ހަބަރު

ޖޭޕީ އާއި ޑީއާރްޕީގެ އަހަރީ ރިޕޯޓު އިސްލާހު ކުރަން އަންގައިފި

ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީގެ އަހަރީ ރިޕޯޓު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ރިޕޯޓްގައި އޮޅުންތަކެއް ހުރި ކަމަށް ބުނެ، އެ އިސްލާހު ކުރުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީ އާއި ޑީއާރްޕީގެ އަހަރީ ރިޕޯޓުގައި ހުށަހެޅިފައި މައުލޫމާތުގެ ފުށޫ އެރުންތަކެއް ހުރި ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ފޮނުވާލާފައިވާ ކަމަށް އީސީ އިން ބުންޏެވެ.

ޖޭޕީ އާއި ޑީއާރްޕީގެ އަހަރީ ރިޕޯޓު އަނބުރާ ފޮނުވާލާފައިވާ އިރު ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޖެހޭނީ އަހަރީ ރިޕޯޓު ފޮނުވުމުންނެވެ.

ބަންދު ދުވަސްތައް ނުގުނާ ގޮތަށް އަހަރު ފެށޭތާ ތިން މަސް ފަހުން ޕާޓީތަކަށް ފައިސާ ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ އިރު އިދިކޮޅު ޕާޓީތަކުން މިހާރު އަންނަނީ ފައިސާ ނުދޭ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އީސީ އިން ބުނެފައި ވަނީ ފައިސާ ދޭން ޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ފައިސާތައް ހަވާލު ކުރާނެ ކަމަށެވެ.