ރިޕޯޓް

ސިއްރު ކޮޓަރީގައި ދައުލަތް ހިންގުން ހުއްޓާލާ!

Apr 9, 2018
20

ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތް ހިންގަމުން ދަނީ ހާއްސަކޮށް ސަރުކާރު ހިންގަމުން އައިސްފައި ވަނީ ފޮރުވިގެން، ސިއްރިއްޔާތުގައި، މައުލޫމާތުތައް ހާމަކުރުމެއް ނެތި، އަނދިރި ކޮޓަރިއެއްގަ އެވެ. ރާއްޖެއަށް މި އައި ޑިމޮކްރަސީއެއްގެ ތޫފާނުގައިވެސް ސަރުކާރުން ކުރާ އެތައް ކަމެއްގެ ފަރުދާ ނުހިއްލި، ވަނީ ރައްޔިތުންގެ ލޯތަކުން ފޮރުވިފަ އެވެ. މި ސުވާލުތަކަށް ޖަވާބު ދޭން އެނގޭ ހެއްޔެވެ؟

ދައުލަތަށް ދައްކާ ޓެކްސް ފައިސާ ބޭނުން ކުރަނީ ކިހިނެތް ހެއްޔެވެ؟ މަހެއްގެ މައްޗަށް ދައުލަތުން ކިހާ ހަރަދެއް ކުރަނީ ކޮން ކަންކަމަކަށް ހެއްޔެވެ؟ ބޮޑެތި މަޝްރޫއުތަކަށް ކުރިމަތިލީ ކޮން ފަރާތްތަކެއް ކަމާއި މަޝްރޫއެއް ބަޔަކާ ހަވާލު ކުރީ ކޮން ސަބަބުތަކަކާ ކަން އެނގެނީ ކިހިނެތް ހެއްޔެވެ؟ ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބިލްތަކުން ރައްޔިތުންނަށް ކުރާނެ އަސަރާއި ބަޖެޓަށް ކުރާ ބުރަ އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ދަނީ ކިހާ ހާމަކަން ބޮޑުކޮށް ހެއްޔެވެ؟ މި ސުވާލުތަކަށް ރައްޔިތުން ދޭނެ ޖަވާބެއް ހަމަ ހަގީގަތުގައި ވެސް ނެތެވެ. ރާއްޖޭގެ ދައުލަތް މި ހިންގަނީ އަބަދުވެސް ފޮރުވިގެންނެވެ. ފަރުދަލެއްގެ ނިވަލުގަ އެވެ. މިއީ އެވޭލާ ޒަމާނުއްސުރެ ވެސް އަދި އޭގެ ފަހުން ރައީސް މައުމޫން އާއި ނަޝީދު އަދި މި ސަރުކާރުގައި ވެސް ހަމަ ކަން އޮތް މަގެވެ.

އެހެން ވީމާ ސުވާލަކީ؛ މީގެ ނަތީޖާ އަކީ ކޮބައިހެއްޔެވެ؟

ކޮރަޕްޝަނަށް ދެވޭ ދައުވަތެއް!

އަނދިރި ކޮޓަރިއެއްގެ ތެރޭގައި ދައުލަތް ހިންގަނީ ސިއްރު ކަންތައްތަކެއް ކުރުމަށެވެ. އެހެން ނޫނީ، ގައުމީ ސަލާމަތަށް ކޮންމެހެން ސިއްރު ކުރަން ޖެހޭ ކަމެއް ނޫނީ ރައްޔިތުންނަށް ހިންގައިދޭ ޑިމޮކްރަޓިކް ނިޒާމެއްގައި އެމީހުންނަށް ފޮރުވައިގެން ކުރަން ޖެހޭ ކަމެއް އޮވެގެން ނުވާނެ އެވެ. ސިއްރުން ބަޔަކު ކަންތައްތަކެއް ކުރާނީ ކޮންމެވެސް ގޯސްތަކެއް ނޫނީ ނުބަޔެއް އޭގައި އޮތީމަ އެވެ. ހަގީގަތުގައި ދައުލަތުގެ މުއައްސަސާތަކުން ވެސް މައުލޫމާތުތައް ހާމަ ކުރަން ޖެހިލުންވެ ތިބެނީ ބިރުގެންފަ އެވެ. ވަކި ތަނެއް އިސްތިސްނާ ނުވެ، ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކަހަލަ ގޮތަކަށް މައުލޫމާތު ހޯދަން މިޖެހެނީ ގަދަަބަދަވި ކަމުންނެވެ.

ވަކި ޕާޓީއެއް އިސްތިސްނާނުވެ، ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް މި އުޅެނީ އެ މީހުންގެ، "މުއްސަދިކަން" ހާމަކުރަން ވެސް ޖެހިލުންވެގެންނެވެ. މަދު މެންބަރަކު ވެސް އެކަން ކުރީ ރައްޔިތުންގެ ބަޔަކު ބުނެ އާދޭސް ކޮށް ހޯބޯލަވައިގެން ދުނިޔޭގެ ލަދަށެވެ. ފާޑަކަށް މަޖުބޫރުވެގެންނެވެ.

ކުޑަކުޑަ މިސާލެކެވެ؛ މީގެ ތިން އަހަރު ކުރިން މާލެއަށް ލައިގަތް ފެން ނުލިބުމުގެ ކާރިސާއަކާ ހެދި މީގެ ކުރިން އެކުލަވާލި ފެންފަންޑަށް ހޯދިހާ ފައިސާއެއް ހަރަދުވި ގޮތެއް އެނގޭ މީހަކު އެބަހުރި ހެއްޔެވެ؟ ގުޅާގުޅާ ވަރުބަލިވި އިރުވެސް އެ ފަންޑަށް ވީގޮތެއް އެނގުނު ސަރުކާރުގެ އޮފިޝަލަކާ ދިމަލެއް ނުވި އެވެ. އެކަމަކު މިއީ ރައްޔިތުންނަށް ހާމަނުކޮށް ސިއްރު ކުރާވަރުގެ މައުލޫމާތެއް ހެއްޔެވެ؟ މިފަހުން ރޮހިންޔާ މީހުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީ އިން ހިންގި ފަންޑުގެ ފައިސާ އަދިވެސް ހަވާލުނުކުރާ ވާހަކަ ހާމަކުރުމުން ކުށްވެރިވީ އެކަން ހާމަކުރި މީޑިއާއެވެ. އިސްލާމިކް މިނިސްޓްރީ އިން އެކަމުގައި ކުށްވެރިއެއް ނުވި އެވެ.

ދައުލަތުގެ ހަރަދުތައް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ހާމަކުރަމުން އައި އައުން، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، 2013 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ކޮޅުން ދައުލަތް ހިންގަމުން އަންނަ އިރު އެ މީހުން މިދޭ ފައިސާއަށް ހަދާހެއް ނުހާދައެއް އެ މީހުންނަށް މި އޮތީ ނޭނގި އެވެ. އެކަމަކު ރައްޔިތުން މިދައްކާ ޓެކްސް ފައިސާ އިން ހަރަދު ކުރާ ގޮތް އެ މީހުންނަށް އެނގުމަކީ ހައްގެކެވެ. ނަތީޖާއަކަށް ވަނީ ފޮރުވިގެން ކުރެވޭ ހަރަދުތަކުން ޓެކްސް ނިޒާމަށް އޮންނަ އިތުބާރު ރައްޔިތުން އެކީ ފިލުވާލުމެވެ.

ދައުލަތުގެ ހަރަދުތައް ހާމަކަން ނެތް ގޮތެއްގައި ކުރުމަކީ ކޮރަޕްޝަނަށް ހުޅުވިފައި ހުންނަ ދޮރެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެމަގާމުގައި ހުންނެވި އިރު ވިދާޅުވެފައިވެ އެވެ. ދައުލަތުން ހަރަދުތައް ކުރާ ގޮތާ މެދު ރައްޔިތުން ފެންމަތި ކުރާ ސުވާލުތައް ލައްކަ ގިނަ އެވެ. އެ މީހުންގެ މެދުގައި ޝައްކު ކުރުން ބޮޑުވެފައި މި ވަނީ ދައުލަތުގެ ހަރަދުތައް، "ސިއްރުން" ކުރާތީ އެވެ. ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ ހަރަދުތައް ހާމަނުކޮށް ހިފަހައްޓައިގެން އުޅެން ޖެހޭ ސަބަބެއް ވިސްނާ ވިސްނާވެސް ބުއްދިއަކަށްނަ އެވެ. އަޅެ އެއްފަހަރު ވެސް ހަރަދުތައް ހާމަކޮށްލަވާށެވެ. އޭރުން ދައްކާނެ ވާހަކައެއް ނޯންނާނެ އެވެ.

"ސިޔާސީ ވާހަކައަށް ވުރެ މާބޮޑު ވާހަކައެއް އަސްލު ދައުލަތުގެ ހަރަދުތައް އާންމުންނަށް އެގިފައި ހުރުމަކީ. އޭގެން އެބަ އަންގައިދޭ އާންމު ދައުލަތް މި ދައްކާ ޓެކްސްގެ ފައިސާ މި ހަރަދު ކުރެވެނީ ރަނގަޅު ޕެޓާންގަތޯ. ނޫނީ ގޯސްކޮށްތޯ؟ ގޯސްކޮށް ދާނަމަ އެކަން ރަނގަޅު ކުރަން ފާޑުކިޔައިގެން ފުރުސަތު އެބަ ލިބޭ. އެކަމަކު ރާއްޖޭގައި އެ ފުރުސަތު އެބަ ބަންދުވޭ،" ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ހާމަކަމެއް ނެތް ދައުލަތަކީ ރާއްޖޭގައި މި އޮތް ކޮރަޕްޝަންގެ ބޮޑު މައްސަލަ ނައްތާނުލެވިގެން އުޅޭ މައިގަނޑު އެއް ސަބަބެވެ. އެ ފަނި އަހަރުމެންގެ ތެރެއިން ނަގައި އެއްލާ ނުލެވިގެން މި އުޅެނީ ވެސް އެ ސަބަބަކާ ހުރެ ކަމަށް ވެދާނެ އެވެ. އެންމެ ކުޑަމިނުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ވެސް ކޮރަޕްޝަންގެ ތަހުގީގުތައް ވެސް ދެ ފުށް ފެންނަ ގޮތަކަށް ނުހިންގެ އެވެ. ފުލުހުންގެ އިދާރާގައި ވެސް މި މައްސަލަ އޮތީ ހަމަ މި އުސޫލުންނެވެ. އެންމެ ފަހުން ރައްޔިތުން އިތުބާރު ނުކުރާ ހިސާބަށް ކަންކަން ދަނީ މައުލޫމާތު ހާމަކުރަން ޖެހުމުން، ބިރުން މި އަޅައި ގަންނަ ތުރުތުރަކާ ހެދި އެވެ. ފުލުހުން ވެސް ބައެއް ފަހަރު ތަހުގީގުގެ އެންމެ ބޭސިކް މައުލޫމާތު ވެސް ހާމަ ކުރަން ޖެހިލުންވެ އެވެ. މިފަހަކަށް އައިސް ނޫސް ކޮންފަރެންސެއް ބޭއްވުމަށް ވެސް ފުލުހުން ތިބެނީ ފަހަތު ފަޔަށް ބުރަވެފަ އެވެ. ބޮޑެތި މަރުގެ މައްސަލަތަކުގައި ވެސް ނެރެނީ ހަމައެކަނި ބަޔާނެކެވެ. އަދި ނޫސްކޮންފަރެންސެއް ބޭއްވިޔަސް ސުވާލު ކުރަން ނޫސްވެރިންނަށް ފުރުސަތެއް ނޯވެ އެވެ.

