ދުނިޔޭގެ ނަން މަޝްހޫރު "ފްރެންޗައިޒް"ތައް ގާދޫ ކޮލުން ރާއްޖެ އެތެރެވެއްޖެ އެވެ. ދިވެހިންގެ ތެރެއިން ކުރިން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ހީކޮށްގެން ތިބި ބޭރުގެ ގިނަ ބްރޭންޑުތަކެއް އައިސް މާކެޓްގައި މި ވަނީ ވަރަށް ރަނގަޅަށް ވަކި ހިއްޕާލައިފި އެވެ. އެއް ބަޔަކު ބުނާ ގޮތުން މިއީ ތަރައްގީ އެވެ. އަދި މިއީ ދުނިޔޭގައި ރާއްޖޭގެ ބްރޭންޑިން ޕަވާ އިންތިހާއަށް ވަރުގަދަ ވާނެ ކަމެކެވެ. ފްރައިންޗައިޒްތަކުން އަންނަ ރަނގަޅާ އެކު، އުފެދޭ ކަންބޮޑުވުންތައް ވެސް ވަކި މަދެއް ނޫނެވެ. އެންމެ ބޮޑު ސުވާލަކީ، މި ވަރުގަދަ ބްރޭންޑުތަކުގެ ސަބަބުން ރާއްޖޭގައި ހުރި އެ ބާވަތުގެ ދިވެހި ވިޔަފާރި އަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފްރެންޗައިޒްތައް އައިސް ދިވެހި ވިޔަފާރިތައް މަރާލަފާނެ ކަމުގެ ބިރު އިންތިހާއަށް އެބަ އޮތެވެ.
"މިކަމުގެ ސަބަބުން ޗެލެންޖު ތަކެއް ހުންނާނެ. އެއީ އިންޓަނޭޝަނަލް ބޮޑެތި ބްރޭންޑްތަކެއް. އެކަމަކު ހަމަ ގައިމު ވެސް ސާވިސް އާއި ފުޑް ކޮލިޓީ އަށް ބަލާއިރު އަޅުގަނޑުމެންގެ ވިޔަފާރި ވެސް އެމީހުންނާ އަޅާ ކިޔާއިރު ދެރައެއް ނުވާނެ،" ރާއްޖޭގެ އެންމެ ފުޅާކޮށް ޕިއްޒާގެ ވިޔަފާރިކުރާ ޕިއްޒާ ބޯނާ އިން ވާހަކަ ދެއްކި ސީނިއަ އޮފިޝަލަކު ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ "ފުޑް އިންޓަސްޓްރީ"އަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. ހާއްސަކޮށް ލޯކަލް ކުދި ވިޔަފާރި ތަކެއް އުފެދި ވަނީ ހިނގައިގެންފަ އެވެ. މީގެތެރޭގައި ކުދިކުދި ޓޭކް އަވޭތަކާއި ޒުވާނުން ހިންގާ މުޅިން އާ ކޮންސެޕްޓްތަކުގެ ކެފޭތައް ހިމެނެ އެވެ. މިކަހަލަ ދުވަސްވަރެއްގައި ކުއްލި ގޮތަކަށް ދުނިޔޭގެ އެންމެ ބޮޑެތި "ފާސްޓްފުޑް ޖަޔަންޓުން" ރާއްޖެ އެތެރެވެއްޖެ އެވެ. މީގެތެރޭގައި ޕިއްޒާ އާއި ކޮފީ އާއި މި ނޫން ވެސް ކާތަކެތި އުފައްދާ މަޝްހޫރު ނަންތައް ހިމެނެ އެވެ. މި ބްރޭންޑް ތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ނަން މަޝްހޫރު ތަންތަނެވެ. އަދި މިއީ ދިވެހިން ދެކެ ފަރިތަ ނަން ތަކެވެ. ނަމަވެސް މި ބްރޭންޑްތަކާ އަޅާ ބަލާއިރު، ދިވެހި ބްރޭންޑްތަކުގެ "ރަހަތަކަށް" ދިވެހިން ކުރާ ލޯބި ވެސް ކުޑައެއް ނޫނެވެ. އަދި ފްރެންޗައިޒް ތަކުން ދިވެހި ވިޔަފާރިއަށް ފައިދާ ތަކެއް ކުރާނެ ކަމަށް ބުނާ މީހުން ވެސް އެބަ ތިއްބެވެ.
ހިދުމަތުން ބޮޑު ބަދަލެއް ގެނެވިދާނެ!
ރާއްޖެ ބާޒާރުގައި އާއްމުކޮށް ޕިއްޒާ ފަދަ ތަކެތީގެ އަގުތައް އުޅެނީ 90ރ. އާއި 120ރ. އާ ދެމެދުގަ އެވެ. ނަމަވެސް ބޭރުގެ ބްރޭންޑު ތަކުގައި ވިއްކަނީ 200ރ. އަށް ވުރެ މަތީގެ އަގުތަކެއްގަ އެވެ. އެހެންވެ، އަގުގެ ގޮތުން ފްރެންޗައިޒް ތަކަށް ދިވެހި ވިޔަފާރިތަކާ ވާދަކުރުން ވާނީ ބޮޑު ޗެލެންޖަކަށެވެ.
ރާއްޖޭގެ ރެސްޓޯރެންޓް ވިޔަފާރީގައި ހަރަކާތްތެރިވާ އިސް ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވީ ފްރެންޗައިޒްތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ކުރާނީ ފައިދާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ބޭރުގެ ފެންވަރަށް ތަކެތި ތައްޔާރު ނުކުރެވެވިދާނެ. އެކަމަކު ކޮލިޓީ ރަނގަޅުކޮށް ހިދުމަތް ފަށައިފިނަމަ ހަމަ ގައިމު ވެސް ލޯކަލް ބްރޭންޑުތައް ދުލެއް ނުކުރާނެ. ރާއްޖޭގެ ވިޔަފާރިތަކުގެ ހިދުމަތް ރަނގަޅު ކުރުން ވެގެންދާނީ ފްރެންޗައިޒް ތަކަށް ކުރިމަތިވާނެ ބޮޑު ޗެލެންޖަކަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ފްރެންޗައިޒްތައް އައުމާ ގުޅޭ ގޮތުން، ރާއްޖޭގެ ފުޑް އިންޑްސްޓްރީގައި އެންމެ މަގުބޫލު އެއް ނަން ކަމަށްވާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ، ލޯކަލް ވިޔަފާރި އަށް ކޮންމެ ވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށާއި ނަމަވެސް ހިދުމަތް ރަނގަޅު ކުރަން މިއީ ލިބޭނެ ފުރުސަތެއް ކަމަށެވެ.
"އެ މީހުންނަކީ އިންޓަނޭޝަނަލް ފެންވަރުގައި ހިދުމަތްދޭ ތަންތަން. އެހެންވެ ޗެލެންޖު ތަކެއް އަންނާނެ. އެކަމަކު ދިވެހި ބްރޭންޑްތައް ގޯހެއް ނުވާނެ. ހަމަ ގައިމު ވެސް އަޅުގަނޑުމެން [ސަލްސާ] އަށް އިފެކްޓެއް އަންނާނެ ހެން ހިއެއް ނުވޭނެ. އަޅުގަނޑުމެން މި ބާއްވަނީ ޕާޓީތައް ފަދަ އިވެންޓްތައް. ދެން މި އަންނަނީ ކޮފީ ކްރައުޑް. އެކަމަކު އާއްމު ރެސްޓޯރެންޓް ތަކުން ބަދަލެއް ފެންނާނެ،" އާމިރު ވިދާޅުވި އެވެ.
ހިފަހައްޓާލެވޭނެ ތަ؟
ރާއްޖޭގައި މިހާރު އެކި ކެޓަގަރީގެ ފްރެންޗައިޒްތައް އެބަހުއްޓެވެ. މީގެ ތެރޭގައި އެންމެ މަތީ ފަންތިއާއި ތަންކޮޅެއް މެދު ފަންތި ނަމަވެސް މަގުބޫލު ތަންތަން ހިމެނެ އެވެ. މިއީ ދުނިޔޭގެ ފްރެންޗައިޒް ފުޑް ބާޒާރުގައި ދުނިޔޭގެ އެކި ރޭންކިންތަކުގެ ވިޔަފާރި ތަކެވެ. މީގެ އަހަރު ތަކެއް ކުރިން ފެށިގެން ވެސް ފްރެންޗައިޒް ބްރޭންޑްތައް ދަނީ ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ނަމަވެސް މި ތަންތަން ހަދާފައިވަނީ ބައެއް ކޮސްޓްތައް މިނިމައިޒް ނުވަތަ ކުޑަ ކުރެވޭނެ ގޮތަށެވެ. އެހެންވެ، ބޮޑު އަދަދު ތަކުން ކުލި ދައްކައިގެން، ބޮޑެތި ފްރެންޗައިޒް ފީ ދީގެން، ބޮޑެތި ބްރޭންޑްތައް ރާއްޖެ ގެނެސް "ހިފަހައްޓާލުމަކީ" ފްރެންޗައިޒް ތަކަށް ދިމާވާނެ އެއް ގޮންޖެހުން ކަމަށް މާހިރުން ދެކެ އެވެ.
އާއްމުކޮށް ފްރެންޗައިޒް ތަކުގެ ފީތައް އުޅެނީ އަހަރަކު ގާތްގަނޑަކަށް 80،000 ޑޮލަރާއި 200،000 ޑޮލަރާ ދެމެދުގަ އެވެ. އަދި ބޮޑު ތަނެއްގައި މީގެ ރެސްޓޯރެންޓެއް ހިންގާނަމަ ކުލީގެ ގޮތުގައި މަހަކު 120،000ރ. ވަރު ދައްކަން ޖެހޭނެ އެވެ. އަނެއް ގޮންޖެހުމަކީ ރާއްޖޭގެ ބާޒާރު ނިސްބަތުން ކުޑަވުމެވެ. ސުވާލަކީ މި ވަރުގެ ބޮޑު ފީއެއް ދައްކައިގެން މި ތަންތަން ދިގު މުއްދަތަށް ހިންގިދާނެ ހެއްޔެވެ؟
ކުރިން ވާހަކަ ދެއްކެވި ސަލްސާ އާމިރު ވިދާޅުވީ މި ވަރުގެ ބޮޑު ފީއެއް ދައްކައިގެން ވިއްކާ އެއްޗިހީގެ އަގު ވެސް ބޮޑުކުރަން ޖެހޭނެ ކަމަށެވެ.
"ބައެއް ތަންތަން އެބަހުރި އެ މީހުންގެ އަމިއްލަ އިމާރާތް ތަކުގައި ހިންގާ ތަންތަން އެ ތަންތަނުގައި ވިއްކާ އެއްޗިހީގެ އަގު ވެސް ހުންނަނީ އެކަށީގެންވާ އަގެއްގައި. އެކަމަކު ބޮޑު ކުލީގައި ހުޅުވާފައިވާ ތަންތަނަށް ޗެލެންޖު ތަކެއް އޮންނާނެ،" އާމިރު ވިދާޅުވި އެވެ.
ބައެއް ތަންތަން އެބަހުރި އެ މީހުންގެ އަމިއްލަ އިމާރާތް ތަކުގައި ހިންގާ ތަންތަން އެ ތަންތަނުގައި ވިއްކާ އެއްޗިހީގެ އަގު ވެސް ހުންނަނީ އެކަށީގެންވާ އަގެއްގައި. އެކަމަކު ބޮޑު ކުލީގައި ހުޅުވާފައިވާ ތަންތަނަށް ޗެލެންޖު ތަކެއް އޮންނާނެއިބްރާހިމް އާމިރު | ސަލްސާގެ ވެރިޔާ
ރެސްޓޯރެންޓް ހިންގުމުގައި އުޅުއްވާ ބޭފުޅަކު ނަން ނުޖެހުމަށް ވިދާޅުވީ "ވޯލްޑް ފުޑް" ޓްރެންޑަށް ބަލާއިރު "މާސިންގަހަ" ބްރޭންޑްތަކުގެ މަގުބޫލުކަން ދަށް ވަމުންދާ ކަމަށެވެ.
"އަވައްޓެރި ގައުމުތަކުގައި ވެސް ބޮޑެތި ފްރެންޗައިޒްތައް ބަންދުކުރެވޭ. މިހެން ވަނީ ޖަންކް ފުޑް މިކަނީ ޒުވާނުން. ޒުވާނުންނަށް ހާއްސަ ކުދި ބްރޭންޑްތައް އެބަހުރި. އެހެންވެ މި އެއްޗިހީގެ މަގުބޫލުކަން ކުޑަ ވަމުންދަނީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ފްރެންޗައިޒް އައުމާއި އިގްތިސާދު
ފްރެންޗައިޒްތައް ރާއްޖެ އައުން މިއީ ރާއްޖޭގެ ނަން އިިތުރަށް ވަރުގަދަ ވާނެ ކަމެކެވެ. ނަމަވެސް މީގައި ވިސްނަން ޖެހޭ ކަމަކީ މިފަދަ ބްރޭންޑުތަކުގެ މައި މަރުކަޒު ނޫން ތަންތަނުން ބްރޭންޑުގެ "ގަނެގެން" ގެނައުމީ މީގެ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކުން ގަނެފައިވާ މި ފަދަ ފްރެންޗައިޒްތަކުގެ "ގޮފިތައް" ގެނައުމުން މީގެ ފައިދާ ރާއްޖެއަށް ވުރެ އެ މީހުންނަށް ބޮޑުވާނެ ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފްރެންޗައިޒް ރެސްޓޯރެންޓެ ހުޅުވި، އާމިރު މަންސޫރު ވިދާޅުވި ގޮތުގައި ފްރެންޗައިޒްގެ މައި ކުންފުނި ގޮތަކަށް ގެނެސްފިނަމަ އަގު ބޮޑުވުމާއި ފެންވަރު ދަށްވުން އެކަށީގެންވާ ކަމަށެވެ. އާމިރު މިސާލު ޖެއްސެވީ ރާއްޖޭގައި ރިސޯޓު ހިންގާ އަވަށްޓެރި ގައުމެއްގެ މެނޭޖުމަންޓްތަކާއި ޔޫރަޕުގެ މެނޭޖުމަންޓު ތަކެވެ.
"އަޅުގަނޑު ވެސް މަސައްކަތް ކުރި ފްރެންޗައިޒް ގެންނަ. އެކަމަކު ސީދާ ކުންފުނި މެދުވެރކޮށް. މިގޮތަށް ގެންނަނަމަ ފީގެ ގޮތުގައި ދެ މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ. އެ މީހުންގެ ހުރޭ ޝަރުތު ތަކެއް ވެސް. މި ތަންތަން ވަކި މުއްދަތެއްގެ ތެރޭގައި ހުޅުވަން ވެސް ޖެހޭ. މި މުއްދަތުގައި ނުހުޅުވިއްޖެނަމަ އެ ފައިސާ އަނބުރާ ވެސް ނުލިބޭނެ،" ރާއްޖެއަށް ސީކްރެޓް ރެސިޕީ މޭރީބްރައުން ގެނައި، އާމިރު ވިދާޅުވި އެވެ.
އަޅުގަނޑު ވެސް މަސައްކަތް ކުރި ފްރެންޗައިޒް ގެންނަ. އެކަމަކު ސީދާ ކުންފުނި މެދުވެރކޮށް. މިގޮތަށް ގެންނަނަމަ ފީގެ ގޮތުގައި ދެ މިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭއާމިރު މަންސޫރު | ސީކްރެޓް ރެސިޕީ/ މޭރީ ބްރައުންގެ ވެރިޔާ
"އެހެން ބައެއްގެ ތައްޕާހަށް ވެއްޓިގެން އުޅޭ ތަން. މި ގެންނަ ގިނަ އެއްޗިއްސަކީ ސްރީލަންކާގެ އެކި މީހުން ރޯޔަލްޓީ ނަގާފައިވާ ފްރެންޗައިޒްތައް. އެގޮތަށް ހަތް ޕަސެންޓް ދައްކާފަ، ރާއްޖެ އަށް ހަތް ޕަސެންޓް ދެއްކުމުން ޖުމްލަ އެބަ އަރާ 14 ޕަސެންޓް، ރޯޔަލްޓީ އަށް. ދެން ކިހިނެއް އެތަނުން ލިބޭ އުފެއްދުންތަކުގެ އަގު ހަދާނީ؟ މިހާތަނަށް ނެތް ސީދާ ކުންފުނި މެދުވެރިކޮށް ގެނެވިފަައެއް. އެހެންވެ ފެންވަރު ދައްވާނެކަން ޔަގީން."
މީގެ އިތުރުން އަނެއް ކަމަކީ މުވައްޒަފުންނާއި މިފަދަ ތަންތަނަށް ބޭނުންވާނެ ސަޕްލައި ގެނައުމެވެ. މިފަދަ ފްރެންޗައިޒްތަކަށް ބޭނުންވާނެ ސާމާނު ހޯދާނީ އެމީހުން އަމިއްލަ އަށެވެ. އަދި މިފަދަ ތަންތަނުގެ އެންމެ ހައި ޕޯސްޓްތަކުގެ ވަޒީފާވެސް ތިބޭނީ މި ގެންނަ ބޭރު ކުންފުނީގެ މީހުންނެވެ.
ގިނަ އަދަދެއްގެ ފްރެންޗައިޒްތައް ރާއްޖެ ކުރިއަށް އޮތްތަނުގައި އަންނާނެ އެވެ. ސުވާލަކީ މިފަދަ ފްރެންޗައިޒްތަކުން ލޯކަލް ވިޔަފާރިއަށް ކުރާނީ ކޮން އަސަރެއް ބާ އެވެ؟ މި ބްރޭންޑްތަކަށް ރާއްޖޭގައި "ހިފަހައްޓާ" ލެވިދާނެ ބާއެވެ؟ މީގެން އިގްތިސާދަށް ކުރަނީ ކޮން ފައިދާއެއް ބާ އެވެ؟