ހަބަރު

ސިއްހީ ދާއިރާ ކުރިއަރުވަން މަސައްކަތްކުރި ފަރާތްތަކަށް އެވޯޑު ދީފި

ސިއްހީ ދާއިރާ ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދިން ތިން ފަރާތަކަށް ހެލްތު މިނިސްޓްރީން އިނާމުދީފި އެވެ.

މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިއަދު އދ. މަހިބަދޫގައި ބޭއްވި ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ ތިން ކެޓަގަރީއަކުން އިނާމު ދީފަ އެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ވަނީ ކޮންމެ އަހަރަކުވެސް ސިއްހަތު ދުވަހު މިނިސްޓްރީން ދޭ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްދީފައިވާ ހޮސްޕިޓަލަށް ދޭ އެވޯޑާއި ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ހިދުމަތެއް ކުރައްވާފައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑާއި މިއަހަރު އަލަށް ތައާރަފްކުރި ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު ތިން ފަރާތަކަށް ދީފަ އެވެ.

ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން މިދިޔަ އަހަރު އެވޯޑު ހޯދީ ދ އަތޮޅު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ވަނީ މިދިޔަ އަހަރު މުޅި އަތޮޅުތެރޭގައި ސިއްހަތަށް މީހުން ހޭލުންތެރިކުރުވަން ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

ދާއިރާއަށް މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ ހިދުމަތް ކޮށްދިން އަމިއްލަ ފަރާތުގެ އެވޯޑު ހާސިލްކޮށްފައިވަނީ މޯލްޑިވްސް ރެޑްކްރެސެންޓުންނެވެ. އެ ޖަމިއްޔާއަށް އިނާމް ދީފައިވަނީ ގައުމީ ފެންވަރެއްގައި ކުރަމުންގެންދާ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް، ދުޅަހެޔޮކަމާއި ގުޅުންހުރި ގިނަ ހިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންގެންދާތީ ހިތްވަރުދިނުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއަހަރު އަލަށް ދޭންފެށި ސިއްހީ ދާއިރާއާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ފަދަ ދިރާސާއެއް ހެދުމުން ދޭ އެވޯޑް ހާސިލްކޮށްފައިވަނީ ޑރ އާއިޝަތު ޝިފާޒާ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ހެލްތު މިނިސްޓްރީން ނެރޭ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން" ގެ ފަސް ވަނަ އަދަދު ނެރެދީފަ އެވެ. އަދި "ސިއްހީ ދާއިރާގެ ކާމިޔާބީތަކުގެ ފޮތް 2014-2017" ވެސް ވަނީ ނެރެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލޯގޯ ވެސް އިފްތިތާހުކޮށްފައިވަނީ މިއަދުގެ ރަސްމިއްޔާތުގަ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް މިއަދު މަހިބަދޫގައި ފާހަގަކުރަމުންދާއިރު ދުވަހާއި ގުޅޭ ފޮޓޯ މައުރަޒެއް ވެސް އެރަށުގައި މިއަދު ކުރިއަށްގެންދާނެ އެވެ. އަދު ދުވަހާ ގުޅޭ އިތުރު ހަރަކާތްތައް ވެސް ކުރިއަށްގެންދާނެ އެވެ.