ހަބަރު

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން ހުޅުވާލައިފި

އަންނަ ޖުލައި މަހު ގައުމީ ޔުނިވަސިޓީން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ރާއްޖެއަށް އަލަށް ތައާރަފްކުރާ އެމްބީބީއެސް ކޯސް ހިމަނައި އެ ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު އެމްއެންޔޫއިން މިއަދު ހުޅުވާލައިފި އެވެ.

އެމްއެންޔޫއިން މިއަދު ބުނީ، އެމްބީބީއެސް އަށް ކުރިމަތިލާ ފޯމް މި މަހުގެ 22 އިން ޖޫން 14 އަށް ޔުނިވަސިޓީން ދޫކުރާނެ ކަމަށެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު އެ ޔުނިވަސިޓީގެ ސްޓޫޑެންޓް ސާވިސް އިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އޭ ލެވެލްގެ އިނގިރޭސި ހިސާބު ހިމެނޭ ގޮތަށް ސައިންސް މާއްދާތަކުން ސީ އަށްވުރެ މަތިން ފާސް ވެފައިވާ ފަރާތްތަކާއި އޯލެވެލް އިން އިނގިރޭސި ހިސާބު ހިމެނޭ ގޮތަށް ސައިންސް މާއްދާތަކާއެކު ފަސް މާއްދާއިން ފާސްވެފައިވާ ކުދިންނަށް ކޯހަށް ހުށަހެޅޭނެ އެވެ.

ރާއްޖޭގައި މުޅިން އަލަށް ޑޮކްޓަރީކަން ކިޔަވައިދޭން ފެށުމަށް ޔުނިވަސިޓީން ތައްޔާރުވެ، މެޑިކަލް ސްކޫލެއްވެސް ގާއިމްކޮށްފައިވާއިރު އައިޖީއެމްއެޗްގައި މިހާރު ތަރައްގީކުރަމުންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން އެ ކޯހުގައި ކިޔަވާ ދަރިވަރުންނަށް އެ އިމާރާތުން ވެސް ދެ ފްލޯ ހާއްސަކުރާނެ އެވެ.

މެޑިކަލް ކޮލެޖުގެ މަޝްރޫ ޕާކިސްތާނު ސަރުކާރުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ދީފަ އެވެ. މެޑިކަލް ކޮލެޖެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތަށް އިސްނެންގެވައި އެކަންކުރިއަށްގެންދިއުމުގައި އިސްކޮށް ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު، އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރުކަމުން ދާދި ފަހުން އިސްތުއުފާދެއްވި ދުންޔާ މައުމޫނެވެ.