ހަބަރު

މަސްކިރުމުގައި ދަތިތަކެއް ކުރިމަތިވާނެ: މިފްކޯ

ރާއްޖެއަށް މަސްބާނާ މިންވަރު ކުއްލިއަކަށް މިހާ ބޮޑަށް އިތުރުވުމުން މަސް ގަތުމުގަޔާއި އައިސް ފޯރުކޮށްދިނުމުގައި އަބަދުވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ނަމެވެސް ގާބިލުކަން މިހާރު އިތުރުކޮށްފައިވާ ކަަމަށް މޯލްޑިވްސް އިންޑަަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އި ން ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު 150 ޓަނުގެ މަސް ކިރިއިރު ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެވެރެޖްކޮށް 600 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އަދި ބުނީ މަސް ލިބޭ މިންވަރު މިހާބޮޑުތަނުން އިތުރުވުން މަސްކިރުމާއި އައިސް ދޫކުރުމުގައި އަބަދުވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ބަޔާނުގައި ދެން ބުނެފައި ވަނީ ދެކުނުން މަސް ގަންނަ މިންވަރު އިތުރު ކުރުމަށް އުތުރުގައި ހަރަކާތްތެރިވި ކަލަމިންޖާ 402 ނަަމަކަށް ކިޔާ ބޯޓް ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ ގއ. ކޫއްޑޫ ގެ ގާބިލުކަން އިތުރު ކުރުމަށް ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް ދެކުނުގެ އައިސް ޕްލާންޓްތައް 24 ގަޑިއިރު މަސައްކަތް ކުރާ ގޮތް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ ކުރިއާ އަޅާބަލާއިރު މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާކަމަށާއި 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށެވެ.