ދުނިޔެ

އިރާގުގެ ރަމާދީ އަލުން ހިފަން ޝީއީންގެ ލަޝްކަރެއް ރުކުރުވާލައިފި

May 19, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރާގުގެ ރަމާދީ އަލުން ހިފުމަށް، އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ޝީއީ ހަނގުރާމަވެރިންގެ ލަޝްކަރެއް އެ ސިޓީގެ އިރުމަތީކޮޅުގައި މިއަދު ރުކުރުވާލައިފި އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫންނ ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް މިހާރު ވަނީ ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ޖަމާވެފަ އެވެ. ޝީއީ ހަނގުރާމަވެރިންގެ މައި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި 3،000 އަށް ވުރެ ގިނަ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު މިހާރު ތިބީ ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެންނެވެ.

އެހެން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ޝީއީ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އައިއެސްގެ ލަޝްކަރެއް މިހާރު ވަނީ އެ އަސްކަރީ މަރުކަޒާ ދިމާލަށް މިސްރާބު ޖަހާފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އައިއެސްއާ ދެކޮޅަށް އިރާގާއި އަވަަށްޓެރި ސީރިއާގައި ވައިގެ ހަމަލާތައް ދެމުން ގެންދާ އެމެރިކާ އިން ވެސް އިއްޔެ ބުނެފައި ވަނީ އައިއެސް އިން ރަމާދީ ހިފުމަކީ އެ ޖަމާއަތުގެ ދުވަސް ދުއްވާލުމަށް އެމެރިކާ އިން އިސްވެ އޮވެ ފަށާފައިވާ އަސްކަރީ ކެމްޕޭނަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެކަމަކު، އެ ސިޓީ އަލުން ހިފާނެ ކަމަށާއި އެ ކަމުގައި އިރާގުގެ ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތަކެއް ދޭނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.