ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްވަރު 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން އޮފީސް ގާއިމްކުރީ ނަސަންދުރާ ޕެލަސް ހޮޓަލްގެ ކޮޓަރިއެއް ހުސްކޮށްފަ އެވެ. އަދި ކެމްޕޭންގެ ކޯޑިނޭޓަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވާ، ރައީސް ޔާމީންގެ ކެމްޕޭން ކޯޑިނޭޝަން ސެންޓަރު ގާއިމް ކޮށްފައި ހުރީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ނަސަންދުރަ ހޮޓަލްގެ ކޮންފަރެންސް ހޯލުގަ އެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭންގެ މުހިންމު ހުރިހާ ހަރަކާތެއް ދިޔައީ އެ އިމާރާތުގެ ތެރޭގަ އެވެ. ޕްރެސް ކޮންފަރެންސްތަކުން ފެށިގެން ގޮސް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ އުފާފާޅުކުރުން ވެސް އޮތީ ހަމަ މި ހޮޓަލްގެ ހަތަރުފާރުގެ ތެރޭގަ އެވެ. އެއަށް ފަހު އިންތިހާބު ނިމި ރައީސް ޔާމީންގެ ސަރުކާރު ހަމަޖެހިލުމާ އެކު 2015 ޖުލައި ހިސާބުގައި ނަސަންދުރާ ހޮޓަލް ތަޅާލުމަށް އެ ހޮޓާ އެއްކޮށް ބަންދުކުރި އެވެ. ދުވަސްކޮޅެއް ފަހުން އެތަނުގައި ހަނދާފައި ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށި އެވެ. އަދި އޭގެ އަނެއް ފަރާތުގައި ހުރި އައިލެންޑް އޭވިއޭޝަންގެ އޮފީސް ވެސް ހުސްކުރަން ފެށި އެވެ. މިއީ ކިހިނެތް ހިނގާ މަޝްރޫއެއް ކަމެއް އަދި އެފަދަ މަޝްރޫއެއް ހިންގުމަށް އެތަން ދިނީ ކޮން ބަޔަކަށް ކަމެއް ވެސް ނޭނގެ އެވެ. އެކަމާ ބެހޭ މައުލޫމާތެއް ސަރުކާރުން ހާމަނުކޮށް ސިއްރުކުރި އެވެ.
ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން އަވަށްޓެރި ސްރީލަންކާގެ ނޫހެއްގައި އެ މަޝްރޫއާ ގުޅޭ ވާހަކަތަކެއް ތިލަ ކުރި އެވެ. ސްރީލަންކާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާ ބްރައުން ގްރޫޕް އެންޑް ކޮމްޕެނީޒް އިން ލަންކާ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖޭގެ ދެ ކުންފުންޏެއް ކަމަށްވާ، އެންޕީއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި އަލްފާ ކިނަމް ހޯލްޑިން ގުޅިގެން ނަސަންދުރަ ހުރި ބިމުގައި 10 ބުރީގެ ހޮޓަލެއް އެޅުމަށް 9.5 މިލިއަންއަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކުރަން ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން އޭރު ހާމަކޮށްފައިވާ ގޮތުގައި، ހަތަރު ތަރީގެ ހޮޓަލެއްގެ ގޮތުގައި އެތަން ތަރައްގީ ކުރާއިރު، ހޮޓަލުގައި 150 ކޮޓަރި އާއި 100 ސާވިސް އެޕާޓްމަންޓް ހުންނާނެ އެވެ. އެއަށް ފަހު އެތަނުގައި ހުރި ބާ އިމާރާތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް އޭރު ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު އަދީބު ހައްޔަރުކޮށް ޖަލަށް ލި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރަމުން ދިޔަ އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް ފަޅާއެރި އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ. އޭގެ ފަހުން އެ ދެ ބިން ކުއްޔަަށް ދިނީ، އޮޑިޓް ރިޕޯޓުގައި ނަން ޖަހާފައި ނުވިޔަސް، އެންޕީއެޗްއަށް ކަމަށް ވަނީ އޭރު ކަށަވަރު ކުރެވިފަ އެވެ. އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި އެ އެއްބަސްވުމުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުން ބުނެފައި ވަނީ، ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިންއިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް އެއްބަސްވުމުގައި ހިމަނާފައި ނުވާތީ އެ އެއްބަސްވުން ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
ފުލުހުން ވަނީ ނަސަންދުރާ ހުރި ބިމާއި އެއާ ޖެހިގެން ހުރި ބިން ހަވާލުކުރުމުގެ މައްސަލަ ބަލައި އަދީބުގެ މައްޗަށް ދައުވާ ކޮށް ދިނުމަށް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕީޖީއަށް ފޮނުވައިފަ އެވެ. އަަދި އޭރު އޭސީސީ އިން ދިޔައީ އެ ތަހުގީގު އެންމެ ބާރަށް ކުރަމުންނެވެ.
