ވިޔަފާރި

އެސްއެމްއީ ލޯނަށް 700 އަށްވުރެ ގިނަ މީހުން ކުރިމަތި ލައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނަށް 700 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރު ބަޖެޓުން ސްމޯލް އެންޑް މީޑިއަމް ސައިޒް އެންޓަޕްރައިޒް (އެސްއެމްއީ) އަށް ދޫކުރާ 50 މިލިއަން ރުފިޔާގެ މި ލޯނު ސްކީމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު "އަވަސް" އަށް މިއަދު ވިދާޅުވީ އެސްއީލޯނަށް 759 އެޕްލިކޭޝަން ލާފައިވާއިރު، ބޮޑު ތަޖުރީބެއް ލިބިފައިވާ ކަމަށެވެ. އަދި ލޯނަށް ކުރިމަތިލ ފަރާތްތަކަށް ޖޫން މަހުގެ ނިޔަލަށް ފައިސާ ދޫކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"50 މިލިއަން ރުފިޔާގެ އެސްއެމްއީ" ލޯނު ދޫކުރަނީ ނުވަ އަހަރުން ދައްކާ ގޮތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގްރޭސްޕީރިއަޑްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މިއީ ހަތް ޕަސެންޓް އިންޓްރެސްޓުގައި ދޫކުރާ ލޯނު ސްކީމެކެވެ. މީ ލޯނު ދޫކޮށްފައިވަނީ ހަތް ދާއިރާއަކަށެވެ. މިއީ އިކުއިޓީ ބަހައްޓަން ޖެހޭ ލޯނެއް ނޫނެވެ. އަދި ލޯނުގައި ވަކި ރަހުނެއް ބަހައްޓާކަން ވެސް ނުޖެހެ އެވެ.

ސަރުކާރުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ ލޯނުތަކެއް ދޫކޮށްފަ އެވެ. ދޫކުރި ލޯނުތަކުގެ ތެރޭގައި "ގެޓްސެޓް" އާއި "އެސްއެމްއީ" އަދި "ފަސޭހަ މަދަދު" ގެ އިތުރުން "ކަންބަލުންގެ ލޯނު" ހިމެނެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު ވެސް 190 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށެވެ.