ވިޔަފާރި

ލޯ ސީޒަންގައި ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ފަށައިފި

Apr 12, 2018
1

ޓޫރިޒަމްގެ ލޯ ސީޒަނާ ދިމާކޮށް، ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާއްސަ މަސައްކަތް ތަކެއް ފަށައިފި އެވެ.

އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އިއްޔެ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ލޯ ސީޒަންއަކީ ޓޫރިޒަމްގެ "ޑްރައި ސީޒަން" ގެ ގޮތުގައި ބަލާ ދުވަސްވަރެއް ކަމަށެވެ. އެހެންވެ ޓޫރިސްޓުން އިތުރު ކުރަން ތަފާތު ދާއިރާތައް ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮފް ސީޒަންގައި އެހެން ދިމަދިމާލުން، އެހެން މޭޖަ މާކެޓުތަކުގެ ސަމާލުކަން ހޯދަން މަސައްކަތް މި ކުރަނީ. އެ ކެމްޕޭންތައް މި ކުރަނީ އެމްބަސީތަކާއި ޕީއާރް ކުންފުނިތަކާއި ލޮބީން ފާމްސްތައް އަދި މީޑިޔާ ޕާސަންސްގެ އިތުރުން ސޯޝަލް އަދި ޑިޖިޓަލް ކޮންޓެންޓް ވައިރަލް ކޮށްގެން،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތްތަކުގެ ނަތީޖާ ވޭތުވެދިޔަ ތިން މަސް ދުވަހު ވެސް ފެނިފައިވާ ކަމަށެވެ.

"އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެރައިވަލްސް އަށް އިރާދަ ކުރެއްވިއްޔާ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް. ކުރިއަށް އޮތް ތާނގައި ވެސް އެ ޓްރެންޑްސް ދެމެހެއްޓި އެ ގޮތަށް ދެމިގެންދާނެ ކަމަށް،" ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ މި އަހަރު ފެށުނީ ކުރިން އުންމީދުކުރި ވަރަށް ވުރެ ވެސް ޓޫރިޒަމްގެ ކުރިއެރުން މަތިކޮށް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ހީނަރުކަމެއް ޓޫރިޒަމަށް އަންނާނެ ކަމަށެވެ.

"އެކަމަކު ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. ކުރިން މަސައްކަތް ކުރި ގޮތާ ހިލާފަށް ތަފާތު ޑޭޓާތަކުގެ އަލީގައި މިހާރު މަސައްކަތް މި ކުރަނީ. ކުރެވެން އޮތް އެންމެ ފުރި ހަމައެއްކޮށް ކުރަމުން މި ގެންދަނީ،" ހާރިސް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ލޯ ސީޒަން ނުވަތަ އޮފް ސީޒަން ފެށެނީ ޔޫރަޕަށް ސަމާ ސީޒަން ފެށުމާއެކުގަ އެވެ. ސަމާ ސީޒަން ދެމިގެންދާނީ މާޗް މަހުން ފެށިގެން މެއި މަހާ ހަމަ އަށެވެ. މި ދުވަސްވަރަކީ އާއްމު ގޮތެއްގައި ރާއްޖެ އަށް އަންނަ މީހުން މަދުވާ ދުވަސް ވަރެކެވެ. އަދި މި ދުސްވަރާ ދިމާކޮށް ފިނި މޫސުމަށް ފަށާފައިވާ ފްލައިޓްތަކުގެ ދަތުރުތައްވެސް މެދުކަނޑާލަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 286،637 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ފެބްރުއަރީ މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ގިނަ ބުކިންތަކެއް ކެންސަލްވެފައިވާތީ، ޓޫރިސްޓުންގެ އަދަދު ކުރިއަށް އޮތް މަސްތަކުގައި މަދުވާނެ ކަމަށް ވަނީ ބެލިފަ އެވެ.