ކޯސްޓާ ރިކާގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީގެ ލަވަ "ޑެސްޕަސީޓޯ" ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ. ޔޫޓިއުބުގައި ފަސް ބިލިއަން ވިއުސް ހޯދި ފުރަތަމަ ވީޑިއޯގެ ރެކޯޑު މި ލަވަ މިހާރު ވަނީ މުގުރާލާފަ އެވެ.
ފަސް ބިލިއަން ވިއުސް ހޯދީ، ސްޕެނިޝް ބަހުން ކިޔާފައިވާ މި ލަވައިގެ އޮފިޝަލް ވީޑިއޯ ލަވަ އެވެ. އެ ވީޑިއޯ ލަވައަކީ ޕުއޭޓޯ ރިކޯގެ ރެޕަރު ޑެޑީ ޔަންކީ އާއެކު ލުއިސް ފޮންސީ ކިޔާފައިވާ ލަވަ އެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކު ވީޑިއޯއަކީވެސް މި ލަވަ އެވެ.
ޔުނިވާސަލް މިއުޒިކް ލެޓިނޯ އިން ތައްޔާރުކުރި މި ލަވަ ޑައިރެކްޓުކުރީ ކާލޯސް ޕެރޭޒް އެވެ. ލަވަ ޝޫޓުކޮށްފައި ވަނީ ސަން އުނާ އަދި ޕުއޭޓޯ ރިކޯގަ އެވެ.
ޖަސްޓިން ބީބާއާއެކު ލުއިސް ފޮންސީ ކިޔާފައިވާ މި ލަވައިގެ އިނގެރޭސި ވާޝަނަށް މިހާތަނަށް ލިބިފައި ވަނީ 7.6 މިލިއަން ވިއުސް އެވެ.
ޑެސްޕަސީޓޯ މި ރެކޯޑު މުގުރާލުމުގެ ކުރިން ޔޫޓިއުބުގައި އެންމެ ގިނަ ވިއުސް ހޯދައިގެން އެންމެ ކުރީގައި އޮތީ ޗާލީ ޕޫތް އަދި ވިޒް ހަލީފާގެ ލަވަ "ސީ ޔޫ އެގެއިން" އެވެ. ދެން އެންމެ ގިނަ ވިއުސް ލިބިފައި އޮތީ ދެކެނު ކޮރެއާގެ ލަވަކިޔުންތެރިޔާ ސައީގެ "ގަންގަމް ސްޓައިލް" އެވެ.
މި ލަވައަށް ވަނީ ގިނަ އެވޯޑުތަކެއްވެސް ލިބިފަ އެވެ. ލެޓިން ގްރޭމީ އެވޯޑްސް 2017 ގައި އަހަރުގެ އެންމެ މޮޅު ލަވައިގެ އެވޯޑާއި ރެކޯޑް އޮފް ދި އިޔާގެ އެވޯޑުވެސް ލިބިފައިވެ އެވެ.