ތާރީހު

ނާސިރު ޑްރައިވަރުން ހުއްޓުވި، ޔާމީން މަޖޫރީން ހުއްޓުވި!

Apr 5, 2018
24

ރާއްޖޭގެ ތާރީހުގެ އެކޮޅު ބަލައިލެވިފައި ނެތް މީހުނާއި މިހާރުގެ ސިޔާސީ މީހުން މި ވާހަކައަށް ޒުވާބެއް ދޭން އުޅެފާނެ އެވެ. އެކަމަކު ރާއްޖޭގެ އާންމު ހިދުމަތުގައި ޝަކުވާ އުފަންކޮށް ހައިޖާނު އުފެއްދުމާއި މަދަނީ ބަސްނޭހުން ކުރިއަށް ނެރުމުގެ ރިކޯޑުތައް އޮންނަ ބަޔަކަކީ ފަޅު އޮޑިފަހަރުގެ މީހުންނާއި މަޖޫރީންނާއި ޓެކްސީ ޑްރައިވަރުންކަން މާޒީ ހާވައިލީމާ ވަރަށް ރީއްޗަށް އެނގެ އެވެ. ޒުވާބެއް ކުރާކަށް ނުޖެހެ އެވެ.

އާބާދީގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު ވެރިރަށް ކަމަށް ބެލެވިފައި އޮންނަނީ މާލެ އެވެ. ވެރިރަށުގައި މީހުންނާއި ދުއްވާ އެއްޗެހި ފުރި، ނުކުޅަދާނަ ވެގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މަޖުބޫރުވީ އެކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް އަންނާނެ ގޮތެއް އޮތްތޯ ބަލަން ޓެސްޓެއް ކުރާށެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަށް ފެނުނު ހައްލަކީ ފުރަތަމަ އެއް ކަމަކަށް އިރުއޮޮއްސި 6:00 އިން ފެށިގެން އިރު އަރާ 6:00 އަށް މާލޭގެ މަގުތަކުގައި މުދާ އުފުލުން މަނާކޮށްލުމެވެ. އިހަށް ވާގޮތެއް ބަލައިލުމަށެވެ.

ސިޔާސީ މަސްރަހު ހޫނުވެ ރޯލާކޯސްޓާ ސިޓްއޭޝަނެއްގައި އޮއްވާ ސަރުކާރުން ގެނައި މި ބަދަލުވީ ފާޑެއްގެ ޓައިމް ބޮމަކަށެވެ. ވިޔަފާރިވެރީން އެކަމާ މޫނު ހަދައިގެން ތެދުވި އެވެ. މަޖޫރީން ޝަކުވާ ބަނދެ، ބިންމައްޗަށް ފޫހަރާލައި ބޮޑާ ހާކައިގަތެވެ. ފައިދާ ނަގައިގެން ސިޔާސީ މީހުން އޭގެ ތެރެއަށް ވަދެ އެ ބޮން ގޮއްވާލީ އެވެ. މިއީ އަބަދުވެސް ރާއްޖޭގައި ކަން ހިނގާ ގޮތެވެ.

މިފަހަރު ތަފާތަކަށްވީ ކަމަކީ ސަރުކާރުން ދުލެއް ނުދިނުމެވެ. މަޖޫރީން ހާކާނެހާ ބޮޑައެއް ހާކާން ދޫކޮށްލީ އެވެ. ވިޔަފާރިވެރިންގެ ތެރެއިން ނުރުހޭ މީހުން ނުރިހިގެން ތިބޭން ދިނީ އެވެ. ސިޔާސީ މީހުން އެތިވަރު ގޮވާނެ ވަރަކަށް ގޮވަން ވެސް ދޫކޮށްލީ އެވެ. ސަރުކާރުގެ ޖަވާބަކީ ނިންމުން ބަދަލެއް ނުކުރާނެ އެވެ. މަޖޫރީންނަށް އަގު ބޮޑެއް ވެސް ނުކުރެވޭނެ އެވެ. ސަރުކާރަށް ކުރެވުނު ގޮތަކަށް މުދާ ވެސް ކުލިއާ ކުރާނެ އެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރަން ހަދާ ޓެސްޓް ހުޓައިލުމެއް ވެސް މިފަހަރަކު ނެތެވެ.

