ވިޔަފާރި

ޓީޓީއެމް ފެއާގެ މެއިން ޕާޓްނަރަކަށް އެމްޓީސީސީ

ރާއްޖޭގައި ބާއްވާ ހަމައެކަނި ޓޫރިޒަމް ފެއާ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް 2018) ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ އެމްޓީސީސީ ހަމަޖައްސައިފި އެވެ. އިންޖީން ޕާޓްނަރަކީ ޔަންމާ އެވެ.

ޓީޓިއެމް އިންތިޒާމްކުރާ މޯލްޑިވްސް ގޭޓާވޭސް އިން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޓީޓީއެމް ފެއާގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފަ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުން އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖާ އިސްމާއިލް އަދުހަމް އެވެ.

ޓިޓީއެމް ފެއާގައި މިހާތަނަށް 100 އަށްވުރެ ގިނަ ކުންފުނިން ވަނީ ބައިވެރިވެފައިވާއިރު ގޯލްޑް ޕާޓްނަރުންގެ ގޮތުގައި އަލްޝާލީ މެރައިން މޯލްޑިވްސް، އުރީދޫ، އެލައިޑް އިންޝޫރެންސް އަދި ފިޔުއެލް ސަޕްލައިސް މޯލްޑިވްސް ހިމެނެ އެވެ.

ޓީޓީއެމް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ޓީޓީއެމްގެ ދެވަނަ ފެއާއަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން މި އަހަރުގެ ފެއާގައި ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ޓޫރިޒަމްގެ އެހެނިގެން ފަރާތްތައް ހިމެނޭ ގޮތަށް 140 ފަރާތަކުން ބައިވެރިވާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މި އަހަރުގެ ފެއާގައި އިންޓަނޭޝަނަލް ބަޔަރުންނާއި މީޑިޔާ ހިމެނޭ ގޮތަށް 200 ފަރާތެއް ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ވެސް ބޭއްވި ޓީޓީއެމް ފެއާ މި އަހަރު ބާއްވަން ތައްޔާރު ވަމުން ދަނީ ދަރުބާރުގޭގައި މެއި މަހުގެ 1-3 ގެ ނިޔަލަށެވެ. ދަރުބާރުގޭގައި ފެއާ ކުރިއަށްދާނީ އާންމުންނަށް ހުޅުވާލައިގެންނެވެ.

ޓީޓީއެމްގެ ތެރޭގައި މި އަހަރު ވެސް އިތުރު ބައިތަކެއް ވަނީ ހިމަނާފަ އެވެ. މިދިޔަ އަހަރުވެސް އޮތް "ޓީޓީއެމް ހޮޓެލިއާ ސަމިޓް" އާއި އަލަށް "މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯ" އަދި "ޓޫރިޒަމް ކެރިއަ ފެއާ" އެއް އޮންނާނެ އެވެ.

ހޮޓެލިއާ ސަމިޓު ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ބައްދަލުކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މި ސަމިޓުގައި ހަތަރު ޕެނަސް ޑިސްކަޝަންއެއް ކުރިއަށްދާއިރު، 150 ޓޫރިޒަމް ވެރިން ބައިވެރިވާނެ އެވެ. މި އަހަރު މުޅިން އަލަށް އިތުރުކޮށްފައިވާ "ސަޕްލަޔާ އެކްސްޕޯ" ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ތިނެއް މެއިގައި ދަރުބާރުގޭގައި ބާއްވާ ކެރިއަ ފެއާ ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގައި ދިނުމަށެވެ.

ޓީޓީއެމް ފެއާގައި ހިމެނޭ އެންމެ ކުލަގަދަ ބައި ކަމަށްވާ "ޓީޓީއެމް ގާލާ ނައިޓް" އަދާރަން ސެލެޓް ހުދުރަންފުށީގަ އެވެ. މި ހަރަކާތް އޮންނާނީ މެއި ދެވަނަ ދުވަހުގެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އާމްދަނީ 2020 ވަނަ އަހަރު އަންނަންވާއިރަށް 3.5 ބިލިއަން ޑޮލަރަށް އިތުރުކޮށް ޓޫރިސްޓުންގެ އަދަދު ދެ މިލިއަންއަށް އަރުވަން ބާއްވާ މި ފެއާގައި ބޭރުގެ ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުން ބައިވެރިވެ އެވެ.