ސަރުކާރުގެ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކެއް މާލެ އާއި އަތޮޅުތަކުގައި ހިންގަމުން ދިޔަ، މޯލްޑިވްސް ރޯޑް ޑިވަލޮޕް ކޯޕަރޭޝަން (އެމްއާރުޑީސީ) ކުއްލި ގޮތަކަށް އުވާލުމަށް ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އިކޮނޮމިކް ކޮމިޓީ އިން އެކުލަވާލި ރިޕޯޓަކަށް ބަލައި ސީދާ ރައީސް އަބްދުﷲ ޔާމީން އެ ނިންމުން ނިންމެވީ، ކުންފުނީގެ މާލީ ހާލަތު ގޯސްވެ ކުންފުނި އިތުރަށް ކުރިއަށް ނުގެންދެވުމުން ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކުންފުންޏަށް އިތުރަށް ފައިސާ އެޅެން ނެތިގެން ކުންފުނީގައި ބަންދު ބޯޑް އަޅުވާއިރު އާންމުންނާ ހަމަޔަށް ހަގީގަތް އެނގެން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. މައްސަލައަކަށް ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައި ވާތީ އެވެ. ފެށުނީއްސުރެ ވެސް އެމްއާރުޑީސީ އަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވިފައި ވުމުން އެކަންތައްތަކުގެ އަޑި އެނގެން ޖެހޭ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އެމްއާރުޑީސީ އިން ހިންގި އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކުގައި ކޮރަޕްޝަން ހިނގަމުން ދިޔަކަން އައީ ފުލުފުލުގައި ފަޅާއަރަމުން އެވެ. އެކަމަކު އޭގެން އެއްވެސް ކަމެއް ސާފުނުވެ އޮވެ އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް އެ ދަނީ ހަމަ އެންމެ ބާރުސްޕީޑްގަ އެވެ.
އެމްއާރުޑީސީގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަވީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެ ކުންފުންޏާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލި އޮޑިޓް ރިޕޯޓެއް ދިރާސާކުރުމުގެ ތެރޭގަަ އެވެ. އެ ކުންފުނީގެ ހާލަތުގެ ސީރިއަސްކަން އޭރު ކޮމިޓީއަށް ތިލަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕިއެމްއަށް ނިސްބަތްވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ. އޭނާ ވަނީ އެމްއާރުޑީސީއަށް ބޮޑު ގެއްލުމާ ކުރިމަތިވާތީ އެ ކުންފުނީގެ ހިންގުމާއި އެ ކުންފުނީގެ ފައިސާ ހަރަދު ކުރާ ގޮތް ބަލަން ޖެހޭ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވައިފަ އެވެ. އެކަމަކު އެ ދުވަހު ކޮމިޓީގައި އެކަމާ މެދު ވާހަކަ ދެއްކުން ނޫން ކަމެއް ވެފައެއް ނެތެވެ. އެމްއާރުޑީސީގެ ވެރިން ކޮމިޓީއަށް ގެނެސް މައްސަލަ އިތުރަށް ދިރާސާކުރި ކަމެއް ރެކޯޑްތަކުން އެނގޭކަށް ނެތެވެ.
މަގު ހެދުމާއި މަގުތައް މަރާމާތުކުރުމުގެ މަގުސަދުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އެމްއާރުޑީސީ އަށް ލިބެން ޖެހޭ 17.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެކަން އެހެން ވެފައި ވަނީ އެ ފައިސާ ހޯދަން ކުންފުނިން މަސައްކަތް ނުކުރާތީ ކަމަށެވެ. އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ކުންފުންޏަށް 2012 ވަނަ އަހަރު ލިބުނު ޖުމްލަ ފައިދާ 39 ޕަސެންޓް އަދި 2013 ވަނަ އަހަރު 34 ޕަސެންޓް، 2014 ވަނަ އަހަރު 41 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި އެ ކުންފުނީގެ މެންޑޭޓްގައި ނުހިމެނޭ ކަންކަން ކަމަށްވާ، ބައެއް ރަށްރަށުގެ ފުޓްސަލް ދަނޑުތައް ހެދުމާއި ކުނި ނައްތާލުމުގެ މަސައްކަތާއި ވެލި ނަގައިގެން ވިއްކުމުގެ މަސައްކަތްކުރަމުން ގޮސްފައިވާކަން އެ ރިޕޯޓްގައި އޭރު ފާހަގަ ކުރި އެވެ. އެ ރިޕޯޓަށް މާބޮޑެތި ފިޔަވަޅުތަކެއް ނޭޅި އޮތީ އެވެ.