އެ މައްސަލަ ޕީޖީގައި އޮތްވާ ދެން ފެނުނު މަންޒަރަކީ ޗައިނާގެ ކުންފުންޏަކުން އެތަން އިމާރާތް ކުރުމުގެ މަސައްކަތް މޭ 2016 ގައި ފަށައިގަތްތަނެވެ. މި ހުރިހާ ކަމެއް ރައްޔިތުންގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ ނަމަވެސް، ސަރުކާރުން އެ މަޝްރޫއާ ގުޅޭ ގޮތުން ބަހެއް ނުބުނެ އެވެ. ރައްޔިތުންގެ ބޮޑު ބިމެއް އަމިއްލަ ކުންފުންޏަކަށް އެފަދަ ބޮޑު މަޝްރޫއެއް ހިންގަން ދިނީ ކިތައް އަހަރެއް ކަމެއް އާންމުންނަކަށް ނޭނގެ އެވެ. އެ ބިމުގައި އެ މަޝްރޫއަށް ހިންގުމަށް ދޫކޮށްގެން ދައުލަތަށް ލިބުނު މާލީ ފައިދާއެއް ނޫނީ އެހެން ވެސް ފައިދާއެއް ހާމައެއް ނުކުރެ އެވެ. މި މަޝްރޫއުގެ އަސްލު ސުވާލު އުފެދޭ ހިސާބަކީ މިއެވެ.
އެކުއިޒިޝަން ކޮސްޓެއް ނެތި 50 އަހަރު ދުވަހަށް މާލޭގެ މުހިންމު ސަރަހައްދަކުން ދައުލަތުގެ ބިމެއް ކުއްޔަށް ދިނުމަކީ ގާނޫނެއް އަދި ގަވާއިދަކުން ވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ. ފުލުހުންގެ ތަހުގީގުން ވެސް ހާމަވީ އަދީބު އެކަން ކުރައްވާފައި އޮތީ ގާނޫނާ ހިލާފަށް ކަމާއި އަގެއް ނުނަގާ އެތަން އަމިއްލަ ކުންފުންޏަކާ ހަވާލު ކުރަން ސޮއިކުރި އެއްބަސްވުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު އެ މައްސަލަ ޕީޖީގައި އޮތްވާ، 2016ގެ މޭ މަހު ޗައިނާގެ ކުންފުންޏަކުންއިން އެތަން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިގަތީ ކޮން ފަރާތެއްގެ ހުއްދަ ލިބިގެން ހެއްޔެވެ؟ އުސޫލުން ބޭރުން، ދައުލަތަށް ގެއްލުންވާ ގޮތަށް އަދި ވަކި ފަރުދަކަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އަދީބު ހަދާފައި އޮތް އެގްރިމަންޓެއް ބާތިލްނުކޮށް ކުރިއަށް ގެންދަން ހުއްދަ ދިނީ ކާކު ހެއްޔެވެ؟ ސަރުކާރުން ކުރި އެގްރިމަންޓަކުން އެވަރުގެ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭ ކަމަށް ފެނުނު އިރު، އެއްބަސްވުން ބާތިލް ކުރަން އޭޖީގެ އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ނުވެއްދީ ކީއްވެ ހެއްޔެވެ؟ އަދި އޭސީސީއިން އޭރު އެ މައްސަލަ ބަލަމުން ދިޔައިރު، އަދި މައްސަލަ ނުނިމެނިސް އެ އެއްބަސްވުމާ އެއްކޮށް ސަރުކާރުން ކުރިއަށް ގެންގޮސް އެތަނުގައި ބޮޑު އިމާރާތެއް އެޅުމުގެ ހުއްދަ ދިނީ ކޮން އުސޫލަކުން ހެއްޔެވެ؟ މިހިރީ މި އެއްބަސްވުމާ ގުޅޭ ގޮތުން ހުރި ބޮޑެތި ސުވާލުތަކެވެ.
