ރިޕޯޓް

ކަޅުވަކަރު މިސްކިތައް ވީނުވީއެއް ނޭނގުނު

ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވާނެ ކަމަށް ބުނަމުން އެވެ. އެހެން ނަމަވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެ މިސްކިތް އަލުން ތިނަދޫގައި އަދި ބަހައްޓާފައެއް ނުވެ އެވެ. އެކަމަކު އެ މިސްކިތް އެ ރަށުގައި ރޭވުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ވެސް އިނގޭ މީހަކު ނެތެވެ.

ކަޅުވަކަރު މިސްކިތަކީ މި ފަހުގެ ތާރީހެއްގައި އެ ތަނަކާ ގުޅޭގޮތުން އެންމެ ގިނައިން ވާހަކަ ދެކެވުނު އެއް މިސްކިތެވެ. ވަޒަން ބަދަލުކުރުމުގެ ދިގު މާޒީއެއް އޮތް ކަޅުވަކަރު މިސްކިތް އެ ހުރިތަނުން ނެގި ފަރާތްތަކަށް ވެސް މިވަގުތު އެ މިސްކިތް ވީ ތަނެއް ބުނެދޭން ނޭނގުނެވެ.

މިހާރު "ރަސްރަނި" ގެ ނަމުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ކުރީގެ "ސަލްޓަން ޕާކް" އިރުދެކުނު ކަނުގައި ކުރިން ހުރި ކުޑަކުޑަ މިސްކިތަކީ 200 އެއްހައި އަހަރުގެ ދިގު ތާރީހެއް އޮތް، ތާރީހާ ގުޅޭ ގިނަ ވާހަކަތަކާ ގުޅިފައިވާ މިސްކިތެކެވެ ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ހައިރާންކުރުވަނިވި ރީތި ސިފަތަކެއް ލިބިފައިވާ މިސްކިތެކެވެ. އެއީ އިހުގެ ދިވެހިންގެ ހިރިގަލުގެ ފަންނުވެރިކަމާއި ކުޅަދާނަ އެތައް އަތްތެރި މަސައްކަތްތަކެއް ފެންނަންހުރި އަގުހުރި ބިނާއެކެވެ.

މި އަގުހުރި ތާރީހީ ބިނާ މިހާރު ކޮބައި ހެއްޔެވެ؟ ކަޅުވަކަރު މިސްކިތް ތިނަދޫގައި ބަހައްޓައިފި ހެއްޔެވެ؟ އާންމު އުސޫލަކުން ޖަވާބު ދޭނަމަ ދޭން އޮތް ޖަވާބަކީ "ނޭނގޭ" އެވެ.

ކަޅުވަކަރު މިސްކިތުގެ ވާހަކަ ތާރީހީ އެހެން ތަންތަނަށްވުރެ ބޮޑަށް ދެކެވޭ ސަބަބެއް އެބަ އޮތެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސަލްޓަންޕާކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށި މަސައްކަތްތަކުގެ ތެރޭގައި މި ކުޑަކުޑަ މިސްކިތް ދާނޭ ދިމާލެއް ނެތި "މަގުމަތި"ވުމަކީ މީގެ އެންމެ ބޮޑު އެއް ސަބަބެވެ. އެންމެ ފުރަތަމަ ނިންމީ ހުޅުމާލޭގައި ހެރިޓޭޖް އައިލަންޑްގެ ގޮތުގައި ތަރައްގީކުރަމުންދާ ފަރުކޮޅުފުއްޓަށް މިސްކިތް ގެންދިއުމަށެވެ. ނަމަވެސް އޭގެ ފަހުން ހައުސިން މިނިސްޓްރީން ނިންމީ މިސްކިތް ތިނަދޫއަށް ގެންގޮސް އެރަށުގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ރާވާށެވެ.

އޭރު ހައުސިން މިނިސްޓްރީން ބުނީ، މިސްކިތް ތިނަދުއަށް ގެންދާނީ ވަރަށް ރައްކާތެރިކޮށް ހާއްސަ ޕެކިންއެއްގައި ކަމަށެވެ. މިސްކިތް ބެހެއްޓުމަށް ތިނަދޫއިން ހާއްސަކުރި ބިން ސާފުކޮށް ރީތިވެސް ކުރި އެވެ. ތިނަދޫގެ މެދުތެރޭގައި އޮތް އެ ބިން އެއްކޮށް ހާއްސަކުރީ މިސްކިތް ބަހައްޓައި އެތަން ރީތިކޮށް ޒީނަތްތެރި ކުރުމަށެވެ. ނަމަވެސް އޭގެ ފަހުން އެ ބިމުގައިވެސް އިތުރު މަސައްކަތެއް ނުކޮށް އެތަން އެއޮތް ގޮތަށް މިއަދާ ހަމަޔަށް ވެސް އޮތީ އެވެ. މިސްކިތް ތިނަދޫގައި ބެހެއްޓުމާ ގުޅޭ މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއަށް ގުޅިޔަސް މައުލޫމާތު ލިބޭގޮތެއް ނުވެ އެވެ. ތި މައުލޫމާތަކީ ސާފުކުރަން ޖެހޭ މައުލޫމާތެއް ކަމަށް ބުނެ، އުޒުރު ދައްކަނީ އެވެ.

