ގުރުއާން އަންދާލި ކަމަށް ބުނެ އަފްޣާނިސްތާނުގައި އަންހެނަކު މަރާލި މައްސަލައިގައި އިހުމާލުވި 11 ފުލުހަކު އެއް އަހަރުދުވަހަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކޯޓަކުން ކުރި އެ ހުކުމް އައި ފުލުހުންގެ ތެރޭގައި އިސް އޮފިސަރުންތަކެއް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، އެ ހާދިސާގައި އިހުމާލު އޮތް ކަމަށް ބުނެ ދައުވާ އުފުލި އިތުރު އަށް ފުލުހެއްގެ މައްޗަަށް ދައުވާ ސާބިތު ނުވާ ކަމަށް ވެސް ޝަރީއަތުން މިއަދު ނިންމަވާފައިވެ އެވެ.
މިދިޔަ މާޗު މަހުގެ 19 ގައި ހިނގި އެ ހާދިސާގައި، ފިރިހެނުންގެ ގްރޫޕަކުން ވަނީ އުމުރުން 27 އަހަރުގެ ފަރުޚުންދާ ނަމަކަށް ކިޔާ 27 އަހަރުގެ ޒުވާން އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކޮށް، އޭނާ ގައިގައި ރޯކޮށްލުމަށް ފަހު ކޯރަކަށް އެއްލާލާފަ އެވެ. އެ މީހުން މި އަނިޔާވެރި އަމަލު ހިންގީ ފަރުޚުންދާ ގުރުއާން އަންދާލި ކަމަށް ތުހުމަތުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނީ ޖުމްލަ 49 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން، ފަރުޚުންދާ މަރާލި ހަތަރު ފިރިހެނުން މަރަން މި މަހުގެ ކުރީކޮޅު ކާބުލްގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރި އިތުރު އަށް މީހެއްގެ މައްޗަށް 16 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، 18 މީހަކު ވަނީ ދައުވާ އިން ސަލާމަތްވެފަ އެވެ.
ފަރުޚުންދާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަމަށް އެންމެ ފުރަތަމަ އަޑު އަރާފައި ވިޔަސް، އޭނާގެ އާއިލާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ގޮތުން، އޭނާގެ ބައްޕަ ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ގުރުއާން ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ފަރުޚުންދާ ޚަތިމެއް އަންދާލާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
ފަރުޚުންދާ މަރާލުމުގެ ފަހަތުގައި ވަނީ، އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި، މިސްކިތެއްގެ އިމާމެކެވެ. އެއީ، ތަވީދު ލިޔެދިނުމުގެ ވިޔަފާރިކުރާ އެ އިމާމު، ތަވީދުގައި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔާ ކަމަށް ފަރުޚުންދާ ބުނާތީ ކަމަށް އާއިލާ އާއި އެ ހިސާބުގަނޑުގެ މީހުން ބުނެފައިވެ އެވެ.
މި ހާދިސާ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، ފަރުޚުންދާ ގުރުއާން އަންދާލި ކަމުގެ އެއްވެސް ހެއްކެއް ނެތްކަން އަފްޣާނިސްތާނު ސަރުކާރުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފަ އެވެ