ހަބަރު

އަދީބު ދައްކަން ޖެހޭ ފައިސާއެއް ނެތް، އެކަމަށް ނޭނގޭނެ: ވަކީލް

ޖަލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ދައުލަތަށް ފައިސާއެއް ދައްކަން މިހާތަނަށް އެއްވެސް ޝަރުއީ ކޯޓަކުން ހުކުމެއް ކޮށްފައި ނުވާތީ އެމަނިކުފާނު ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި ފޮނުވި ސިޓީއާ ގުޅިގެން ވަކީލް ސިރާޖް ވިދާޅުވީ، ދައުލަތަށް އަދީބް އެއްވެސް ފައިސާއެއް ދައްކަން ޖެހޭކަމަށް ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކޮށްފަ ނުވާކަމަށެވެ. އެހެންކަމުން ހަމައެކަނި އޭސީސީން ނެރުނު ރިޕޯޓަކަށް ބިނާކޮށް ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކަން އަދީބަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިނުގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން ސުޕްރީމްކޯޓުގެ 2012/SC-A/26 ގަޒިއްޔާއިން ސާފުކޮށް އެނގެން އޮންނަކަން ސިރާޖު ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރައްވައި އަދީބަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފޮނުވި ސިޓީގައި އަދީބަށް އަންގާފައިވަނީ ހަތް ދުވަހުގެ ތެރޭގައި ސަރުކާރަށް 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށެވެ. އެ ސިޓީގައިވާ ގޮތުން ފައިސާ ދައްކަން އަންގާފައިވަނީ ނަސަންދުރާ ޕެލެސް ހޮޓަލް ހިންގުމަށް 2010 ވަނަ އަހަރު ގެލަކާސީ އެންޓަޕްރައިޒަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކުވެފައިވާ އެއްބައްވުމުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލާފައިވާތީއާއި އެ މުއްދަތު އިތުރު ކުރުމަށް ފީއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ އެ އެއްބަސްވުމުގައި ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ އެންޕީއެޗް އިންވެސްޓްމަންޓް އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ 74،016000 ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާތީ އެވެ. އަދި އެކަމަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައިވާތީ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން އެކަމަށް އަދީބު ޒިންމާވާން ޖެހޭނެ ކަމަށް ބަލައި އެ ސިޓީ ލިބޭތާ ހަތް ދުވަސް ތެރޭގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ އޭޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.