"މިސްކިތާ ބެހޭ މައުލޫމާތެއް މިހާރު އަޅުގަނޑުމެންނަކަށް ވެސް ނޭނގެ. ކުރީގެ ކައުންސިލަށް ވެސް ލިބިފައި އޮތް މައުލޫމާތަކީ މިސްކިތް ތިނަދޫއަށް ބަދަލުކުރަން ނިންމިކަން. އެކަމަކު އޭގެ ފަހުގެ އެއްވެސް މައުލޫމާތެއް ނޭނގެ،" ތިނަދޫ ކައުންސިލް މެންބަރު އަލީ އަމްޖަދު ވިދާޅުވި އެވެ. "އެކަމާ ގުޅޭ ލިޔެކިޔުމެއް ވެސް ނެތް،"

ރާއްޖޭގެ ތާރީހީ ތަންތަނުގެ ބެލެނިވެރި ފަރާތްކަމަށްވާ ހެރިޓޭޖް ޑިޕާޓްމަންޓްގެ ބޭފުޅަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތް ތިނަދޫއަށް ބަދަލުކުރާނެ އެވެ. އެވަރަށް އެކަން ޔަގީންވެ އެވެ. ނަމަވެސް ބަދަލުކުރާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އަދި މިސްކިތުގެ ބައިތައް މިވަގުތުވީ މާލޭގައި ކަމެއް ވެސް ކަށަވަރުކޮށް ބުނާކަށް އެޑިޕާޓްމަންޓަކަށް ވެސް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ސަބަބަކަށް ވަނީ އެ މިސްކިތުގެ ބައިތައް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި ނެތުމެވެ.

"އެ މިސްކިތުގެ ބައިތައް ވީތަނެއް އެނގޭނީ ހައުސިން މިނިސްޓްރީއަަށް،" ހެރިޓޭޖްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މިސްކިތުގެ ބައިތައް ވީތަނެއް ބުނެދޭން އެނގޭ ސަރުކާރުގެ އިދާރާއެއް ނެތް އިރު ހެރިޓޭޖް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ އަލީ ވަހީދު ވަނީ އެ މިސްކިތް ހުރިތަނުން ނަގާފައި ވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އާސާރީ ބިނާތައް އެގޮތަށް ވާނުވާ ނޭނގި ގެއްލިގެން ދިޔުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ތާރީހު އޮޅޭނެ ކަމެއްކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

"ކާބަފައިންގެ ސީދާ މަސައްކަތްތައް ފެންނަ ވަރަށް މަދު ތަރިކަތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ފެންނަން ހުރީ. އެފަދަ ތަކެއްޗަށް ފަރުވާތެރިވާން ޖެހޭ. ކަމޭހިތާންޖެހޭ. ހަގީގަތުގައި އެފަދަ ތަކެތި ހުންނަ ތަން ނޫންތަންތަނަށް ބަދަލުކުރުމަކީ ތާރީހު ވަރަށް ބޮޑަށް އޮޅި ފަހުގެ ޖީލުތަކަށް އެ މައުލޫމާތު އެންމެ ސައްހަ ގޮތުގައި ނަގައިގަންނަން އުނދަގޫވާނެ ކަމެއް، ރާއްޖޭގައި ތަރިކަ ހިމާޔަތްކުރުން މިއަށްވުރެ ބޮޑު އިސްކަމެއް ދީގެން ކުރަން އެބަޖެހޭ،" ހެރިޓޭޖްގެ ކުރީގެ ޑިރެކްޓާ ޖެނަރަލް އަލީ ވަހީދު ވިދާޅުވި އެވެ.

ސަލްޓަން ޕާކްގެ އިރު ދެކުނު ކަނުގައި ހުއްޓައި 2016 ވަނަ އަހަރު ތިނަދޫއަށް ކަޅުވަކަރު މިސްކިތް ގެންދަން މިސްކިތް ރޫޅާލީ އެ މިސްކިތް އެތަނުގައި ހުންނަތާ 36 އަހަރު ފަހުންނެވެ. އެތަނުގައި މިސްކިތް ބެހެއްޓެވީ 1980 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭ ގޮތަށް ރާއްޖޭގައި ހަދާފައިހުރި ހަމައެކަނި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތް އަނެއްކާވެސް އޭގެ ފުރިހަމަ ގޮތުގައި ފެނިގެންދިއުމަކީ ދިވެހި ތާރީހާއި ގައުމަށް ލޯބިކުރާ އެތަކެއް ދިވެހިން އިންތިޒާރުކުރާނެ ކަމެކެވެ. އެކަމަކު އެ މިސްކިތުގެ ބައިތައް ވީތަނެއް ނޭނގުމަކީ ކަންބޮޑުވުމެކެވެ. އަދި މިސްކިތް ރޫޅާލާ ނެގިފަހުން އަހަރެއް ވެގެން ދާއިރުވެސް އެ މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތެއް ނުކުރެވި ހުުރުމަކީ ވެސް ކަންބޮޑުވުމެކެވެ.