އެއްކަމެއްގައި ވެސް ހާމަކަމެއް ނެތް

އައިޖީއެމްއެޗްގެ 25 ބްރީގެ އާ އިމާރާތެއް އެޅުމަށް ސިންގަޕޫރު ކުންފުންޏަކާއި ހަވާލުކުރުމާއި ފިނޭންސްގެ އާ އިމާރާތް އެޅުން ވެސް މެލޭޝިޔާގެ ކުންފުންޏަކާ މުޅި ޖުމްލަ ހަތަރު ބިލިއަނެއްހާ ރުފިޔާއަށް ހަވާލު ކުރީ ހަމަ ކުއްލި އަކަށެވެ. ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ތެރެއިން ނިންމީ ކަމަށް ބުނެ އެހާ ބޮޑު މަޝްރޫއެއް އެހާ ގިނަ ފައިސާއަށް ބަޔަކާ ހަވާލު ކުރި އިރު ރައްޔިތުންނަށް އެނގުނީ އެކަން ބަޔަކާ ހަވާލު ކުރިކަން އެކަންޏެވެ. އެ މަޝްރޫއުން ހަގީގަތުގައި ރައްޔިތުންނަށް ކުރާނެ ފައިދާ އާއި ހަރަދުވާ ފައިސާއާ އެއްވަރުގެ ލުޔެއް އެކަމުން ރައްޔިތުންނަށް ލިބޭނެތޯ ބަލައި މިންކޮށްފައި އޮންނަ އެނަލިސިސްއެއްހާ ހިސާބު ވެސް ރައްޔިތުންނަކަށް ނުފެނުނެވެ. ބޭރުގެ ދެ ކުންފުންޏަކަށް މަޝްރޫއު ދިނީ ކޮން އުސޫލަކުން ކިހިނެތް ޕްރޮޕޯސަލްތައް ހޯދައިގެން ކަމެއް ވެސް ނޭނގެ އެވެ. އެ މަޝްރޫއަށް ދެން ވާދަކުރި ކުންފުނިތަކާއި އެ ކުންފުނިތަކަށް އެ މަޝްރޫއު އެވޯޑް ބުކުރީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

އެކަމަކު އެ ދެ އިމާރާތް ކޮޅަށް ޖެހުމަށް މި އަޅާލެވުނީ ރައްޔިތުންގެ ކިހާ ބައިވަރު ފައިސާއެއް ހެއްޔެވެ؟ ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ މައްސަލައެއް ނެތެވެ. އެއީ ވަރަށް ފައިދާ ހުރި ދެ މަޝްރޫއަށް ވެދާނެ އެވެ. ބަޖެޓަށް އެތައް ފަސޭހައެއް ލިބޭ ހާލުގައި އޮތް ސިއްހީ ނިޒާމު ކޮޅަށް ޖެހޭނެ ކަމަކަށް ވެސް ވެދާނެ އެވެ. އެހެންވެއްޖިއްޔާ ރައްޔިތުންނަށް އެ ދެ މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ހާމަކޮށްލާށެވެ. އެހެން ނޫން ނަމަ، ޝައްކު އުފައްދާނެ އެވެ. މިހާރު ވެސް އެ ޝައްކުތައް އުފެދެނީ އެހެންވެ އެވެ.

"ދައުލަތުގެ ހަރަދުތައް ޓްރާންސްޕޭރަންޓް ވާން އެބަ ޖެހޭ. އެހެން ނޫނީ ދައުލަތުގެ ހަރަދު ކުރުމުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ނުދެމެހެއްޓޭނެ،" ފިނޭންސް މިނިސްޓަރަކަށް އަހުމަދު އިނާޒު ހުންނެވި ދުވަސްވަރު ދައުލަތުގެ ހަރަދުތައް ހާމަކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ ވިދާޅުވެފައިވެ އެވެ.

"ދައުލަތުގެ ހަރަދުތައް ޓްރާންސްޕޭރަންޓް ވާން އެބަ ޖެހޭ. އެހެން ނޫނީ ދައުލަތުގެ ހަރަދު ކުރުމުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ނުދެމެހެއްޓޭނެ،" ފިނޭންސް މިނިސްޓަރަކަށް އަހުމަދު އިނާޒު ހުންނެވި ދުވަސްވަރު ދައުލަތުގެ ހަރަދުތައް ހާމަކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިބުރަތް ހާސިލް ކުރައްވާށެވެ؛ ރައީސް ނަޝީދު ދުވަސްވަރު ހަމައެކަނި އޮތް އިންޓަނޭޝަނަލް އެއާޕޯޓް، ޖީއެމްއާރަށް ދިނީމާ އެތައް ބަޔަކު ނިކުމެ ކޮރަޕްޝަންގެ ތުހުމަތު ކުރީ ކީއްވެ ހެއްޔެވެ؟ އެއްވެސް ކަހަލަ ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން ތަބަކަކަށް ލާފައި ޖީއެމްއާރަށް އެއާޕާޓް ވެދުން ކުރީމަ އެވެ. ޕްރެވައިޓައިޒޭޝަންގެ ނަމުގައި ހިންގެވި، ބޮޑު ކެމްޕޭންގައި ސަރުކާރާއި ރައްޔިތުން ވެސް ހިއްސާވާ އެތައް ކުންފުންޏެއްގެ ހިއްސާތަށް އެގޮތް މިގޮތަށް ބަހާލުމުގައި ވެސް ނަޝީދަށް ވެސް ހާމަކަމެއް ނުގެންގުޅެވުނެވެ. އެހެން ވީމާ ނަޝީދުގެ ސަރުކާރަށް ވެސް ކޮރަޕްޝަންގެ އިނގިލި ދިއްކުރީ އެހެންވެ އެވެ. ދެން ވެސް ވާނީ ހަމަ އެހެންނެވެ.

ގާނޫނެއް ނެތުމަކީ ބަހަނާއެއް

އިނގިރޭސިވިލާތާއި އެމެރިކާގައި އޮންނަ އުސޫލުގެ ދަށުން ހުދު ރައީސް އާއި އާއިލާއަށް ކުރާ ހަރަދުތަކާއި ސިޔާސީ އެކި މަގާމުތަކާއި ސިވިލް ސާވިސް އާއި އުމްރާނީ އެކި މަސައްކަތްތަކާއި ދައުލަތް ހިންގުމަށް ޓެކްސް ފައިސާ އިން ހަރަދު ކުރާ ގޮތް އާންމު ކުރެ އެވެ. މީގެ އިތުރުން އެ ރިޕޯޓްތައް އެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ކުއާޓާއެއްގައި ވެސް ފޮނުވަން ލާޒިމް ކުރެ އެވެ. ރާއްޖޭގައި މިކަންކަމަށް އެހާ ހަރުދަނާ އުސޫލުތަކެއް އަދިއެއް ނެތެވެ. ރައީސް މިހާރުވެސް އަމިއްލަފުޅު އެތައް ދަތުރުތަކެއް ބޭރަށް ކުރައްވާ އިރު އެކަމަށް ކުރާ ހަރަދުތަކާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އިން ހަރަދު ކުރާ މިންވަރު ހަމަ އެނގޭ މީހަކު ހުރި ކަމަކަށް ނުވެ އެވެ. ރައީސްގެ އަމިއްލަ ޕާޓީ ޕީޕީއެމްގެ ކެމްޕޭން ދަތުރުތައް ވެސް ރައީސް އަތޮޅުތަކަށް ކުރައްވާ އިރު ދައުލަތުގެ ބަޖެޓުން އެކަމަށް ހިނގާ ހަރަދާއި އެ ހަރަދު އަމިއްލަ ޕާޓީ އިން ހޯދާނެ އުސޫލެއް ރާއްޖޭގައި ނެތެވެ. ސިޔާސީ ހަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކުން ލިބޭ ފައިސާގެ އެހީތައް ލިބެނީ ކޮން ފަރާތްތަކަކުން ކަމާއި އެ ފައިސާ މެނޭޖް ކުރާ ގޮތް ފެންނާކަށް ނޯވެ އެވެ.

އެކަމަކު ރާއްޖޭގެ ފެންވަރުގައި އެފަދަ އުސޫލުތައް ނެތިގެން އެކަން ނުވެގެން އުޅެނީ ކަމަކަށް ނުފެނެ އެވެ. މިހާރު ވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ގާނޫނު އަސާސީ އިން ކަށަވަރުކޮށްދެ އެެވެ. އެކަމަށް ހާއްސަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ވެސް އެބަ ހުއްޓެވެ. އެކަމަކު އެބޭފުޅުންނަށް ވެސް ކަމެއް ކުރެވޭތަނެއް އަދި ނުފެނެ އެވެ.

