ދުނިޔެ

އެމެރިކާގެ ފުލުހުންނަށް ހަނގުރާމަވެރި ހަތިޔާރު ދިނުން މަނާކޮށްފި

May 19, 2015

އަސްކަރިއްޔާގައި ބޭނުންކުރާ ޒާތުގެ ބައެއް އާލަތްތައް އެމެރިކާގެ ސްޓޭޓްތަކުގެ ފުލުހުންނަށް ފޯރުކޮށްދިނުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަނާކުރައްވައިފި އެވެ.

ވައިޓް ހައުސް އިން ރޭ ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފުލުހުން ބާރުގެ ބޭނުން ކުރާ މިންވަރު ދެނެގަތުމަށް ކުރި ފުރިހަމަ ދިރާސާއަކަށް ފަހު އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި، މައި ސަރުކާރުގެ އެކި އިދާރާތަކުން ވަނީ އެކި ސްޓޭޓްތަކުގެ ފުލުހުންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް 18 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

"އެ ތަކެތީގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑު،" އެ ދިރާސާގައި ބުންޏެވެ.

މި ފިޔަވަޅުގެ ދަށުން ސްޓޭޓްތަކުގެ ފުލުހުންނަށް ދިނުން މަނާ ތަކެތީގެ ތެރޭގައި ހިމެނެނީ ފުރޮޅުގެ ބަދަލުގައި ޓްރެކް ނިޒާމުގެ އެހީގައި ދުއްވާ އާމާޑް އުޅަނދު، ބަޑި ހަރުކޮށްފައި ހުންނަ މަތިންދާބޯޓާއި މަނަވަރާއި އެ ޒާތުގެ އުޅަނދުފަހަރު، 50 ކެލިބަ އަށް ވުރެ މަތީގެ ބަޑި އާއި ވަޒަން، ގްރެނޭޑް ލޯންޗަ އަދި ކެމަފްލާޖް ޔުނީފޯމެވެ. ނަމަވެސް، އާއްމު ބޭނުންތަކަށް ބޭނުންކުރާ މަތިންދާބޯޓާއި ހެލިކޮޕްޓަރާއި ޑްރޯން، ފުރޮޅު ހަރުކޮށްފައި ހުންނަ އާމާޑް އުޅަނދު، ކޮމާންޑްކުރަން ބޭނުންކުރާ އުޅަނދު އަދި ރަޔަޓް ގިޔަރާއި މުގުރު ފަދަ ތަކެތި އަދިވެސް ފޯރުކޮށްދެމުން ދާނެ އެވެ.

އޮބާމާ މި ފިޔަވަޅު އަޅުއްވާފައި މި ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގެ އިތުރަށް، ކަޅު ނަސްލުގެ މީހުންނަށް ސީދާ އަމާޒުކޮށް ފުލުހުން ހިންގާ ހަރުކަށި އަމަލުތައް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އިތުރުވެފައިވަނިކޮށެވެ. އެ ގޮތުން، ފާގަސަން އާއި ބަލްޓިމޯގެ ފުލުހުން އަތުން ކަޅު ނަސްލުގެ ބަޔަކު މަރުވި ހާދިސާ އާއި އެކަމާ ދެކޮޅަށް މުޒާހަރާކުރި އާއްމުންނާ ކުރިމަތިލާން ފުލުހުން ބޭނުންކުރި އަނިޔާވެރި އުކުޅުތަކަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.