ދުނިޔެ

މަރަން ޖެހޭ މީހުން ގިނަވެގެން ޖައްލާދުން ހޯދަން ސައޫދީން އިއުލާނުކޮށްފި

އާންމުކޮށް ސައޫދީގައި މަރުގެ ހުކުމް ތަންފީޒުކުރަނީ އާންމުންގެ މައިދާނަކަށް ކުށްވެރިޔާ ހާޒިރުކޮށް ކަނޑިން ޖަހައި ބޯ ބުރިކޮށްގެންނެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް އެގޮތަށް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާއިރު އެއީ މި އަހަރުގެ މިހާތަނަށް އެގައުމުން މަރުގެ ހުކުމް ތަންފީޒުކުރި 85 ވަނަ މީހާ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ އިތުރު އެތައް ބަޔަކު އަދި ތިބިއިރު ސައޫދީން ވަނީ މިކަމަށް ހާއްސަ އަށް ޖައްލާދުން ބޭނުންވާ ކަމަށް އިއުލާނު ޖަހައިފަ އެވެ. މި ވަޒީފާގެ ފުރުސަތު އިއުލާނުކޮށްފައި ވަނީ ސައޫދީގެ ސިވިލް ސާވިސް ޖޮބް ޕޯޓަލްގެ ތެރެއިންނެވެ.

ސައޫދީގައި މިދިޔަ އަހަރު ވެސް 88 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެ އެވެ. ނަމަވެސް އެމްނެސްޓީން ބުނާ އަދަދު އެއަށް ވުރެ ވެސް މަތި އެވެ. އެމީހުން ބުނަނީ ސައޫދީން މިދިޔަ އަހަރު 90 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ކަމަށެވެ.

އޭގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައި ވަނީ މީހުން މެރުމުގެ ކުށުގަ އެވެ. ހިއުމަން ރައިޓްސް ވޮޗުން ބުނެފައި ވަނީ 38 މީހަކު މަރާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ސައޫދީގައި އިތުރުވެގެން އުޅޭ ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ވެގެން އުޅޭ ގޮތަކީ ކޯޓުތަކުގައި ފުނި ޖެހިފައި ހުރި މައްސަލަތައް ބަލާނެ ގިނަ ފަނޑިޔާރުންތަކެއް އައްޔަންކޮށް އެ މައްސަލަތައް މެކުހަށް ޖެހުމެވެ.

ސައޫދީ އަކީ އެންމެ ގަދަ އަށް މަރުގެ ހުކުމް ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓުގެ ތިން ވަނާގައި އޮތް ގައުމެވެ. މި ލިސްޓުގެ އެއް ވަނާގައި ޗައިނާ އޮތްއިރު ދެ ވަނާގައި އޮތީ އީރާނެވެ.

އެމެރިކާ އޮތީ ފަސް ވަނައިގަ އެވެ.