އޭގެ ބަދަލުގައި އެ ކުންފުންޏާ އައީ ބޮޑެތި މަޝްރޫއުތައް ހަވާލުކުރަމުން އެވެ. އެއްވެސް ބަލައިލުމެއް ނެތި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނީގެ ކޭޝްފްލޯގެ ތެެރެއަށް ދިޔައީ ދޫކުރަމުން އެވެ. އޮޑިޓާ ޖެނެރަލް 2017 ވަނަ އަހަރު ނެރުއްވި ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ހައުސިންގެ ބަޖެޓުން އެމްއާރުޑީސީއަށް ގަވާއިދާހިލާފަށް ވަނީ 120 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެކި ރަށްރަށުގައި ހިންގި މަޝްރޫއުތައް އެ ކުންފުނިން ނުނިންމި ނަމަވެސް ހައުސިން އިން ވަނީ އެ ކުންފުންޏަށް ފައިސާ ދީ ހަލާސްކޮށްފަ އެވެ. އެކަން ކުރީ ފިނޭންސް އާއި އޭސީސީގެ އާ ބަސް އޮވެގެން ކަމަށް ހައުސިން އިން ބުނި ނަމަވެސް އެއީ ދޮގެއްކަން ފަޅާއަރާފައިވާ ކަމަށް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުން މިފަދަ ގިނަ މައްސަލަތައް އެމްއާރުޑީސީއާ މެދު ފެންމަތިވެފައި ވަނިކޮށް، 2014 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ބޭނުންވާ ސިމެންތި ގަތުމަށް ރެއިޒް ކްރައުން ކިޔާ ކުންފުންޏަކަށް އެޑްވާންސަށް 10 މިލިއަން ރުފިޔާ ދިނުމަށް ފަހު އެމްއާރުޑީސީ އިން އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ އެއްބަސްވުމުން އެމްއާރުޑީސީއަށް ގެއްލުންވެފައިވާ މައްސަލައެއް ވަނީ ފެންމަތިވެ އޭސީސީއިން ބަލައިފަ އެވެ. އަދި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ވާދަވެރި ބީލަމެއްގެ ތެރެއިން ނޫން ކަމާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއިން އެމްއާރުޑީސީއަށް މާ އަގުހެޔޮކޮށް ސިމެންތި ފޯރުކޮށްދެވެން އޮއްވާ ރެއިޒް ކްރައުންއަށް އެ މަސައްކަތް ހަވާލުކުރިކަން ވަނީ ފަޅާއަރައިފަ އެވެ. އެ މައްސަލަ ތަހުގީގުކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި، އިބްރާހިމް ނަޒީމްގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީގައި އެދުނެވެ. އަދި ނަޒީމް ކުންފުނީގެ އެމްޑީކަމުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ބަދަލުވެސް ކުރި އެވެ. އަދި އެ ކުންފުނީގެ ޗެއާއަކަށް ހުންނެވި ރިޔާޒް ވެސް ކުއްލިއަކަށް އިސްތިއުފާދެއްވި މަންޒަރު ފެނުނެވެ. އެހެން ނަމަވެސް، އެ މުއާމަލާތަކީ ނަޒީމް އެކަނި ހިންގި މުއާމަލާތަކަށް ނުވާތީ ނަޒީމްގެ މައްޗަށް އެކަނި ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ޕީޖީ އިން ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިވެސް ލައިފަ އެވެ. އެއަށް ފަހު އެމްއާރުޑީސީއަށް ގެއްލުންވި ފައިސާއަށް ވީނުވީއެއް ނޭނގި އެ މައްސަލަ ވެސް އެ ހިސާބުން ހިނދުނީ އެވެ. ގެއްލުންވި ފައިސާ އަނބުރާ އެމްއާރުޑީސީއަށް ހޯދަން އޭސީސީ އިން ލަފާދިން ނަމަވެސް އެ ފައިސާ ހޯދުމުގެ ކަންކަން ވީހިސާބެއް ވެސް ނޭނގެ އެވެ.
