އެކުގައި އެއް ކޯޓެއްގައި ވަޒީފާ އަދާ ކުރައްވަމުން ކައިވެނި ބައްލަވައިގެން ބޭފުޅުން ލިބި ވަޑައިގަތުމަކީ ވަރަށް ތަފާތު އިހުސާސަކަށް ވާނެ އެވެ. ފ، ނިލަންދޫއަށް އުފަން ނަސްރީނާއި އަހުމަދާއި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ އަރީފާއި (ފޮޓޯގައި) ދެ ބޭފުޅުންގެ ލޯތްބާއި ހަޔާތުގެ ބޮޑު ބައެއްވީ ކްރިމިނަލް ކޯޓްގެ ތެރޭގަ އެވެ. އެ ދެ ބޭފުޅުން އެކުގައި ވަޒީފާ އަދާ ކުރެއްވީ ކްރިމިނަލް ކޯޓްގަ އެވެ. ދެ ބޭފުޅުން ގުޅިވަޑައިގެން ކައިވެނި ބައްލަވައިގަތީ އެ ކޯޓްގެ ވަޒީފާގައި ތިއްބަވައިގެނެވެ. ފުރަތަމަ ބޭފުޅަކު ލިބި ވަޑައިގަތީވެސް އެ ކޯޓުގައި ތިއްބަވަނިކޮށެވެ. ދެ ބޭފުޅުން އެކުގައި 18 އަހަރު ހޭދަ ކުރެއްވި އެވެ. އޭގެ ތެރެއިން އަށް އަހަރު އެކުގައި ކުރިމިނަލް ކޯޓްގަ އެވެ. ކައިވެންޏަށް 16 އަހަރުވެއްޖެ އެވެ.
މިހާރު ގާނޫނީ ދާއިރާއިން މާސްޓާސް އަށް ކިޔަވާ ވިދާޅުވާ ނަސްރީނާ އަދިވެސް ކްރިމިނަލް ކޯޓްގަ އެވެ. އެ ކޯޓްގެ ކާތިބަކަށް ވަދެ ވަަޑައިގެންނެވި ނަމަވެސް މިހާރު ނަސްރީނާއަކީ އެޑްމިނިސްޓްރޭޓިވް އޮފިސަރެކެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ ކަމާއި އިސް ގާޒީ ކަން ކުރެއްވުމަށްފަހު އަރީފު މިހާރު ހުންނެވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ. މިއީ މިހާރު ދެ ބޭފުޅުން ލިބިވަޑައިގެންފައިވާ އެ ދެމަފިރިންގެ ހަޔާތުގައި ވަރަށް ތަފާތު ކުލަތަކެކެވެ.
މިފަހަރު މިވީ އަދި އެހެނެއް ވެސް ނޫނެވެ. އަރީފު އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ނަސްރީނާ ގާނޫނީ ވަކީލަކަށް ވެވަޑައިގެންނެވީ އެވެ. ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުުރެއްވުމުގެ ހުއްދައާއެކު އަލަށް 173 ފަރާތަކުން ހުވާ ކުރެއްވި އިރު ނަސްރީނާ ވަކީލަކަށް ވެވަޑައިގެންނެވީ ވިލާ ކޮލްޖުގައި ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެންނެވެ.
މިއީ ނަސްރީނާ ކްރިމިނަލް ކޯޓަށް ވަދެވަޑައިގަތީއްސުރެ ދެކެވަޑައިގެންނެވި ހުވަފެނެކެވެ. މި ހުވަފެނުގައި ކުލަ ޖެހުނު އިރު އޭނާއަށް އެންމެ ބޮޑު އުފާވެރި އިއްތިފާގަކަށްވީ އޭނާގެ ގާނޫނީ ވަކީލު ކަމުގެ ސެޓްފިކެޓްގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު، އަދި ފިރިކަލުން އަބްދުﷲ އަރީފު ސޮއި ކުރައްވާފައި ވުމާއި ހުއްދައިގެ ސެޓްފިކެޓް ފިރިކަލުންގެ އަތްޕުޅުން އޭނާއަށް ލިބި ވަޑައިގަތުމެވެ.
އެ އިއްތިފާގު އައީ ތަރުތީބުން ވަކީލުންގެ އަދަދުތައް ބައި ކުރިއިރު އަރީފުގެ އަތްޕުޅުން ސެޓްފިކެޓް ލިބި ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ނަސްރީނާ ހިމެނި ވަޑަައިގަތުމުންނެވެ. އެކަން އަރީފަށް ވެސް އަދި ނަސްރީނާއަށް ވެސް ވީ ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. އަދި އުފާވެރި ކަމެއް ވެސް އިއްތިފާގުވި ވަގުތުކޮޅަކަށެވެ. އެކަން ސިފަ ކުރައްވާ ނަސްރީނާ އޭނާގެ ފޭސްބުކް ވޯލްގައި ލިޔުއްވާފައި ވަނީ މިހެނެވެ:
"... އެންމެ ހާއްސަ ޝުކުރެއް އަދާ ކުރަން ބޭނުން ވަނީ އަޅުގަނޑުގެ ފިރިމީހާ އަބްދުﷲ އަރީފަށް، ފިރިއެއްގެ ހައިސިއްޔަތުން އަދި އުސްތާޒެއްގެ ހައިސިއްޔަތުން، ގާޒީއެއްގެ ހައިސިއްޔަތުން، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވެދެއްވި އެހީތެރިކަން އަބަދުވެސް ހަނދާންކޮށް ޝުކުރު ދަންނަވަން --- ވަރަށް ލޯބިވޭ ދަރިފުޅުގެ ބައްޕަ،"
މީގެ ރައްދުގައި އަރީފު ލިޔުއްވަ އެވެ: "ކާމިޔާބީއަކީ ހިތްމަތްތެރިންގެ ހައްގެކެވެ. އަދިވެސް އިތުރު ކާމިޔާބީއަށް އެދެމެވެ،"