މިއުޒިކް

އައިޑޮލްއާ މިރޭ ވަކިވާން ޖެހުނީ މުނާޒް

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ހަތަރު ވަނަ ބުރުން މިރޭ ޝޯއިން ވަކިވާންޖެހުނީ އަބްދުﷲ މުނާޒް އަށެވެ. މާލޭ އޮޑިޝަނުން އައިޑޮލްގެ ދަތުރު ފެށި މުނާޒް ވަނީ ހިތްގައިމު ހުށަހެޅުންތަކެއް ގެނެސްދީފަ އެވެ. ޖަޖުންގެ ފަރާތުންވެސް އޭނާއަށް ރަނގަޅު ކޮމެންޓުތަކެއްވެސް ލިބިފައިވެ އެވެ.

މިރޭ ޝޯއިން ވަކިވާންޖެހުނު ބައިވެރިޔާ ކަނޑައަޅާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

މިރޭގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅާދިނީ "ފުޓްބޯލް ފީވާ" ނުވަތަ ފުޓުބޯޅައާއި ގުޅުވައިގެން ތައްޔާރުކޮށްފައިވާ ދިވެހި ހާއްސަ ލަވަތަކުގެ ތީމް އަށެވެ. ގެސްޓު ޖަޖެއްގެ ގޮތުގައި މިރޭގެ ޝޯއިން ފެނިގެންދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ ރަޝީދު، އަބްސީ އެވެ.

ދިވެހި ފުޓުބޯޅާއިގެ މަޝްހޫރު ފޯރިގަދަ އަދި ހިތްގައިމު ގިނަ ލަވަތަކެއް ޑުއެޓް ޕާފޯމަންސްތަކަކާއެކު ގަދަ އަށް ބައިވެރިން ހުށަހަޅާދީފައިވެ އެވެ.

މޯލްޑިވިއަން އައިޑޮލް އޮފިޝަލް ޓުވިޓާއިން ކޮށްފައިވާ ޓުވީޓެއް.

މުނާޒް ވަކިވުމުން ގަދަ ހަތް ބައިވެރިން ވަނީ ކަށަވަރުވެފަ އެވެ. ގަދަ ހަތަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، މަރިޔަމް މައީޝާ، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ގަދަ ހަތް ބައިވެރިންނާއެކު ގާލާ ރައުންޑުގެ ފަސް ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ.