ދުނިޔެ

ވައިޓް ހައުސް އާއި ޕެންޓަގަން އަށް ވެސް ހަމަލާ ދޭން ޖެހިދާނެ: އުތުރު ކޮރެއާ

އެމެރިކާ އިން އުތުރު ކޮރެއާ އަށް ދޮގު ތުހުމަތުކޮށް، ހަނގުރާމައިގެ ބަހުރުވަ ބޭނުންކުރާ ނަމަ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އާއި ޕެންޓަގަންގެ އިތުރުން އެމެރިކާގެ މައި ސަރަހައްދުތަކަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

އެކި ކަންކަަމާ ގުޅިގެން މީގެ ކުރިން ވެސް އެމެރިކާ އަށް މިފަދަ އިންޒާރުތައް ދީފައިވާ އުތުރު ކޮރެއާ އިން މިފަހަރު އިންޒާރު ދީފައި މި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަވަހާރަކޮށްލާ މިޝަނެއް ދައްކުވައިދޭ ފިލް "ދަ އިންޓަވިއު" ސޮނީ ޕިކްޗާސް އިން ރިލީޒްކުރަން ތައްޔާރުވެފައި ވަނިކޮށް ސޮނީގެ ސާވާތައް ހެކްކޮށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށެވެ. މިކަން ކުރީ އުތުރު ކޮރެއާ އިން ކަމަށް އެފްބީއައި އިން ބުނި ނަމަވެސް މި ތުހުމަތަށް އުތުރު ކޮރެއާ އިންކާރު ކުރެ އެވެ.

"އުތުރު ކޮރެއާ ސިފައިންނާއި އާންމުން ތިބީ އެމެރިކާއާ ކޮންމެ ހަނގުރާމައެއް ކުރަން ޖެހެނަސް އެކަމަށް ތައްޔާރަށް. އެގޮތުން ސައިބަ ހަނގުރާމައަކަށް ވެސް ތައްޔާރު،" ކޮރެއަން ނިއުސް އެެޖެންސީން އާންމުކުރި ދިގު ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ސޮނީގެ މުހިންމު މައުލޫމާތުތައް ހެކްކޮށް އާންމުކުރީ އުތުރު ކޮރެއާ އިން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިތުރުފުޅުހައްދަވައި ފިތުނަވެރިކަން އާންމުކުރަމުންދާ ކަމަށެވެ.

ސޮނީން މިހާރު ވަނީ ކްރިސްމަސްއާ ދިމާކޮށް "ދަ އިންޓަވިއު" ރިލީޒް ކުރަން އިސްތިހާރު ކުރުމަށް ފަހު އެކަން ކެންސަލްކޮށްފަ އެވެ. ސޮނީން ބުނީ ފިލްމު ރިލީޒް ނުކުރަން ނިންމީ ފިލްމު ދައްކަން ނިންމާފައިވާ ސިނަމާތަކަށް އިންޒާރުތައް ލިބިފައި ވާތީ ކަމަށެވެ. އެހެންވެ އެހެން ގޮތަކަށް ފިލްމު ރިލީޒް ކުުރުމަށް ވިސްނަމުން އަންނަ ކަމަށް ވެސް ސޮނީން ވަނީ ބުނެފަ އެވެ.

އޮބާމާ ވިދާޅުވެފައި ވަނީ ސޮނީ އަށް މިހާ ބޮޑު ގެއްލުމެއް ދިނީ އުތުރު ކޮރެއާ އިން ކަމަށް ތުހުމަތު ކުރެވޭއިރު އެކަމާ ގުޅުން ހުރި ހުރިހާ ހެކިތަކެއް މިހާރު އެއްކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ބެލުމަށް ފަހު، އުތުރު ކޮރެއާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް ބެލެވޭ ނަމަ ލިސްޓުގައި އެ ގައުމު ހިމަނަން ޖެހޭނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.