ހަބަރު

ފުލުހުންގެ ބޯ ބޭލި މައްސަލަ ކްރިމިނަލް ކޯޓުން ނުބެލުމުން އިސްތިއުނާފްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި އެސްއޯ ފުލުހުންގެ ބޯ ގަދަކަމުން ބޭލި މައްސަލަ ކްރިމިނަލް ކޯޓުން ނުބެލުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އެސްއޯ ފުލުހުންގެ ވަކީލުން އިއްޔެ ބުނީ އެ ފުލުހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހަޒިރު ކުރި އިރު އެ މީހުންގެ ބޯ ބާލާފައިވާ ކަމަށާއި ނަމަވެސް އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ހުއްދައަކާނުލައި ބޯ ބޭލުމަކީ ޓޯޗާގެ އަމަލެއް ކަމަށެވެ.

ނަމަވެސް އެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރި އިރު ބޯ ބޭލި މައްސަލައަށް ރިއާޔަތް ނުކޮށް ނިންމުމުން އޭނާގެ ވަކީލުން މިއަދު ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް ހައިކޯޓަށް ހުށަހަޅާފަ އެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެމަޖަންސީ ސަޕޯޓް ގްރޫޕްގެ ޗީފް ޕްރިޒަންސް އޮފިސާ އަހުމަދު އަބްދުލް ވައްހާބް މުހައްމަދު ހައިކޯޓަށް ހާޒިރު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ފުލުހުންގެ ބޯ ބޭލި މައްސަލާގައި ވަކީލުން އިއްޔެ ބުނެފައި ވަނީ ކަރެކްޝަނަށްވެސް މީހަކު ހައްޔަރުކުރުން ފިޔަވައި އެމީހަކަށް އަދަބެއްގެ ގޮތުގައި އޭނާގެ ގަޔަށް އަތްލައި އޭނާގެ ގުނަވަންތައް ބުރިކޮށް ހެދުމުގެ އެއްވެސް ގާނޫނީ އަދި ޝަރުއީ ހައްގެން ނޯންނާނެ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުން ފިޔަވައި އިތުރަށް ތުރާ ކުރުމަށް ކުރާ ކަންކަމަކީ ދެވޭ އަނިޔާއެއް ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ.