ވިޔަފާރި

އެމްޓީސީސީ އަށް ދަތުރުފަތުރުން ބޮޑު އާމްދަނީއެއް!

Apr 16, 2018
4

އެމްޓީސީސީ އަށް ގެއްލުންވަމުންދާ، ދަތުރުފަތުރުގެ ދާއިރާ އިން މިދިޔަ އަހަރު އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

މާލެ ސަރަހައްދުގައި އެންމެ ފުޅާކޮށް ދަތުރުފަތުރުގެ ހިދުމަތް ދޭ، އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު ދަތުރުފަތުރުގެ ދާއިރާ އިން 138 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މި އަދަދަކީ 2016 ވަނަ އަހަރު އެ ކުންފުންޏަށް މިދާއިރާއިން ލިބުނު 130 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 6.2 ޕަސެންޓް އިތުރު ވުމެކެވެ.

އެމްޓީސީސީން ބުނީ މި ދާއިރާ އިން އާމްދަނީ އިތުރުވި ނަމަވެސް މި ދާއިރާއިން ކުންފުންޏަށް ގެއްލުންވެފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ 2016 ވަނަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން 38 މިލިއަން ރުފިޔާ ގެއްލުންވެފައިވާއިރު، މިދިޔަ އަހަރު 56 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ދޭ ދަތުރުފަތުރުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ހިދުމަތަކަށް ހަދައި، މި ދާއިރާއަކީ ފައިދާ ކުރުވަނިވި ދާއިރާއަކަށް ބަދަލު ކުރަން މިދިޔަ އަހަރު ގެނައި ބަދަލުގެ ފައިދާ ފެނިފައިވާ ކަމަށެވެ. މިގޮތުން އެ ކުންފުނިން މިދިޔަ އަހަރު ވަނީ ޕްރިމިއަމް ފެރީ އާއި އެކްސްޕްރެސް ސާވިސްގެ އިތުރުން އެއް ގަމާއި ކަނޑުގެ މަގުން ދޭ ފެރީގެ ހިދުމަތަށް "ޗާޓަރު" ނުވަތަ ދުރާލާ ބުކްކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށްފަށާފަ އެވެ. މިގޮތުން މި ހިދުމަތަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސިސީން ދަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހަ ޒޯނެއްގައި ދަތުރުފަތުރުގެ ހިދުމަތް ދެމުންނެވެ.