އެއަށްފަހު، އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ އާ މައްސަލައެއް އަނެއްކާ ވެސް އާންމުންނަށް ފެންމަތިވީ، 2017 ވަނަ އަހަރުގެ ތެރޭގައި އާންމުވި އޯޑިއޯއަކުން އެވެ. އެ ކުންފުނީގެ ބޯޑްގެ ދެ މެންބަރަކު ފޯނުން ދެއްކެވި ވާހަކަތަކެއް ކަމަށް ބުނާ، އެ އޯޑިއޯއިން ފެންމަތިވި ގޮތުގައި ތައިލެންޑުގެ ޕެރަގަން ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއާރުޑީސީއަށް ވެހިކަލް ގަންނަން އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ މަޝްރޫއު ހަވާލުކުރީ އެންމެ ހެޔޮ އަގު ހުށަހެޅި ކުންފުންޏަށް ވުރެން 2.7 މިލިއަން ޑޮލަރު (41 މިލިއަަން ރުފިޔާ) ބޮޑު އަގެއްގަ އެވެ. އެހެން ނަމަވެސް، އެ ކުންފުނިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެއީ އޭސީސީ އިން ވެސް ކޮރަޕްޝަން ނެތް މައްސަލައެއް ކަމަށް ނިންމި ކަމަށް ބުނެފަ އެވެ. އެ އޯޑިއޯގައި ބޯޑްގެ ދެ މެންބަރުން ކަމަށް ބެލެވޭ ބޭފުޅުން ވަނީ އެ ކުންފުނިން ކޮރަޕްޝަންތައް ހިންގަނީ ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުން ބުނެގެން ކަމަށާއި އެކަމުން އެބޭފުޅުންނަށް ބޮޑެތި މަންފާތަކެއް ލިބޭ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ކުންފުނީގެ އޮޑިޓް ކޮމިޓީއިން ވެސް ކަންކަން ނުބަލާ ކަމަށާއި ވެހިކަލްތައް ގަތުމުގެ ކަންކަން ވެސް ކުރީ ވާދަވެރި ބީލަމެއްގެ ތެރެއިން ނޫން ކަމަށް ވެސް އެ އޯޑީއޯގައި ވާހަކަ ދައްކާ ބޭފުޅުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މިއީ ކޮރަޕްޝަންގެ ހާޔެއްގެ ގޮތުގައި އޮތް ކަމަށް ބުނާ އެމްއާރުޑީސީގެ ތެރެއިން އާންމުންނާ ހަމަޔަށް ތިލަވެފައި ހުރި ވަރަށް މަދު މައްސަލަތަކެއްގެ އަދި ކުޑަ މިންވަރެކެވެ. އެ މައްސަލަތަކުގެ ބޮޑު މަންޒަރަށް ބަލާއިރު ކުންފުންޏަށް ގެއްލުންވާ ގޮތަށް، ނޫނީ އާންމުންނަށް އެކަން ކަމުގެ ހަފަރާތް ނުފެންނަ ގޮތަށް އެ ކުންފުނިން ވަނީ ތަފާތު މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެކި ފަރާތްތަކަށް ފައިސާ "ހަދިޔާ"ކޮށްފަ އެވެ. އެހެން ނަމަވެސް، އެ ކަންތައްގަނޑުގެ ފުނަށް ދެވި އެމްއާރުޑީސީގެ ތެރޭގައި ހިޔާނާތުގެ ވެއްޓެއް އުފެދެން ދިމާވި ހަގީގީ ސަބަބުތަކުގެ ތެރެއަށް ނުދެވެނިސް ކުންފުނި މި އޮތީ ބަންދުކުރަން ޖެހިފަ އެވެ. ގަބޫލު ކުރެވޭ ގޮތުގައި މިއަށް ވުރެވެސް ގިނަ ހިޔާނާތްތައް މި ކުންފުނީގެ ތެރޭގައި ވެސް ހިނގާފައި ހުރެދާނެ އެވެ. އެކަމަކު އެ ކަންކަން ބެލޭނެ ދޮރު މިއޮތީ މިހާރު ގާތްގަނޑަކަށް ބަންދުވެފަ އެވެ. ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލައި އެތަނުގައި ތިބި މުވައްޒަފުންނާއި މަސައްކަތް އަދި ހަރުމުދާ މިހާރު ވަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި ކުންފުނި އުވާލުމަށް އޮޑިޓަރެއް ހަމަޖައްސައި އެކަން ވެސް އެދަނީ ކުރިއަށެވެ. އެހެންވީމާ، މި ކުންފުނީގެ ތެރެއިން ހިނގި ބޮޑެތި ކަންތައްތައް ރަނގަޅަށް ބަލައި ފައިސާއެއް ގެއްލިފައިވާ ނަމަ އެ ފައިސާއެއް ހޯދޭނެ މަގެއް ދެން ދެނެގަތުން އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.
މީގެ އިތުރަށް އެމްއާރުޑީސީގައި އެތައް މުވައްޒަފުންނެއް ތިބީއިރު އެ ހުރިހާ މުވައްޒަފުންގެ ބުރަ ހައުސިންއިން އުފުލަން ޖެހިފައިވާ އިރު ބަޖެޓަށް އަންނާނީ ކިހާވަރެއްގެ ބުރައެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ހައުސިން އުފުލަން ޖެހެނީ ކިހާވަރެއްގެ ބުރައެއް ހެއްޔެވެ؟ އެމްއާރުޑީސީގައި އެތިބަ ހުރިހާ މުވައްޒަފުންނަކީ ހަމަ ބޭނުންވާތީ ނަގާފައި ތިބި މުވައްޒަފުން ހެއްޔެވެ؟ މިހުރީ މި ކުންފުނި އުވާލާއިރު ހައްތަހާ ވެސް އުފައްދަން ޖެހޭ ސުވާލެވެ. ރައްޔިތުން ޖަވާބު ބޭނުންވާ ސުވާލުތަކެވެ.
އެމްއާރުޑީސީ އުވާލުމާ މެދު ތަކުރާރުކޮށް މައުލޫމާތު ހޯދަން އުޅުނު ނަމަވެސް އެކަމާ މެދު ޗުޕުވެސް ބުނެލަން ސަރުކާރުން ބޭނުމެއް ނުވެ އެވެ. ތަކުރާރުކޮށް އެ މައުލޫމާތު ހޯދަން އުޅުނު ނަމަވެސް، އެ މައުލޫމާތު ފަހުން ބަލާފައި ދޭނަމޭ ވިދާޅުވެ ކޮންމެ ބޭފުޅަކުވެސް ފަހަތު ފަޔަށް ބުރަވަނީ އެވެ. ފެންނަ ފެނުމަށް ސަރުކާރުން ބޭނުންވަނީ އެ ކުންފުނީގެ ތެރެއިން ހިންގި ކަންކަމަކީ ވެސް މާޒީ ކަމުގައި ބަލައި އެ ކަންކަން މުޅި އުމުރަށް ހަނދާން ނައްތާލާށެވެ. އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އެ ކުންފުނީގެ ތެރޭގައި ދައުރުވި އިރު އެ ފައިސާއަށް ވީގޮތް އެނގުން އެއީ ރައްޔިތުންގެ ވެސް ހައްގެއް ނޫން ހެއްޔެވެ؟ އެމްއާރުޑީސީ އުވާލުމަކުން އެ ކުންފުނީގެ ތެރެއިން ހިނގާދިޔަ ފަސާދަ އެއީ ނުވާކަމަކަށް ނުވާނެ އެވެ. އަދި ނުހިނގާ ކަމެކޭ ބުނެ އެކަން އުމުރަށް ހަނދާން ނައްތައެއް ވެސް ނުލެވޭނެ އެވެ. އަދި ކޮރަޕްޝަން ފަޅާއެރުމުން އެ ކުންފުނީގެ ވެރިން ވަކިކޮށް ފިޔަވަޅު އެޅިކަމަށް ބުނުމަކުން އަދި އެކަމެއް ނުނިމޭނެ އެވެ.