ހަބަރު

މުދާ އުފުލުމަށް ބަދަލު ގެނައީ ވިޔަފާރިވެރިންނަށް ޖެއްސުމަށް: އިދިކޮޅު

Apr 3, 2018
4

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސް އެކަން ތަންފީޒުކުރުމަށް ސަރުކާރުން މިހާތަނަށް މަސައްކަތްކޮށްފައިވަނީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ޖެއްސުން ކުރުމަށް ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ގައުމުގެ ކަންކަން ކުރައްވަމުން ގެންދަވަނީ "ލާހޫރޭ" މިސާލުގައި ކަމަށެވެ. އެއްވެސް ކަމެއް ކުރައްވާއިރު ކަމުގެ ހަގީގީ މައްސަލައަށް ބެލުމެއް ނެތްކަމަށާއި ކުރައްވާ ކަމެއްގެ ސަބަބުން ފަހުން ނިކުމެދާނެ މައްސަލައަކަށް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތް ކަމަށެވެ. މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލަކީވެސް އެފަދަ ބަދަލެއްގެ ގޮތު އަލީ ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލަކީ ވިޔަފާރިވެރިންނަށް ސަރުކާރުން ކޮށްލި ޖެއްސުމެކެވެ.

"ސަރުކާރުން ކަންކަން ނިންމަނީ ދިރާސާއެއް ބެލުމެއް ނެތި. ތަކެތީގެ އަގު ބޮޑުވުމުން އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ. ކަމުގެ ހަގީގީ މައްސަލަ އޮއްވައި ރައްޔިތުން ބިރުގަންނަވަން މިއުޅެނީ. ވިޔަފާރިވެރިންނަށް ޖެއްސުން ކުރަން މިއުޅެނީ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލައަކީ އެކަށީގެން ނުވާ ވަރަށް ވެހިކަލްތައް އިތުރުވުމެވެ. ނަމަވެސް އެކަމަށް އޮތް ހައްލަކީ ވިޔަފާރި މުދާ ދައުރުވާގަޑި ބަދަލުކުރުން ނޫންކަމަށާއި މިހާ ހިސާބަށް ކަންކަން ދާންޖެހުނީ މިސަރުކާރު ވެރިކަމަށް އައިސް އެއްވެސް ވިސްނުމެއްނެތި މާލޭގެ މަގުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

"މާލޭގެ ތޮއްޖެހުން ބޮޑުވީ ވެސް ސަރުކާރުން ފަހަށް ބެލުމެއްނެތި މަގުތަކަށް ގެނައި ބަދަލުގެ ސަބަބުން، މާލެއަށް އެކަށީގެން ނުވާ މިންވަރަކަށް މީހުން ގެނައުމުން ނުވަތަ އަންނަން މަޖުބޫރުވުމުގެ ސަބަބުން މާލޭގެ ތޮއްޖެހުން މިވަނީ އިތުރުވެފައި. ނިކަން ބައްލަވާ މިއޮއް ތޮއްޖެހުން ބޮޑު މާލޭގައި އިސްލާމީ މަރުކަޒުގެ ދެފަރާތުން އޮންނަ މައި ދެ މަގު އެވަނީ ބައްދާލާފަ. ބައްދާލުމުން އޭގެ ގެއްލުން އެބަ ދައްކާ،" އަލީ ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކަކާއި އުނދަގޫތަކެއް ކުރިމަތިވާކަމަށް އަލީ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގެ ދަށުން މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރުމުން ބައެއް ވިޔަފާރިވެރިން ވަނީ އެކަމުގެ ސަބަބުން ހަރަދުތައް ބޮޑުވެ މުދާ އަގު ބޮޑުވާނެ ކަމަށް ބުނެފަ އެވެ. އަދި ބަނދަރުން މުދާ ނެރެ އުފުލުގައި އުޅޭ މަޖޫރީން ވަނީ އާ އުސޫލާ ގުޅިގެން މަސައްކަތުގެ އަގު ދެ ގުނަ ބޮޑުކޮށްފަ އެވެ. މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މަޖޫރީން އެ މީހުން އެ ހިދުމަތް ދޭ އަގުބޮޑު ކުރާ ނަމަ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.