އެކަމަކު މި ސުވާލުތަކަށް ޖަވާބުދޭން ހުރީވެސް ކާކު ހެއްޔެވެ؟ ޝައްކު ކުރެވޭ ގޮތަކަށް ފެށިގެން އައި މި މަޝްރޫއާ މެދު ސަރުކާރުން އޮތީ އެއްޗެއް ބުނާ ގޮތަކަށް ނޫނެވެ. ފެންނަ މަންޒަރުން ދައުލަތަށް އެތައް ގެއްލުން ވިޔަސް ސަރުކާރުން ބޭނުން ވަނީ މަޝްރޫއު ކުރިއަށް ގެންދާށެވެ. ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ދައުލަތަށް ލިބޭނެ ފައިދާއެއް އޮތީއެއް ނޫނެވެ. މި އެއްބަސްވުމުގެ ފައިދާ އެހެން ވެއްޖިއްޔާ ލިބޭނީ ނޫނީ މިހާރު ވެސް ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ؟
ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިންއިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް އެއްބަސްވުމުގައި ހިމަނާފައި ނުވާތީ އެ އެއްބަސްވުން ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމަން ޖެހޭއެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް
ޔަގީނުން ވެސް މި އެއްބަސްވުމުގެ ބޮޑު ފައިދާއެއް އޮތީ، ސަރުކާރުން އެ ބިން 50 އަހަރަށް ދީފައިވާ އެންޕީއެޗްއަށެވެ. އަދި އެ މަޝްރޫއުގައި ހިއްސާވާ، އަލްފާ ކިނަމް އާއި ސްރީލަންކާގެ ކުންފުންޏަށާއި އެތަނުގެ އިމާރާތުގެ މަސައްކަތް ކުރާ ޗައިނާގެ ކުންފުންޏަށެވެ. އެކަމަކު އެ ފަރާތްތަކަށް ލިބޭ ފައިދާއާ އަޅާބަލާއިރު ދައުލަތަށް ލިބޭނީ ސުމެކެވެ. އެތަން ހުޅުވައި ހިދުމަތް ފަށާ ދުވަހަކުން ޓީޖީއެސްޓީ އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް ދައުލަތަށް ނުލިބޭނެ ވާހަކައެއް ނޫނެވެ. އެކަމަކު އެއީ އެންޕީއެޗް އާއި އަލްފާ ކިނަމް ހޯލްޑިންގް އަދި ސްރީލަންކާގެ ކުންފުންޏަށް ލިބޭ ފައިދާއާ ބަލާއިރު ކޮން އެއްޗެއް ހެއްޔެވެ؟ އެ ބިން ކުއްޔަށް ދީގެން ލިބެން ޖެހޭ ހަގީގީ ފައިދާ އޮތީ ދައުލަތަށް ގެއްލިފަ އެވެ. މި މަޝްރޫއުން އެންޕީއެޗް ހިއްސާދާރުންނަށް ލިބެން އޮތީ ބޮޑު ފައިދާއެކެވެ.
އޭސީސީ އާއި ފުލުހުން ވެސް ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި އެބިން 50 އަހަރަށް ކުއްޔަށް ދިން، އެންޕީއެޗް ކުންފުންޏަކީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ މަސްލަހަތު އޮތް ކުންފުންޏެކެވެ. އަދި ފަހުން އެތަން ތަރައްގީ ކުރަން ލަންކާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގައި އެންޕީއެޗްއާ އެކު ބައިވެރިވާ އަނެއް ދިވެހި ކުންފުނި އަލްފާ ކިނަމް އަކީ ވެސް އޭރު އެއްލައިދޫ މަނިކުގެ ހިއްސާ އޮތްތަނެއްކަން ވަނީ ހާމަވެފަ އެވެ.
