ސިނަ މާލެ ބްރިޖް

ބްރިޖުގައި ހުންނާނީ އިލެކްޓްރޯނިކް ޓޮލް

Apr 12, 2018
10

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ދަތުރު ކުރާ އުޅަނދުތަކުން ފީ ދައްކަން މަޑު ކުރަން ނުޖެހޭނެ ކަމަށާއި ބްރިޖުގައި ގާއިމް ކުރަނީ އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މުއިއްޒު މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބްރިޖު ހުރަސްކޮށް ދަތުރު ކުރާއިރު ފީއެއް ނަގާނެ ކަމަށާއި ހުޅުމާލެއިން އައިސް ބްރިޖާ ގުޅޭ ހިސާބުގައި އެއް ޓޮލް، އަދި މާލެ ކޮޅުގައި އެއް ޓޮލް ހުންނާނެ ކަމަށެވެ. ނަމަވެސް ޓޮލްތައް ހުންނާނީ އެއްވެސް އުޅަނދެއް މަޑު ކުރަން ޖެެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ބްރިޖުގައި ގާއިމްކޮށްފައި ހުންނާނީ އޮޓޮމެޓިކް އިލެކްޓްރޯނިކް ޓޮލް ނިޒާމް ކަމަށެވެ. އެގޮތުން ދުއްވާފައި ދާއިރު އުޅަނދުގައި ހަރުކޮށްފައި ހުންނާނެ ޑިވައިސްއެއް މެދުވެރިކޮށް އަމިއްލައަށް ޓޮލްއަށް ކެނޑިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން [ޓޮލް ނަގާ] ޑިވައިސްތައް ލިބޭ ގޮތް ހަދާނަން މާލޭގައި ދުއްވާ ހުރިހާ އުޅަނދަކަށް، އެހެންވެ ވަރަށް ފަސޭހައިން މިކަން ކުރެވެމުން ދާނީ އެއްވެސް ކަހަލަ ބުރައަކަށް މިކަން ނުވާނެ، އެންމެންނަށް ރަނގަޅު ނިޔަތެއްގައި ކުރެވިގެންދާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖަށް އަރަން ނަގާނީ ނުދެއްކޭނެ ވަރުގެ އަގު ބޮޑު ފީއެއް ނޫން ކަމަށާއި އެ ފީ ނަގަނީ އާންމްދަނީއެއް ހޯދުމަކަށް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ފީ ބޭނުން ކުރާނީ ގިނަ ދުވަހު ރަނގަޅު ފެންވަރުގައި ބްރިޖު ބެލެހެއްޓުމަށްޓަކައި މެއިންޓޭނަންސްގެ ހަރަދުތައް ކަވަރު ކުރުމަށް ކަމަށް ވިދާޅުވި އެވެ. ނަފީގެ ގޮތުގައި ނަގާ އަދަދުތައް ފަހުން ހާމަ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ޓޮލް ނަގަން ނިންމުމުން ފާޑު ކިޔާނެ ކަމަށް ބަލައި އެކަމަށް ރައްދެއް ދެއްވަމުން މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބްރިޖުގެ ވާހަކަ ދެކެވުނު އިރު އެންމެ ފުރަތަމަ ވެސް ވަރަށް ބޮޑަށް ޓޮލްގެ ވާހަކަތައް ދައްކާ މުޅި މަޝްރޫއުގެ ހިންގޭނީ ވެސް އެ ޓޮލް ނަގައިގެން ކަމަށް އޭރުގެ ލިޔުންތަކުގައި ހުރި ކަމަށެވެ. އެހެންކަމުން ޓޮލް ނަގާތީ އިދިކޮޅު ފަރާތްތަކަށް ފާޑެއް ނުކިޔޭނެ ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހެދުމުގެ މަސްކަތް ކުރިޔަށް ދާއިރު މިހާރު އެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިންމާލައިފަ އެވެ. އެގޮތުން ތާވަލުގައި އޮތް ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމާ ހުޅުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.