ރާއްޖޭގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރާއި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އުޅަނދުފަހަރުގައި ބަހައްޓާފައި ހުންނަ ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓްކޮށްފައިވަނީ "ދިވެހިރާއްޖެ އަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު" އެވެ.
މި ގަވާއިދަކީ ރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ރާއްޖޭގެ ބަނދަރަކަށް އައުމުގެ ކުރިން އެތަކެއްޗާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު ހަމަޖެއްސުމާއި ހަތޮޔާރު ގެނައުމާއި އެތަކެތި އަނބުރާ ރާއްޖެއިން ފޮނުވާލުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. އަދި މަނާ ހަތިޔާރު ހުންނަ އުޅަނދުފަހަރާއި އެ އުޅަނދުތަކުގައި އަންނަ ސެކިއުރިޓީ ގާޑުންނާއި ވަކިން އަންނަ ސެކިއުރިޓީ އެކޯސްޓުގައި ހުންނަ ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި ސެކިއުރިޓީ ގާޑުންނާ ގުޅޭ އުސޫލު ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.
މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭނީ 10 މިލިމީޓަރުން ފެށިގެން ދަށްކެލިބާގެ ރައިފަލާއި ހޭންޑްގަން އާއި ސޯޅަ ގޭޖުން ފެށިގެން ދަށުގެ ޝޮޓްގަން ފަދަ ހަތިޔާރެވެ. މިނޫން ބާވަތެއްގެ ހަތިޔާރު ހުރިނަމަ އެތަކެތި ގާނޫނުގައިވާގޮތަށް އެމްއެންޑީއެފް އަށް އަތުލެވޭނެ އެވެ.
ރާއްޖެއަށް ގެނައުން މަނާ ހަތިޔާރު ހުރި އުޅަނދަކުން ރާއްޖެ އައުމުގެ ކުރިންނާއި ފުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަން ވާނެ އެވެ. އަދި މަނާ ހަތިޔާރު ހުރި ނަމަ އެ އުޅަނދާއި ސަރުކާރާ ދެމެދުގެ މުއާމަލާތްތައް ހިންގާނެ ލޯކަލް އޭޖެންޓެއް ހަމަޖައްސައި، އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ދެ ދުވަސް ކުރިން އުޅަނދާއި އޭގައިވާ ހަތިޔާރާ ބެހޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީން ދޫކުރާ ހާއްސަ ފޯމެއް މެދުވެރިކޮށް ހުށަހަޅަން ވާނެ އެވެ. އަދި އެފަދަ ހަތިޔާރު ރާއްޖެ ސަރަހައްދަށް ވަނުމުގެ ކުރިން ޑިކްލެއާ ވެސް ކުރަންވާނެ އެވެ.
ހަތިޔާރު ހުރި އުޅަނދަކަށް ރާއްޖެއަށް ވަނުމުގެ ހުއްދަ ލިބުނު ނަމަވެސް އެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަދެ، ނުވަތަ މާލޭގައި ބަނދަރުކުރުމުން ހަތިޔާރު ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވޭނެ އެވެ. އަދި ހަތިޔާރުތައް ދީފައިވާ މައުލޫމާތާ އެއްގޮތްތޯ ބެލުމަށް ސްކްރީން ކުރާނެ އެވެ. ހަތިޔާރު އަނބުރާ ދޫކުރާނީ ފޯކަލް އެޖެންޓް މެދުވެރިކޮށް އޭނާ ހުށަހަޅާ މައުލޫމާތާއި ހަތިޔާރާ ބެހޭ މައުލޫމާތު ދިމާވާ ނަމަ އެވެ. އަދި ހަތިޔާރު ދޫކޮށްދިނުމަށް އެޖެންޓް އެދުމާއެކު ރާއްޖެއިން ފުރުމުގެ ހުއްދަ އުޅަނދަށް ލިބުމުންނެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ބަހައްޓާ ހަތިޔާރު ތިން މަސްދުވަހުގެ ތެރޭގައި ނުގެންގޮސްފި ނަމަ ބަދަލު ދިނުމަކާ ނުލައި އެތަކެތި ދައުލަތަށް ނަގާނެ އެވެ. އަދި ރާއްޖޭގައި ހަތިޔާރު ހުރި މުއްދަތުގައި ހަތިޔާރުގެ ބާވަތާއި މަސައްކަތާއި ދުވަހުގެ މުއްދަތަށް ބަލައި ކަނޑައެޅޭ ހާއްސަ ފީއެއްވެސް ނަގާނެ އެވެ.
އެ ގަވާއިދު ބުނާގޮތުން ލޯކަލް ކޯޑިނޭޓިން އެޖެންޓެއް ހަމަ ނުޖައްސައި، ދިމާވާ ހާލަތެއްގެ ސަބަބުން ރާއްޖެ ސަރަހައްދަށް އުޅަނދަކުން ވަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ދިވެހި ސިފައިންނަށް ވީ އެންމެ އަވަހަކަށް އަންގަންވާނެ އެވެ. އަދި ހަތިޔާރުތަކާ ބެހޭ މައުލޫމާތު ދިވެހި ސިފައިންނަށް ހުށަހަލައި ޑިކްލެއާ ކުރަންވާނެ އެވެ.
މި ގަވާއިދުގެ ދަށުން ދުނިޔޭގެ މަސްރަހާއި ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ހާލަތްތަކުގައި މި ގަވާއިދުގެ ދަށުން ދެވޭ ހުއްދަ ދިނުން ވަކި މުއްދަތަކަށް މެދުކަނޑާލުމުގެ ބާރު ޑިފެންސް މިނިސްރީއަށް ލިބިގެންވެ އެވެ.
މި ގަވާއިދު އެކުލަވާލާފައިވަނީ ރާއްޖެއަށް ގެނައުން މަނާ ތަކެއްޗާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ ދަށުންނެވެ.