ސަރުކާރާ އެކު މަޝްވަރާއަށް ދިޔުމާ މެދު ގޮތެއް ނިންމާނީ، ވަކިވަކި ސިޔާސީ ޕާޓީތަކުން އަމިއްލައަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދު، "އަނިޔާވެރިކަމާ ދެކޮޅު" ހަރަކާތުން މިއަދު ބުނެފި އެވެ.
މީގެ ކުރިން އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ ސަރުކާރާ އެކު މަޝްވަރާ ކުރަން ނިންމާނީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުން ކަމަށެވެ. އަދި ކޯލިޝަނުން ނިންމާ ގޮތަކަށް ހުރިހާ ޕާޓީތަކުން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހަރަކާތުގެ ފަރާތުން މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، ރައީސް މަޝްވަރާއަށް އެދި ސިޓީ ފޮނުއްވީ ވަކި ވަކި ޕާޓީތަކަށް ކަމަށެވެ. އެހެން ކަމުން ކޮންމެ ޕާޓީއަކުން ވެސް އެކަމަށް ވަކިވަކި ޖަވާބު ދޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ވަކިވަކި ޕާޓީތަކުން ގޮތެއް ނުނިން މަނިސް އެކަމުގައި އެއްޗެއް ބުނަ ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޝްވަރާ ކުރާކަމުގައި ވާނަމަ، އިހުލާސްތެރި ނިޔަތް އޮންނަން ވާނޭ އަޅުގަނޑުމެންގެ ވާހަކަ އަކީ. ނަމަވެސް އެ ސިޓީ ވަކިވަކި ޕާޓީތަކަށް ފޮނުއްވާފައި އޮތީމައި އެއީ ވަކިވަކި ޕާޓީތަކުން ނިންމަން ޖެހޭ ނިންމުމެއްގެ ގޮތުގައި މި އޮތީ،" އަމީން ވިދާޅުވި އެވެ.
ސަރުކާރުން އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއަށް ސިޓީ ފޮނުވީ، ސިޔާސީ ނުތަނަވަސްކަމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ހޯދައި އެއްބައިވަންތަކަށް އިތުރުކުރުމާއި ޑިމޮކްރަޓިކް ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތަކާ މެދު އަދި އިގްތިސާދީ އިޖްތިމާއީ ކަންކަމުގައި ޕާޓީތަކުގެ އެއްބާރުލުން ހޯދުމާ ގުޅޭ ގޮތުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީއާ މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ހަމަޖައްސަވާފައި ވަނީ ޓްއަރިޒަމް މިނިސްޓަރުއަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
އަމީން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ވެސް އިސްކުރަނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ރައްޔިތުން މި ސަރުކާރަށް ގޮވާލަމުން އަންނަތާ ލައްކަ ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ސިޔާސީ ވެރިން ދޫކޮށްލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން ހައްޔަރުކޮށްގެން އުޅެނީ އެއްވެސް ބޭނުމެއް ނެތް ގޮތެއްގައި އަނިޔާ ދިނުމަށް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އެބޭފުޅުންނަށް ކަޑައެޅިގެން މި އަންނަނީ އަނިޔާދެމުން. އެއީ އެބޭފުޅުންނަށް ތުހުމަތު ކުރެވޭ ކަމެއްގައި ވެއްޖިއްޔާ ތަހުގީގު ނިމިފައި އޮތީ. އެހެން ވީމާ އެބޭފުޅުން ހައްޔަރުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް. އެއަށް ވުރެ ލުއިކޮށްވެސް އެކަން ކުރެވޭނެ،" އަމީން ވިދާޅުވި އެވެ.