މި މުއާމަލާތުގެ ބޮޑު މަންޒަރު ފެށިގެން އަންނަނީ، ރައީސް ޔާމީންގެ ކެމްޕޭންގެ ހުރިހާ ހަރަކާތްތަކެއް ނަސަންދުރާގެ ތެރެއިން ފެށި ހިސާބުން ކަމަށް ބުނަން ޖާގަ އެބަ އޮތެވެ. އޭރުވެސް ނަސަންދުރާ ހިންގަމުން އައީ އަށް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެއްލައިދޫ މަނިކުގެ ބޮޑު ހިއްސާއެއް އޮތް، ގެލެކްސީ އެންޓަޕްރައިސަޒް އިން އެވެ. އެއްވެސް އަގެއް ނެގުމެއް ނެތި ސީއެސްއާރުގެ ދަށުން ކަމަށް ބުނެ ދައުލަތުގެ ބޮޑު ބިމެއް ރައީސްގެ އާއިލީ ބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ހަދިޔާ ކުރާ އުސޫލުން އެކަން ކުރީމާ ފެންނަ ބޮޑު މަންޒަރަކީ ކޮބައި ހެއްޔެވެ؟ މިއީ އާއިލާ ބޭފުޅަކަށް ދެއްވި ހަދިޔާއެއްބާ އެވެ؟
މިހާހިސާބުން މި މަޝްރޫއާ މެދު އުފެދޭ ޝައްކުތައް ނުހަނު އިތުރުވެ އެވެ. ސަބަބަކަށް ވަނީ އަދީބުގެ ކޮރަޕްޝަންގެ ކަންތައްގަނޑުގެ ތެރެއިން ހެއްދެވި ޑީލެއް ކަމަށް ބުނި މަޝްރޫއު، ކުރިއަށް ގެންދިޔުމަށް ސަރުކާރުން އާބަސް ބުނަމުން ދިޔައިމަ އެވެ. އެ މަޝްރޫއުން މަންފާ ލިބޭ އެންޕީއެޗްއާ މެދު މިހާތަނަށް ފިޔަވަޅެއް އެޅިފައި ނެތީމަ އެވެ. އެ މަޝްރޫއު ފެށުމުގެ ކުރިން ހުއްޓުވުމުގެ ފުރުސަތު ލިބުނަސް ސަރުކާރުން އެކަން ހުއްޓުވާފައި ނެތީމަ އެވެ. އެކަމަކު އެ މަޝްރޫއުގެ ފައިދާ މިހާރުވެސް ލިބެނީ ކޮން ބަޔަކަށް ހެއްޔެވެ؟
ގަވާއިދާ ހިލާފަށް ހިޔާނާތުގެ ތެރެއިން ދީފައިވާ ބިމެއްކަން އޭސީސީގެ ތަހުގީގުން ހާމަވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ އާއިލީ މަސްލަހަތު ހިމެނޭ ކުންފުންޏެއްގެ ތެރެއަށް މި މުއާމަލާތުން މާލީ މަންފާ ވަންނަމުން ދާކަން އެއީ ދޮގު ކުރެވެން ނެތް ހަގީގަތެކެވެ. ނަސަންދުރާއިން 188 ލަގްޒަރީ އެޕާޓްމަންޓް ކުރިއާލާ ވިއްކުމަށް އިއުލާންކޮށް ބައެއް ފަރާތްތަކުން ވަނީ ފައިސާ ވެސް ދައްކައިފަ އެވެ. އެތަނުގެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ ހަތް މިލިއަން ރުފިޔާ އާއި 13 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. މި ހުރިހާ އެޕާޓްމަންޓްތަކެއް ހަތް މިލިއަން ރުފިޔާގެ ރޭޓުން ވިކުނަސް އެ ކުންފުންޏަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ. ނޫނީ މިހާރު ވެސް ލިބިފައި ހުންނާނެ އެވެ. އަދި އެތަނުގައި ހަނދާ ހޮޓަލުން 50 އަހަރަށް