ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން ތައްޔާރުވަމުން އަންނަ ގަތަރުގައި، މަސައްކަތްކުރާ ބިދޭސީންނާމެދު އިހާނެތި ކޮށް ކަންކަން ކުރެވޭ ވާހަކަ ދޭތެރެ ދޭތެރެއިން ފެތުރެއެވެ. މިކަންކަމުގެ ހަގީގަތް ގެނެސްދިނުމަށް ގަތަރުން ދާދިފަހުންވަނީ ނޫސްވެރިންނަށް ދައުވަތެއް ދީފައެވެ.
މިމަހު ކުރީކޮޅު ދިން ދައުވަތުގައި ބީބީސީގެ ރިޕޯޓަރުންތަކެއ ްވެސް ދިޔައެވެ. ގަތަރު ސަރުކާރުން ރާވާފައި އޮތީ އެ ގައުމުގައި މަސައްކަތްކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން އަލަށް ހެދި ސަރަޙައްދާއި، އާ ހައުސިން ޔުނިޓްތައް މީޑިއާއަށް ދައްކާލުމަށެވެ. އެއާއިއެކު ކުރީއްސުރެ ބިދޭސީން އުޅެމުން އަންނަ ތަންތަނަށް ވެސް ނޫސްވެރިން ގެންދިޔުމަށް އޮތީ ޓުއާއެއް ރާވާފައެވެ.
ނަމަވެސް އޭގެ ދެ ދުވަސް ކުރީން ބީބީސީ ގެ ރިޕޯޓަރުން ވެހިކަލެއްގައިި ދަތުރު ކުރަނިކޮށް ފުލުހުންގެ ކާރުތައް އައިސް އެމީހުން ވަށާލައި ހައްޔަރު ކުރިކަމަށް ބީބީސީ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ހައްޔަރު ކުރުމަށްފަހު އިކުއިޕްމަންޓްތައް ނައްތާލައި، ދެ ދުވަސްވަންދެން އެމީހުން ޖަލުގައި ބޭތިއްބި ކަމަށްވެސް އެ ޚަބަރުގައި ބުނެއެވެ. ބީބީސީ އިން ވަނީ އެމީހުންގެ އިކުއިޕްމަންޓް އަނބުރާ ރައްދުކޮށްދިނުމަށާއި، މި ހާދިސާ ހިނގަން ޖެހުނު ސަބަބު ފުރިހަމަޔަށް ތަފްސީލުކޮށްދިނުމަށް އެދިފައެވެ.
މިކަމާއި ގުޅިގެން ފީފާއިންވެސް ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ "ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ހިންގާ ކޮންމެ އަމަލަކީ ފީފާއިން ސީރިއަސްކޮށް ބަލާނެ މައްސަލައެއް" ކަމަށެވެ.
މިކަމާއި ގުޅިގެން ގަތަރު ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބީބީސީގެ ކްރޫ ހައްޔަރުކުރީ އަމިއްލަ މީހެއްގެ މިލްކިއްޔާތުގައިވާ ސަރަހައްދަކަށް ހުއްދަނެތި ވަދެ އުޅުމުން ކަމަށެވެ. މިއީ ގަތަރެކޭ އެއްގޮތަށް އެހެން ޤައުމުތަކުގައި ވެސް ކުށެއް ކަން ފާހަގަ ކުރަމުން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "ބީބީސީގެ ރިޕޯޓަރުން އެގޮތަށް ޢަމަލުކޮށްފައިވަނީ ގަތަރުން އެމީހުންނަށް ދައްކާނީ ހަމައެކަނި ރަނގަޅު ޙާލަތުގައި ހުރި ތަންތަން އެކަނި ކަމަށް ހީކޮށްގެން ކަމަށް ބެލެވޭ" ކަމަށެވެ. އެހެންކަމުން "ބީބީސީގެ ނޫސްވެރިޔާ ދުރާލާ ނުކުމެ އަމިއްލައަށް ޚަބަރެއް އުފެއްދީ" ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މިހެން ކަން ދިމާވުމުން ބީބީސީ ގެ ނޫސްވެރިންނަށް އަސްލު ޓުއާ ގައި ބައިވެރިވެ މަސައްކަތްތެރީންގެ އަސްލު ޙާލަތު ބަލާލެވޭގޮތް ވަނީ ނުވެފައެވެ. ގަތަރު ސަރުކާރުން ފަހުން ވަނީ އެމީހުންނަށް ބައެއް އިންޓަވިއުތައް އަލުން ލިބޭނެ ގޮތް ފަހިކޮށްދީފައެވެ. ނަމަވެސް ޓުއާގެ ހުރިހާ ކަމެއް ތަކުރާރުކޮށްދީފައެއް ނުވެއެވެ.