ހަބަރު

ސްކޫލްތަކުގެ ހާލަތު ބަލަން މިނިސްޓަރު ލާމަށް

Apr 11, 2018
3

މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކޮށް ސްކޫލްތަކުގައި ހުރި ދަތި ކަންކަން ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ލ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ލ އަތޮޅަށް މިނިސްޓަރު ފުރާ ވަޑައިގެންނެވީ މިއަދު އެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތް ސްކޫލަށް މިނިސްޓަރު ޒިޔާރަތް ކުރައްވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ހަތަރު ދުވަހަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ލ. އަތޮޅުގައި ޓިވެޓް ކޯސްތަކުން ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނި ވުމުގެ ހަފުލާގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ސްކޫލްތަކުގެ ވެރިންނާ ބައްދަލުކޮށް ސަރުކާރުގެ ތައުލީމީ ސިޔާސަތު އިތުރަށް އޮޅުންފިލުވައިދީ ސްކޫލްތަކަށް ދަތިވާ ކަންކަން ބެލުމަށްފަހު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި ސްކޫލްތަކުގެ ވެރިންނާ ބައްދަލުކުރުމުގެ އިތުރަށް ދަރިވަރުންނަށް އަހުލާގު އުނގަންނައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ބެލެނިވެރިންނާއި ދަރިވަރުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

ލ. އަތޮޅުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު މާލެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.