ހަބަރު

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓުތައް ހެދުން އޮޓޮމޭޓްކޮށްފި

ލެބޯޓަރީގެ މަސައްކަތްތައް އަވަސްކޮށް ލޭގެ ޓެސްޓުތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން އޮޓޮމެޓިކް މައިކްރޯ ބެކްޓީރިއާ ޑިޓެކްޝަން ސިސްޓަމެއް އައިޖީއެމްއެޗްގައި ބަހައްޓައިފި އެވެ.

އެސްޓީއޯއިން ހަދިޔާކޮށް އައިޖީއެމްއެޗްގައި ބަހައްޓާފައިވާ އޮޓޮމޭޓެޑް ބްލަޑް ކަލްޗާ ސިސްޓަމަކީ ކޮމްޕިއުޓާ ސޮފްޓްވެއާއެއް މެދުވެރިކޮށް، މެޝިނަށް ލާ ލޭގެ ސާމްޕަލްތައް ފަސޭހަކަމާއި އަވަސްކަމާއެކު ލޮލަށް ނުފެންނަ ޖަރާސީމަށް ޓެސްޓު ކުރާ މެޝިންތަކެކެވެ. އަދި ޖަރާސީމަށް ސެންސިޓިވް އެޓިބައޮޓިކް އޮޕްޝަންތައް ވެސް މި މެޝިން ބުނެދޭނެ އެވެ. މިއީ އިންސާނީ ހަކަތަ އެތައް ގުނައެއް ދަށްކޮށް އަވަސްކޮށްދީ ސްޓެންޑަޑައިޒް ނަތީޖާތަކެއް ނެރެދޭ ގޮތަށް ޑިޒައިން ކޮށްފައިވާ މެޝިނެކެވެ.

އައިޖީއެމްއެޗްގައި ބަހައްޓާފައިވަނީ މީގެ ތިން މެޝިނެވެ. އެ ހޮސްޕިޓަލްގައި މި މެޝިން ބެހެއްޓުމާއެކު ރާއްޖެ ވެގެން ގޮސްފައިވަނީ މި ސަރަހައްދުގައި މިފަދަ މެޝިނެއް ބަހައްޓާ ސާކްގެ ދެވަނަ ގައުމަށެވެ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މި ސިސްޓަމް މިހާރު ގާއިމްކޮށްފައިވެ އެވެ. މެޝިންތަކުގެ އަގު ފަސް މިނިއަނަށް އަރާނެ ކަމަށް މެޝިް ހަދިޔާކުރި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްގެ މައިކްރޯބިއަލް ޑިޓެކްޝަން ސިސްޓަމް ތަފްސީލްކޮށްދެއްވަމުން ސީނިއާ ކޮންސަލްޓަންޓް އިން ޕަތޮލޮޖީ ޑރ. މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ، މި ސިސްޓަމަކީ އައިޖީއެމްއެޗްގެ މައިކްރޯ ބައޮލޮޖީގެ ހިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ސިސްޓަމްގެ ސަބަބުން އައިޖީއެޗްގެ "ބިޒީ" ލެބްގެ މަސައްކަތުގެ ސްޕީޑަށް ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އަންނާނެ ކަމަށެވެ.

"ކަލްޗާ ރިޕޯޓަށް އާންމުގޮތެއްގަ މިހާރު ނަގަނީ ތިން ދުވަސް. އެންމެ ފުރަތަމަ ލެބަށް ސާމްޕަލް ލިބޭތަނާ މީޑިއާ ޕްލޭޓްސްތަކެއް ހުންނާނެ، އެއަށް ސާމްޕަލް ލުމަށްފަހު އަނެއް ދުވަހު ގްރޯތް ފެންނާނީ. ދެން އަނެއްކާ އެއީ ކޮން އޮގަނިޒަމެއްތޯ ބަލަން އިތުރު ޓެސްޓުތަކަށް ލެވޭނެ. އަދި އޭތީގެ އެންޓިބައޮޓިކް ޕެޓާނަށް ޑިސްކްތަކެއް ޖަހާނެ. މި ހުރިހާކަމެއް މިހާރު މި ކުރަނީ މެނުއަލްކޮށް ސްޓެޕް ބައި ސްޓެޕް. އެކަމަކު މި މެޝިންގެ ސަބަބުން ފުރަތަމަ އިންކިއުބޭޝަނަށް ދޭ އެއްދުވަސް ދިނުމަށްފަހު ބެކްޓީރިއާ ނުވަތަ އޯގަނިޒަމް ދެނެގަތުމާއި އެ ޖަރާސީމަށް އެންމެ ނުރައްކާ ކުރާނެ އެންޓިބައޮޓިކް ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި މި މެޝިނުން އެނގޭނެ،" ޑރ މިލްޒާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްއަށް މެޝިން ހަދިޔާކުރި އެސްޓީއޯ އިން ބުނީ، މެޝިން ހަދިޔާކޮށްފައިވަނީ މިވަގުތު މިފަދަ މެޝިނެއްގެ ބޭނުންތެރިކަން ހޮސްޕިޓަލުން ފާހަގަކުރުމުން އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ. މެޝިން ގެނެސްފައިވަނީ ކޮލިޓީއާއިި މެޝިނުގެ މަސައްކަތަށް ބެލުމަށްފަހު ކަމަށްވެސް އެ ކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.