުވާ ލިބޭ މައްސަލައެއްގެ ގޮތުގައި ސޮޑްމީ އޭރު އިންޑިއާގެ ގާނޫނުތަކުގައި ފާހަގަކޮށްފައި ނެތީމަ އެވެ.
ޝާންބާގު އެންމެ ފަހުން އިންސާފު ނުލިބި މަރުވެފައިވާއިރު އިންޑިއާގެ އާންމުން ދަނީ ޓްވިޓާގައި "އެކަން ބޮޑު ލަދެއްގެ" ގޮތުގައި ސިފަކޮށް ހިޔާލު ފާޅުކުރަމުންނެވެ.
މީނާގެ މައްސަލަ އަކީ ބަލި މީހާގެ ހާލަތު ނިޔާކުރާ ގޮތުން، މަރުވުމުގެ ފުރުސަތު ގާނޫނަކުން އޭނާ އަށް ދިނުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު ވެސް އިންޑިއާގައި ނިކަން ގަދަކޮށްލި މައްސަލައެކެވެ. ނަމަވެސް މަރުވުމުގެ ފުރުސަތު ޝާންބާގަށް ދިނުމަށް މަސައްކަތްކުރި ހުރިހާ ފަހަރެއްގައި ވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.