އެ ފިލްމަކީ 2012 ވަނަ އަހަރު "އިނޮސެންސް އޮފް މުސްލިމްސް" ގެ ނަމުގައި ޔޫޓިއުބުގައި އާންމުކުރި ފިލްމެވެ.
މުސްލިމު ދުނިޔެ ރުޅިއަރުވާލި މި ފިލްމު ޔޫޓިއުބުން ނަގަން އެމެރިކާގެ ކޯޓަކުން މިދިޔަ އަހަރު އަމުރުކޮށްފައި ވަނިކޮށް އެ މައްސަލަ އިސްތިއުނާފުކޮށްގެން، ޔޫޓިއުބުގެ ބެލެނިވެރިޔާ ގޫގަލް އިން މި ވަނީ އެ މައްސަލަ ކާމިޔާބުކޮށް ޔޫޓިއުބުގައި "އިނޮސެންސް އޮފް މުސްލިމްސް" ބޭއްވުމުގެ ހުއްދަ ކަށަވަރުކޮށްފަ އެވެ.
މި ފިލްމު ޔޫޓިއުބުން ނެގުމަށް އަމުރުކުރީ އެ ފިލްމުގައި އެކްޓްކޮށްފައިވާ ބަތަލާއަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ ފިލްމަކީ އޭގެ އެކްޓަރުންނަށް ހަގީގަތް އޮޅުވާލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ އޭގެ ބަތަލާއަކު، ޔޫޓިއުބުން ފިލްމު ނަގައި ދިނުމަށް އެދި ހުށަހެޅީ ފިލްމުގެ މައްސަލާގައި މަރުގެ އިންޒާރު ލިބެން ފެށުމާ ގުޅިގެންނެވެ.
މި ފިލްމުގެ މައްސަލަ ބޮޑަށް އިސްލާމީ ދުނިޔޭގައި ހޫނުވެ އެމެރިކާގެ ސަރުކާރުން ވެސް ފިލްމު ޔޫޓިއުބުން ނެގުވުމަށް މަސައްކަތްކުރި އެވެ. ނަމަވެސް ގޫގަލް އިން ބުނެފައި ވަނީ އެ ފިލްމަކީ ހިޔާލުފާޅުކުރުމުގެ މިނިވަން އިމުގެ ތެރެއިން އުފައްދާފައިވާ ފިލްމެއް ކަމަށާއި އިސްލާމް ދީނާ ދެކޮޅަށް މުސްލިމުންނަށް ފުރައްސާރަކޮށްފައިވާ ފިލްމެއް ނޫން ކަމަށެވެ.
ކޮންމެއަކަސް މި ފިލްމެއްގެ މައްސަލަ ހޫނުވެ އިސްލާމީ ގައުމުތަކުގައި ޔޫޓިއުބު މަނާކުރިއިރު ބައެއް ގައުމުތަކުގެ އެދުމަށް ގޫގަލް އިން މި ފިލްމު މުސްލިމު ބައެއް ގައުމުތަކަށް ނުފެންނަ ގޮތް ވެސް ހެދި އެވެ.
މި ފިލްމު ހެދި މިސްރު ދަރިކޮޅުގެ އެމެރިކާގެ ނަސޯރާ މީހާގެ ބޮލަށް އިސްލާމީ ބައެއް ގައުމުތަކުގެ، ހައްދުފަހަނަޅާފައިވާ ފަރާތްތަކުން އެއް ލައްކަ އެމެރިކާ ޑޮލަރުން އަގު ހުށަހެޅިއިރު މި ފިލްމުގެ މައްސަލަ ހޫނުވި ދުވަސްކޮޅު އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް އޭނާ ގެންދިޔަ އެވެ.
ނަމަވެސް އޭނާ ހައްޔަރުކުރީ އެ ފިލްމުގެ މައްސަލައަކާ ގުޅިގެންނެއް ނޫނެވެ. ކަފާލާތުގެ އެއްބަސްވުމާ ހިލާފުވެގެންނެވެ. އެއަށް ފަހު އަދަބެއްގެ ގޮތުން ޖަލުގައި ވެސް ބަންދުކުރި އެވެ.