މައްސަލަ އަކީ މައުލޫމާތު ހާމަ ކުރުމާ ސަރުކާރުވެސް ބީރަށްޓެހި ވުމެވެ. އެއީ މުޅިދައުލަތް އެކަމާ ނުރުހޭތީ އެވެ. ކޮންމެ ޒަމާނެއްގައި ވެސް މަންޒަރު ފެންނަ ގޮތުން ރައްޔިތުންގެ މަޖިލީހުން ފަށައިގެން އައިސް ސަރުކާރާއި ކޯޓުތައް މި އޮތީ ކަންކަން ހާމަކޮށް ރައްޔިތުންނަށް ފެންނާނެހެން ރީތިކޮށް ކަންކަން ކުރުމާ މުޅިން ދެކޮޅަށެވެ. ސަރުކާރު އަނދިރި ކޮޓަރިއެއްގައި ފަރުދާއެއްގެ ނިވަލުގައި ހިންގަނީ ކޮންމެހެން ގާނޫނެއް ނެތިގެނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ބަހަނާ އެކެވެ. އެކަން ގުޅިފައި އޮންނަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިހުލާސްތެެރި ކަމާ އެވެ. އެބޭފުޅުން އިހުލާސްތެރި ނަމަ ރަނގަޅު ހެޔޮ ނިޔަތް އޮތް ނަމަ ކަންކަން ކުރާނީ ހާމަކޮށްގެން އެވެ. ރައްޔިތުންނަށް ވެސް ހެޔޮ ނުބައި ވަކިވާ ވަރަށެވެ.

"ދައުލަތުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް ހުރިހާ މުއައްސަސާތަކާއި އިސްވެރިން އަމިއްލަ އަށް އިސްނަގަން ޖެހޭ. ނުހައްގުން މުއްސަދިވުން ފަދަ ކަންކަން ހުއްޓުވައި މާލީ ބަޔާން އެންމެންނަށް ފެންނާނެހެން އާއްމު ކުރައްވުން އެބަ މުހިންމުވޭ. އެކަމަކު އެކަމެއް ވެސް ނުކުރޭ. ރައްޔިތުންނަށް ހިންގާ ޑިމޮކްރެޓިކް ނިޒާމެއްގައި ކީއްވެތޯ ރައްޔިތުންނަށް، ރައްޔިތުންގެ ނިޒާމުން ކަންކަން ނޭނގެންވީ، ރައްޔިތުންގެ މަސްލަހަތުގައި އެކަން ނެތް ހާލަތެއް ފިޔަވައި؟" ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ވޮލަންޓިއަރަކު ވިދާޅުވި އެވެ.

މި ދައުލަތް ސިއްރު ކޮޓަރިން ނެރެގެން ނޫނީ، ކޮރަޕްޝަނާއި ފަސާދައަށް މި ހުރި ދޮރުތައް ބަންދު ކުރެވޭކަށް ނެތެވެ. މައުލޫމާތު އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ހައްގުން ރައްޔިތުން މަހުރޫމު ކުރުމުގެ ބޭނުމެއް އޮތްހެނެއް ހިއެއް ނުވެ އެވެ. މުޅި ދައުލަތުގެ ބިތުފަންގި ނަގަން ވެއްޖެ އެވެ. އެކަން ކުރަންވީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ވެސް ނޫނެވެ. ކޯޓުތަކާއި މަޖިލީހާއި އެހެން ވެސް މިނިވަން މުއައްސާތަކުން އެބަޔަކު އަމިއްލަ އަށް އިސްނަގައިގެން ވެސް މިކަން ކުރަން ވެއްޖެ އެވެ. ނޫނީ މި ދައުލަތަށް ރައްޔިތުން އިތުބާރު ކުރާނެ ދުވަހެއް ނާންނާނެ އެވެ. އަދި މިއުޅޭ ކޮރަޕްޝަންގެ ހުތުރު ވަބާއިން މި ގައުމު ދޮވެ ސާފުކޮށްލެވޭނެ މި ނޫން ގޮތެއް ވެސް ނެތެވެ.