މިއާ ވަރަށް ތިމާގެ ވައްތަރެއްގެ "ބަލާވެރިކަމެއް" ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރުގައި ލައިގަތެވެ. ކޮލެރާގެ ބަލިމަޑުކަން ރާއްޖެއަށް ގޮނޑުވެ، ތެތް ފިނީގައި ހަންޑި ކުޑަ ފަޅައި ފެތުރިގަންނަ މިސާލުގައި ފެތުރިގަތުމާއެކު، އޭގެ ތެރެއިންނެވެ. އެ ފަހަރުގެ "ބަލާވަރިކަން" ގެނައީ މަޖޫރީންނެއް ނޫނެވެ. އަބަދުވެސް ބޮޑާ ހާކާ ޓެކްސީ ޑްރައިވަރުންނެވެ.

ކޮލެރާ އަރައި މާލެރާއްޖެ ކޮށި އަރުވާލައި މީހުންތައް ބަލިބަލިކޮށް ހުރި ދިމާއަކުން ވައްްޓާން ފެށުމާއެކު ނޭވާ އުފުރި މަރުވާ މީހުން މަރުވަނީ އެވެ. ހާލު ދެރަ މީހުންގެ އަދަދެއް ކޮޅެއް ނޭނގެ އެވެ. ބަލިމަޑުކަމުގެ އެ މުސީބާތާއެކު އެންމެންގެ ހޭވެރިކަން ފިލައި ހިނގާއްޖެ އެވެ.

"ވިބްރިއޯ ކޮލެރާ" ޖަރާސީމަކީ ކާބޯތަކެތީގެ ޒަރީއާއިން އެތެރެހައްޓަށް ދެމިގަނެ އެ ބަލި ޖައްސާތާ 24 ގަޑި އިރުގެ ތެރޭގައި ދިރި ހުރުމާއި މަރުވެގެން ވެއްޓުމާ ދެމެދު ގޮތެއް ނިމެއޭ ބުނެވިދާނެ ނުރައްކާތެރި ބައްޔެކެވެ. ހެސްކިޔާފައި ހޮޑުލެވެ އެވެ. ދެވަރުން އެއްވަރަށް ބޮޑުކަމު ދެވެ އެވެ. ބަނޑުދިޔައިކޮށް ދެވޭއިރު އެ ނަޖިހުގައި އުފެދޭ ހުދު ސެލްތަކެއްގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ހަމައިން ނައްޓާލަ އެވެ. އަދި ލޭގެ ޕްރެޝަރު ވެސް ވައްޓާލަ އެވެ. ހަނގަނޑު ދޫވެ ރޫގުޅައަކަށް ހަދައިލުމާއެކު ހަށިގަނޑުން ފެން ހުސްކޮށްލައި ފުރާނައަށް ނުރައްކާކޮށްލަނީ އެވެ.

މިހާ ބޮޑު މުސީބަތާކާ ކުރިމަތިވުމުން މާލޭގައި ފުރަތަމަ ކޮލެރާ މީހުނަށް ފަރުވާ ދޭނެ މަރުކަޒެއް ހެދީ އަމީނިއްޔާ ކައިރިން ޓެނިސް ކޯޓްގަ އެވެ. އެ މަރުކަޒުގައި އޮންނަނީ ކޮލެރާ ވެކްސިން ޖަހައި ދިނުމާއި ކުއްލި ފަރުވާ ދިނުމާއި ޑޮކްޓަރުން ބެއްލެވުމާއި އިރުޝާދުތައް ދިނުމެވެ. ކޮލެރާ ބަލީގައި މީހުން މަރުވުން އިތުރުވުމާއި ހާލުދެރަ މީހުން ގިނަވުމާއި ކޮންޓްރޯލް ނުވާ ދަރަޖައަށް ފެތުރިގަތުމުން އެ މަރުކަޒު ބަދަލުވީ ގަލޮޅު ބޯޅަދަނޑަށެވެ.

