ވިޔަފާރި

މަޝްހޫރު ގިނަ ބަޔަކު އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގައި

Dec 23, 2014

ދުނިޔޭގެ ނަން މަޝްހޫރު މީސްމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ އާކަމެއް ނޫނެވެ. އެގޮތުން މި ފެށޭ އާ އަހަރާ ދިމާކޮށް ވެސް ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ބަޔަކު ދަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުން އުފާ ހޯދަމުންނެވެ. ފިލްމީ ތަރިންނާއި ކުޅުންތެރިންނާއި ބޮޑެތި ވިޔަފާރިވެރިންގެ އެތައް ބަޔަކު މިހާރު ވެސް ތިބީ ރާއްޖޭގަ އެވެ. ރާއްޖެ އަށް އައުމަށް އަދިވެސް އެތައް ބަޔަކު ދާނީ ފޮށިތަންމަތި ބަންނަމުންނެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އާ އަހަރާ ދިމާކޮށް މި އަހަރު ވެސް މަޝްހޫރު ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމްގެ ދެމަފިރިންނާއި ހަތަރު ކުދިން ރާއްޖެ އާދެ އެވެ. މި އާއިލާ މި އަހަރު ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ފަހަރު ވެސް ބެކަމްގެ އާއިލާ ޗުއްޓީ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ. ފަހަރެއްގައި ބެކަމްއަށް މި ރިސޯޓް މާ ގަޔާވީ ކަމަށް ވެސް ވެދާނެ އެވެ.

ބެކަމްގެ އިތުރުން ރާއްޖެއަށް އަންނާނެ އަނެއް ތަރިއަކީ ހޮލީވުޑްގެ މަޝްހޫރު ބަތޮލް ބްރެޑް ޕިޓެވެ. ގިނަ ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލަމުން ގެންދާ ބްރެޑް ޕިޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރާނެ ރިސޯޓެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ވާހަކަ އަދި މީޑިއާއަށް ތިލަ އެއް ނުވެ އެވެ. ސަބަބަކީ ޕަޕަރާޒީންގެ ބިރުވެރިކަމެވެ.

ހޮލީވުޑްގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މިސްރާބު ވެސް ހުރީ ރާއްޖެ އަށެވެ. މި ތަރިންގެ ތެރޭގައި ސަލްމާން ހާން ވެސް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަރިން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެތެރެެއިން އެކަކީ ބޮލީވުޑްގެ ލޫޅާފަތި ބަތަލާ ދިޕިކާ ޕަދުކޯން އެވެ. މިދިޔަ އަހަރުގެ ނިއު އިޔާ ވެސް ފާހަގަ ކުރި ދިޕިކާ މިވަގުތު ހުރީ އިންޑިއާ ތާޖު ކުންފުނިން ހިންގާ ތާޖު އެކްޒޯޓިކާ ރިސޯޓުގަ އެވެ. ނަމަވެސް އާ އަހަރުގެ ބަޑިބޭހުގެ ކުޅިވަރުތައް އޭނަ ބަލާނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހިތްގައިމު އެއް ރިސޯޓް ކަމަށްވާ ނ. ސެވަލް ބްލެންކް ރަންދެލި ރިސޯޓުގަ އެވެ.

ފިލްމީ ތަރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިންތަކެއް ވެސް ރާއްޖެ އަންނާނެ އެވެ. މި ތަރިންގެ ތެރޭގައި އިޓަލީ ވިލާތުގެ ގިނަ ފުޓުބޯޅަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން އާޖެންޓީނާ އާއި އިނގިރޭސިވިލާތުގެ ފުޓުބޯޅަ ތަރިންގެ ބަޔަކު ވެސް އާ އަހަރު ފާހަގަ ކުރާނީ ރާއްޖޭގަ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވި ގޮތުގައި މަޝްހޫރު މީހުން ރާއްޖެ އައުމަކީ ރާއްޖެ މަޝްހޫރު ވެގެންދާނެ ކަމެކެވެ.

"މީގެ ސަބަބުން ރާއްޖެއަށް ލިބޭ އެކްސްޕޯޝާ ބޮޑު ވެގެންދާނެ،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބްރޭންޑް އެމްބެސެޑަރުން އަންނަ އަހަރު ނެގުމަށް ހަމަޖެހިފައިވެ އެވެ.

"އަޅުގަނޑުމެންނަށް އެފޯޑް ކުރެވޭ ވަރުގެ ތަރިން ނަގާނީ،" ޒިއަތު ވިދާޅުވި އެވެ.