ހަބަރު

ކަރަންޓު ބޭނުންކުރާ ވަރު 12 ޕަސެންޓް އިތުރުވެއްޖެ

Apr 3, 2018
1

ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ އަދަދު މިދިޔަ އަހަރާ ރެކޯޑު އަދަދަކަށް މަތިވެފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ގައުމީ ކަރަންޓު ކުންފުނި، ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ނިޒާމު ވިދާޅުވީ މެޓް އޮފީހުގެ މައުލޫމާތު ތަކަށް ބަލައި، ސްޓެލްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު މިދިޔަ އަހަރާ ބަލާއިރު ކަރަންޓު ބޭނުންކުރާ އަދަދު ގާތްގަނޑަކަށް 12 ޕަސެންޓް އިތުރުވެފައިވާ ކަމަށް ނިޒާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓު ބިލް ދައްކަން އަންނަ މީހުންގެ ޝަކުވާ ލިބޭ ކަމަށާއި، އެފަދަ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ކަރަންޓު މީޓަރާއި މެދު ޝައްކުވާނަމަ އެކަމަށް ހާއްސަ ފޯމުން އެކަމުގެ ކަންބޮޑުވުން ހުށަހެޅުމުގެ އިންތިޒާމު ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި ދުވަސްވަރު 56 މެގަވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މި އަހަރުގެ މި ދުވަސްވަރު ބޭނުންކުރި ކަރަންޓުގެ އަދަދު 58 މެގަވޮޓަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ކެނޑުން ފަދަ މައްސަލައެއް ކުރިމަތިނުވާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ވަރަކީ އެންމެ ހޫނުގަދަވާ ދުވަސް ވަރެވެ. މޫސުމާ ބެހޭ އޮފީހުގެ ހިސާބުތައް ދައްކާ ގޮތުން މި ދުވަސްވަރު ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއެއްގަ އެވެ.