ދުނިޔެ

ރޮހިންޔާ މީހުންނަށް ވެގެން މި އުޅެނީ ކިހިނެއް؟

May 19, 2015

ރޮހިންޔާ ރެފިއުޖީން ތަކަކަށް އިންޑޮނީޝިޔާ އަދި މެލޭޝިޔާއިން ހިމާޔަތެއް ނުދީ ކަނޑުމައްޗަށް ދޫކޮށްލި ވާހަކަޔަކީ މި ދުވަސްވަރު މީޑިއަގެ ފަލަ ސުރުހީގައި ފެތުރެމުންދާ ވާހަކަތަކެކެވެ. މެދުއިރުމަތީގެ ވާހަކަ ތައް ދިވެހީންނަށް ފުރޭވަރަކަށް ރަނގަޅަށް އެނގެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސަބަބަކީ މުސްލިމުންނާއިމެދު ދިވެހީން އަބަދުވެސް ދެކޭ ގާތްކަމެވެ. ރޮހިންޔާއަކީވެސް މުސްލިމް ދަރިކޮޅެކެވެ. އެމީހުންނާއި ބެހޭގޮތުން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ރޮހިންޔާއަކީ މިޔަންމާގެ އުތުރުގައި އޮންނަ ރަޚީން ނަމަކަށް ކިޔާ ސްޓޭޓެއްގައި ދިރިއުޅޭ މުސްލިމް ދަރިކޮޅެކެވެ. އެމީހުންގެ އަސްލާއިމެދު ތާރީޚީ އިލްމުވެރީންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ. ބައެއް މީހުން ބުނާގޮތުން އެމީހުންނަކީ ފެށުނީއްސުރެ އެތަނުގައި ދިރިއުޅުނު ބައެކެވެ. އަނެއް ބަޔަކު ބުނާގޮތުން އެމީހުންނަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި ބަނގުލަދޭޝް އޮތްއިރު އެ ގައުމުން މިޔަންމާ (އޭރުގެ ބަރުމާ) އަށް ހިޖުރަކުރި ބައެކެވެ.

މިޔަންމާގައި އުޅޭ ރޮހިންޔާއިންގެ ޢަދަދު ހަތްލައްކަ ތިރީސް ފަސް ހާހާއި އަށް ލައްކައާއި ދެމެދުގެ ޢަދަކަށް އަރާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް މި ދަރިކޮޅުގެ މީހުން އެހެން ގައުމުތަކުގައިވެސް އާބާދުވެ ދިރިއުޅެމުން ދެއެވެ. އެހެންކަމުން ސަޢޫދީ އެރެބިއާގައި ހަތަރުލައްކަ، ބަނގްލަދޭޝްގައި ތިން ލައްކަ، ޕާކިސްތާނުގައި ދެ ލައްކަ، ތައިލޭންޑްގައި އެއްލައްކަ އަދި މެލޭޝިޔާގައި ސާޅީސް ހާހަށްވުރެ ގިނަ ރޮހިންޔާއިން އުޅޭ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން އެމީހުންގެ ޖުމްލަ އާބާދީ ސާތާރަ އާއި އަށާރަ ލައްކައާއި ދެމެދުގެ ޢަދަކަށްވާނެއެވެ.

މިޔަންމާގެ ރަޚީންގައި ހިނގި ދާޚިލީ ހަމަނުޖެހުންތައް ހިނގާފައިވަނީ އެތަނުގެ މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދުގައެވެ. ހަމަނުޖެހުން ފެށިފައިވަނީ އުތުރުގައި އުޅޭ މުސްލިމް ރޮހިންޔާއިންގެ ބާރު ގަދަވެ، ދެކުނުގައި އުޅޭ ބުޑިސްޓް ރޮހިންޔާއިންގެ މައްޗަށް އެމީހުން ގަދަވެގެންފާނެ ކަމަށް އެމީހުންނަށް ހީވެގެންނެވެ. ދެފަރާތުގެ ދެމެދުގައި ކުރިޔަށްދިޔަ ގިނަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އުޅެނިކޮށް ހުޅުފަޅައިގެން ދިޔައީ މުސްލިމް ރޮހިންޔާ ދަރިކޮޅުގެ ބަޔަކު ބުޑިސްޓް އަންހެނަކު ރޭޕް ކޮށް މަރާލުމާއި، ބުޑިސްޓުންގެ ބަޔަކު ދިހަ މުސްލިމުން މަރާލުމުންނެވެ. އެހިސާބުން ހިނގި ހަމަނުޖެހުންތަކުގައި 78 މީހުން މަރުވިއެވެ. އަދި ހާލުގައި ޖެހި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު އެއްލައްކަ ސާޅީސް ހާހަށް އެރިއެވެ. މިހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މިޔަމްނާ ސަރުކާރުން އެ ސަރަހައްދުގައި ސިފައިންގެ ލަޝްކަރުތައް ރުކުރުވާލިއެވެ. އަދި ގެދޮރު ގެއްލުނުމީހުން ކޭމްޕަތަކަކަށް ގެންދިޔައެވެ.

