ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް މައްކާގައި ހުޅުވަނީ

ސައޫދީ އަރަބިއްޔާ އިން ރިކޯޑް މުގުރާލުމަށް ތައްޔާރުވަނީ އެވެ. މައްކާގައި 2017 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓެލް، އަބްރާޖު ހުދާއީ ވެގެން ދާނީ ދުނިޔޭގައި ގާއިމުކުރެވޭ މިފަދަ އެންމެ ބޮޑު ބިނާ އަށެވެ.

ގާތްގަނޑަކަށް 686،000 އަކަ ފޫޓުގެ ސަރަހައްދެއްގައި 3.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްގެން ކޮޅަށް ނަގާ މި ހޮޓަލުގައި 10،000 ކޮޓަރި ހުންނާނެ އެވެ. ޖުމްލަ 12 އިމާރާތެއްގެ މައްޗަށް ތަރައްގީކުރާ މި ހޮޓަލުގައި 70 ރެސްޓޯރެންޓާއި ޝޮޕިންމޯލް އާއި ނަމާދުކުރާ މީހުންނަށް ހާއްސަ ސަރަހައްދުތަކެއްގެ އިތުރުން ކޮންވެންޝަން ސެންޓަރުތައް ވެސް ގާއިމުކޮށްފައި ހުންނާނެ އެވެ.

މި ހޮޓެލް ތަރައްގީ ކުރަނީ މަސްޖިދުލް ހަރާމާ ގާތްގަނޑަކަށް މޭލެއްހާ ދުރުގަ އެވެ. އެހެންކަމުން މި ހޮޓަލުގެ އެންމެ ބޮޑު އަމާޒަކަށް ވާނެ ކަމަށް ބެލެވެނީ ހައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާ އަށް ދާ މީހުންނެވެ.

ނަމަވެސް މި ހޮޓަލުން ކޮންމެ ކޮންމެ މީހަކަށް ކޮޓަރި ހިފޭނެ ކަމަކަށް ނުބެލެވެ އެވެ. ހޮޓަލުގެ 10 ޓަވަރުގެ ކޮޓަރިތައް ފޯ ސްޓާގެ ގޮތުގައި ފާސްކޮށްފައިވާއިރު އަނެއް ދެ ޓަވަރުން ކޮޓަރި ވިއްކާނީ ފަސް ތަރީގެ އަގުތަކުގަ އެވެ.