އެތައް ބިލިއަން ރުފިޔާއެއްގެ އާމްދަނީ ލިބިލިބި ހުންނާނެ އެވެ. އެކަމަކު ދައުލަތުން ހިލޭ އެ ކުންފުންޏަށް ބިން ދީފައިވާ އިރު އެ ބިމުގައި ހަދާ އިމާރާތުން ރައީސް ޔާމީންގެ އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ފައިދާ އޮހެމުން އަންނަ އިރުވެސް އެކަން ނުހުއްޓުވެ އެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކުރި ސީއެސްއާރުގެ މަސައްކަތެއް ވެސް އަދި ފެންނާނެކަށް ނެތެވެ. ނަސަންދުރާގެ ބޮޑު މަޝްރޫއު އެންމެ ހަލުވި ދުވެލީގައި ކުރިއަށްދާއިރު އަދީބާ ހަމައިން އެ މަޝްރޫއު ނުހުއްޓި ކުރިއަށް ދަނީ ކީއްވެ ހެއްޔެވެ؟
އެހެން ނަމަވެސް، އެ އެއްބަސްވުން ހެދުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ، އަދީބު ކަމަށް ބުނެ، ފިނޭންސް މިނިސްޓްރީ އިން މިހާރު ވަނީ އަދީބަށް 74 މިލިއަން ރުފިޔާ އެ އެއްބަސްވުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން އަންގައިފަ އެވެ. ރަނގަޅެވެ! އަދީބުގެ އިހުމާލު އެކަމުގައި އޮތް ނަމަ، އެމަނިކުފާނު ވެސް ދައްކަން ޖެހޭ އެއްޗެއް ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އެކަމަކުން އެމަނިކުފާނަށް ވެސް ރެކިއެއް ނުގެންނެވޭނެ އެވެ. އެކަމަކު އެ މަޝްރޫއުގެ ފައިދާ މިހާރު ވެސް ބަޔަކަށް ލިބެމުން އަންނަ އިރު، ދައުލަތަށް އެއްވެސް އެއްޗެއް ނުލުބި މި ހިނގާހާ ދުވަހު އެ މުއާމަލާތުގައި ހިމެނޭ އަނެއް ފަރާތް އެކަމުގައި ޒިންމާވާން ނުޖެހުނީ ކީއްވެ ހެއްޔެވެ؟ އަދި އެއްބަސްވުން ބާތިލްނުކޮށް ސަރުކާރުން ކުރިއަށް ދިޔަ ސަބަބުތައް ހާމަނުކޮށް އޮތީ ކީއްވެ ހެއްޔެވެ؟ މިހުރިހާ އަޑި ނޭނގޭ ކަންތައްތަކެއް މި މަޝްރޫއާ މެދު ހިނގާފައިވާ އިރު، އަދި ރައީސް ޔާމީންގެ އާއިލީ މަސްލަހަތު މިކަމުގައި އޮތް އިރު އަދީބަށް އެކަނި އަދަބު ދީގެން މި މުއާމަލާތްތައް ހިންގުމުގައި ތިބި އަސްލު ފަރާތްތަކަށް އަދަބު ދެވުނީކަމަށް ބެލޭނެ ޖާގަ އެބަ އޮތް ހެއްޔެވެ؟ މިފަދަ ކަންކަން މިގޮތަށް އަމަލުކޮށްގެން ހުއްޓުވޭނެ ހެއްޔެވެ؟ ރައްޔިތުން އެކަން އެގޮތަށް ގަބޫލު ކުރާނެ ކަމަށް ބުނަން ދަތިވަނީ އެހެންވެ އެވެ. މާލޭގެ އެންމެ މުހިންމު ސަރަހައްދުން ދައުލަތުގެ ބޮޑު ބިމެއް އަމިއްލަ ފަރުދެއްގެ ކުންފުންޏަކުން ހިތުހުރި ގޮތަކަށް ފައިދާ ނަގަން ދޫކޮށްލައިގެން މިހެން ތިބެން ހޮޔޮނުވާނެ އެވެ.