1982 ވަނަ އަހަރު މިޔަންމާގެ "ރަށްވެހި ކަމާއި ބެހޭ ޤާނޫނު" ތަސްދީޤު ކުރެވުނު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ރޮހިންޔާދަރިކޮޅުގެ މީހުންނަށް މިޔަންމާގެ ރަށްވެހިކަމެއް ނުލިބެއެވެ. އެ ޤާނޫނު ބުނާގޮތުން އެމީހުންނަކީ ރަށްވެހީންނެއް ނޫނެވެ. އަދި ރޮހިންޔާ ދަރިކޮޅުގެ އެއްވެސް މީހަކު ދެ ދަރީންނަށްވުރެ ގިނައިން ދަރިން ނުހޯދާނެ ކަމަށް އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ. ރަސްމީ ހުއްދައެއްނެތި އެމީހުން ދަތުރުފަތުރު ކުރުމަކީވެސް މަނާ ކަމެކެވެ. އ.ދ އިން މިކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރިޔަސް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

ރޮހިންޔާ ދަރިކޮޅަކީ މުޅި ދުނިޔޭގައިވެސް އެބައެއްގެ އަމިއްލަ ގައުމުގައި އެންމެބޮޑަށް ތަފާތު ކުރެވި އިހާނެތި ކުރެވިފައިވާ މީހުން ކަމަށް ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އެއްބަސް ވެއެވެ. ލައްކައަކަށްވުރެ ގިނަ ރޮހިންޔާއިން މިހާރުވެސް ދިރިއުޅެމުންދަނީ އެމީހުންގެ އަމިއްލަ ވަޒަނުގައި، ރެފިއުޖީ ކޭމްޕްތަކުގައެވެ. އަދި އެމީހުން އެހެން ގައުމެއްގެ ހިޔާވަހިކަން ހޯދަން ދިޔުންވެސް މިޔަންމާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ހަގީގަތަކީ އެއްވެސް ގައުމަކުން ރޮހިންޔާއިންނަށް ދާއިމީ ހިޔާވަހިކަމެއް ދޭން ބޭނުން ނުވާކަމެވެ. ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޔާއިންވެސް މިއަދާއި ހަމަޔަށް ދިރިއުޅެމުން ދަނީ ކޭމްޕްތަކުގައެވެ. އަދި އެމީހުންގެ އާބާދީ އިތުރުވެ، ބަނގްލަދޭޝަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރައްޓަކައި އެގައުމުން ވަނީ އެމީހުންނަށްދޭ އެހީގެ މިންވަރުވެސް ކުޑަކޮށްފައެވެ. އެހެންކަމުން ބަނގްލަދޭޝްގައި އެމީހުންނަށް ކުރިމަގެއް ނެތްކަން އެނގުމުން އަމިއްލަ ގައުމަށް އެނބުރި އަންނަންވެސް ބައެއް މީހުން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކާއިހެދި އެމީހުންނަށް އަނބުރާ އާދެވޭ ގޮތެއްވެސްނުވެއެވެ.

މިވާހަކަ ކުރު ކުރާނެ ގޮތެއް ނެތެވެ. ބުނެވޭނީ ދުނިޔޭގައި ރޮހިންޔާ ދަރިކޮޅަށް މަރުޙަބާ ކިޔައި އެމީހުން ދިރިއުޅޭނެ ބިމެއް ދޭނެ އެއްވެސް ގައުމެއް ނެތް ކަމަށެވެ.