އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް، ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމި ނިންމުމަކީ އެ ދެ ބޭފުޅުންނަށް އިތުރު އަނިޔާއެއް ދިނުމުގެ ގޮތުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން ޖޭޕީގެ މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޕީޖީ މެންބަރު އަލީ ހުސައިން ވިދާޅުވީ، ދެ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ކަނޑާލާފައިވަނީ ދާދި ފަހުން ފަނޑިޔާރުންގެ ގާނޫނަށް މަޖިލިހުން ގެނައި އިސްލާހާ ވިދިގެން ކަމަށް ވާނަމަ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެ ދެބޭފުޅުން ވެސް ޖަލައްލާފައިވަނީ އެ އިސްލާހު ގާނޫނަށް ގެނައުމުގެ ކުރިން ކަމަށް ވެފައި، ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ހިނގި ކަމަކަށް އެ ގާނޫނުން ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަގާމެއްގައި މީހަކު ދެމިހުރިހާ ހިނދަކު އެމީހަކަށް ދޭންޖެހޭ މުސާރައާ އިނާޔަތްތައް ދޭންޖެހޭނެ ކަމަށެވެ.
"އެމީހެއްގެ މަގާމުގައި ދެމި ހުންނަހާ ހިނދަކު މުސާރަ ސަސްޕެންޑް ކުރަން ނިންމުމަކީ ގަބޫލުކުރާ އިންސާފުގެ އުސޫލުތަކާއި ހަމަތަކާ ހިލާފު ކަމެއް. އެ ދެ ބޭފުޅުންގެ ވެސް އާއިލާ އާއި ހަރަދުކުރަންޖެހޭ މީހުން ތިބޭނެ. އެހެންވީމާ ދެ ބޭފުޅުން ވަޒީފާއިން ވަކިކުރުމެއް ނެތި މުސާރައާއި އިނާޔަތް ކަނޑާލުމަކީ އެ ދެ ބޭފުޅުންނަށް ދެވޭ އިތުރު އަނިޔާއެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
މިއަދު ނިންމާފައިވަނީ ދާދިފަހުން ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި ބަދަލާ އެއްގޮތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގައި ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވި، ސަސްޕެންޑް ކޮށްފި ނަމަ އެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެ އެވެ.
އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ހިމެނޭ ގޮތަށް ގިނަ ދައުވާތަކެއް ވަނީ ކޮށްފަ އެވެ. އެބޭފުޅުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެވެ.