މިއުޒިކް

ހެކު ކުރި "ޑެސްޕަސީޓޯ" އަނބުރާ ޔޫޓިއުބަށް

ދާދިފަހުން ޔޫޓިއުބުގައި ފަސް ބިލިއަން ވިއުސް ހޯދި ލަވަ "ޑެސްޕަސީޓޯ" ހެކްކޮށް އެ ލަވަ ޔޫޓިއުބުން ވަނީ ދުއްވާލާފަ އެވެ. ލަވަ ހެކުކުރި ފަރާތުން ވަނީ ޔޫޓިއުބުގައި އެ ލަވައިގެ ކަވާ ފޮޓޯއަކަށް މޫނު ފޮރުވައިގެން ތިބި ބައެއްގެ ފޮޓޯއެއް ލަވާފަ އެވެ. އެމީހުން ތިބީ ބަޑިތަކެއްވެސް ހިފައިގެންނެވެ.

ލަވަތައް ހެކުކުރީ "ޕްރޯސޯކް" އަދި "ކުރޯއިޝް" ކިޔާ ބައެކެވެ. ހެކްކުރި ލަވަތަކުގައި އެމީހުން އަމިއްލަ މެސެޖުތައް ލިޔެފައި ހުއްޓެވެ. އެ މެސެޖުތަކުގައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ.

ކޯސްޓާ ރިކާގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ އާއި ޕުއޭޓޯ ރިކޯގެ ރެޕަރު ޑެޑީ ޔަންކީ ކިޔާފައިވާ އެ ލަވަ ޔޫޓިއުބުން މިހާރު ވަނީ އަނެއްކާވެސް ބެލޭނެ ގޮތް ހަދާފަ އެވެ. މިދިޔަ އަހަރު ޔޫޓިއުބުގައި އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކު ވީޑިއޯއަކީވެސް މި ލަވަ އެވެ.

މި ލަވައިގެން އިތުރުން މިއުޒިކު ހޮސްޓުކުރުމުގެ ހިދުމަތްދޭ "ވީވޯ" ގެ ދަށުން ހިންގާ ގިނަ ލަވަކިޔުންތެރިންތަކެއްގެ ލަވަތައްވެސް ވަނީ ހެކުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަކީރާ، ސެލީނާ ގޯމޭޒް، ޑްރޭކް އަދި ޓެއިލާ ސުވިފްޓުފަދަ ލަވަކިޔުންތެރިންގެ ލަވަތައް ހިމެނެ އެވެ.

ޑެސްޕަސީޓޯއަކީ ގިނަ އެވޯޑުތަކެއްވެސް ލިބިފައިވާ ލަވައެކެވެ. ލެޓިން ގްރޭމީ އެވޯޑްސް 2017 ގައި އަހަރުގެ އެންމެ މޮޅު ލަވައިގެ އެވޯޑާއި ރެކޯޑް އޮފް ދި އިޔާގެ އެވޯޑުވެސް ލިބިފައިވެ އެވެ.