އެފަދަ ނާޒުކު ދަނޑިވަޅުގައި އިތުރު "ބަލާވަރިކަމެއް" ޖެއްސީ އޭރުގެ ޓެކްސީ ޑްރައިވަރުންނެވެ. އޭރު ޓެކްސީ ދަތުރެއްގެ އަގަކީ 2:30ރ. އެވެ. ފުރަތަމަ ދުވަހު ވެކްސިން ޖަހާން މީހުން އުފުލަން ޖެހުމާއެކު ޑްރައިވަރުން ދަތުރެއްގެ އަގު ފަސް ރުފިޔާއަށް ޖައްސައިފި އެވެ. އެ ދުވަހު ހަވީރު 10ރ. އަށް އަގު އަރުވައިފި އެވެ. ދެން އެމީހަކާ އެމީހެކެވެ. އެއް ބަޔަކު 20ރ. އަށެވެ. އަނެއް ބަޔަކު ދަތުރެއް ކިޔަނީ 25ރ، އަށެވެ. ނުބައި ނުލަފާކަން ގަދަ ޑްރައިވަރުން 50ރ. އަށް ޖެއްސި ކަމަށް ވެސް ބައެއް ރިވާތައް ބުނެ އެވެ.

މި ޝަކުވާ އިންތިހާއަށް ބޮޑުވެ، އެކަން ރައީސް ނާސިރާ ހަމައަށް ވެސް ދަތުރުކޮށްފި އެވެ. ޑްރައިވަރުންގެ އެ އަމަލަށް ރައީސް ކޯފާވިކަން ވަގުތަކުން ނުދައްކަވަ އެވެ. އެ ދުވަހަކު ފިޔަވަޅެއް ވެސް ނާޅުއްވަ އެވެ. އެހެން ނަމަވެސް ޖެހިގެން އައިދުވަހު އިރު ފަޅައިލީ ނާސިރުގެ ފަރާތްޕުޅުން އިންޒާރާއެކު ވަރުގަދަ ނިންމެވުމެއް އާންމުވެގެނެވެ.

ރައީސްގެ އެ އިންޒާރުގައި ވެއެވެ: "ދިވެހި ރާއްޖެއަށް މިވަނީ ކޮލެރާގެ ނުރައްކަލާ ކުރިމަތިވެ އެންމެހެން ހާސްވެ ހާންތި ވެފަ އެވެ. މިފަދަ ދަނޑިވަޅެއްގައި ވެކްސިން ޖެހުމަށާއި ބަލި މީހުނާއި ހާލު ދެރަ މީހުން ކޮލެރާ މަރުކަޒަށް އުފުލުމުގައި ޓެކްސީ ޑްރައިވަރުން އަމަލުތައް ހުރި ގޮތުން، މިއަދުން ފެށިގެން އެއްވެސް ޓެކްސީއެއް ބޭނުން ކޮށްގެން ނުވާނެ އެވެ. އެއިން އެއްޗަކަށް އަރައިގެން ވެސް ނުވާނެ އެވެ. އެމީހަކަށް ދެވެން އޮތް އެނޫން ކޮންމެ ގޮތެއް ހޯދައިގެން ދާންވީ އެވެ. ފަތްޖެހި އެނދުގައި މީހުން އުފުލިއަސް ވަރިހަމަ އެވެ. އަށިއަށިގަނޑާއި ގާޑިޔަލުގައި ގެންދިޔައަސް އެންމެ ރަނގަޅެވެ. ޓެކްސީއަކަށް އަރައިގެން ނުވާނެ އެވެ. މިއާ ހިލާފަށް މާލޭގައި ދުއްވާ ޓެކްސީއަކަށް އަގު ދީގެން ދިޔައަސް ވެކްސިން ޖަހައެއް ނުދޭނެ އެވެ. ބަލައެއްވެސް ނުގަންނާނެ އެވެ. މާލޭގައި ޓެކްސީ ނުދުއްވިއަސް ވަރިހަމަ އެވެ،"

ޓެކްސީ ޑްރްވައިރުން ބޮޑާ ހާކައި ގޮތް ދޫނުކޮށް ދެ އަތް އުރާލައިގެން ތިބީ އެވެ. ރައީސް ނާސިރު އެކަން އެނގިވަޑައިގަންނަވާ ކަމަކަށް ނުހެއްދެވި އެވެ. ބަދަލުގައި އަލުން އެހެން ނިންމުމެއް ނިންމަވައި ދެވަނަ ފިޔަވަޅު އެޅުއްވީ އެވެ.

އޭރު އޮންނަނީ "އެއްވަނަ ގިޔަރާ" އި "ދެވަނަ ގިޔަރެ"ވެ. އެއްވަނަ ގިޔަރުގައި ހިމެނެނީ އެއްގަމު އުޅަނދު ފަހަރެވެ. ނާސިރު ނިންމެވީ އެއްވަނަ ގިޔަރުގައި ހިމެނޭ ދިވެހި ދައުލުގެ ހުރިހާ އުޅަނދެއް މީހުން އުފުލަން ހާއްސަ ކުރާށެވެ.

މި ދައުލަތުގެ ލޯރިއެއް ޕިކަޕެއް ކާރެއް ވިޔަސް ވެރިއެއްގެ ކާރުކޮޅު ވިޔަސް ބަލި މީހުން އުފުލަން ހަމަ މިހާރު ނެރޭށެވެ. ސިފައިންގެ ވެހިކަލްތަކާއި އަޅުގަނޑުގެ ކާރުވެސް ނެރޭށެވެ. ޑްރައިވަރުން ބޭނުންހާ ގޮތެއް ނުހެދޭނެ އެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ
ނާސިރުގެ ނިންމެވުން

ދެން މިހެން އަންގަވަ އެވެ: "މި ދައުލަތުގެ ލޯރިއެއް ޕިކަޕެއް ކާރެއް ވިޔަސް އަދި ދައުލަތުގެ ވެރިއެއްގެ ކާރުކޮޅު ވިޔަސް ބަލި މީހުންނާއި ވެކްސިން ޖަހަން ޖެހޭ މީހުން އުފުލަން ހަމަ މިހާރު ނެރޭށެވެ. ސިފައިންގެ ވެހިކަލްތަކާއި އަޅުގަނޑު ދުއްވާ ކާރުވެސް ނެރޭށެވެ. ޑްރައިވަރުން ބޭނުންހާ ގޮތެއް ނުހެދޭނެ އެވެ. ހެދިޔަކަ ނުވެސް ދޭނަމެވެ."

މިގޮތަށް ހިދުމަތް ފަށައިގަތީ ޑްރަވައިރު ބާކީކޮށް އެއް ފަރާތްކޮށްލުމަށްފަހު އެވެ. އިރުގަނޑަކު ތިބިފައި ހަމަ އެ ދުވަހު ހުރިހާ ޑްރަވައިރު ރައީސް ނާސިރުގެ އަރިހުން މާފަށް އެދިއްޖެ އެވެ. އެފަދަ ވިޔާނުދާ އަމަލެއް ދެން ނުހިންގާނެ ކަމަށް ވެސް ބުނެފި އެވެ. ޑްރައިވަރުން އެގޮތަށް ވައުދެއްވެ 2:30ރ. މީހުން އުފުލާން ޓެކްސީތަކަށް އަރައި ދުއްވާލުމުމުން ހުރިހާ ކަމެއް ހަމަޖެހުނީ އެވެ.

މިހައިރު މާލޭގެ މަޖޫރީންނަށް ވެސް މިވީ އެހެނެވެ. ސަރުކާރުން އެއްވެސް ފުރުސަތެއް ނުދީ ހިފަހައްޓާލުމުން ތެދުވެ ކޮންޓެއިނާތައް ކަނޑައިދީ ގުދަނާ ހަމައަށް ގެންގޮސްދޭން ފެށީ އެވެ. ނާސިރު ޑްރައިވަރުން ހުއްޓުވީ އެވެ. ޔާމީން މަޖޫރީން ހުއްޓުވީ އެވެ.