އުނދަގޫ ދަނޑިވަޅުތަކާއި އެހީއަށް އެންމެ ބޭނުންވާ ވަގުތުތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ މީހަކަށް އެންމެންގެ ހިތް އަބަދުވެސް ދޫވެ އެވެ. އެފަދަ މީހުންގެ ވާހަކަތައް ދުވަހަކުވެސް ހިތުން ފިލައިގެނެއް ނުދާނެ އެވެ. އެމީހަކު އެ ކޮށްދިން ހެޔޮކަންތައް އުމުރު ދުވަހު ވެސް ހަނދާންކުރާނެ އެވެ. އެކަމަށް ޝުކުރުވެރި ވާނެ އެވެ. އިއްޔެ ފޭސްބުކްގައި އެންމެންގެ ތައުރީފު އޮހުނީ މިފަދަ އެހީތެރިކަމެއް މަންމައަކަށް ފޯރުކޮށްދީ ދަރިޔަކު މަރުން ސަލާމަތްކޮށްދިން ފުލުސް މީހަކަށެވެ.
ފާތުމަތު ޝިފްނާ އޭނާގެ ފޭސްބުކްގައި ލިޔެ އެވެ؛
"އިއްޔެ ހެންވޭރު ބޯޅަދަނޑު ކައިރިން ޓްރެފިކާ ހެދި އޭޑީކޭ ހޮސްޕިޓަލަށް އެމަޖެންސީގަ ނުދެވިފަ އޮތް ކާރުގަ އޮތް އަޅުގަނޑުގެ ހަތަރު އަހަރުގެ ކުޑަ ދަރިފުޅު ސީޒާ އެޓޭކެއް ޖެހެމުންދިޔަ އިރު ހަދާނެ ގޮތް ނޭނގި ގޮތް ހުސްވެފަ ހުރި ހާލުގަ ރޮއެ އާދޭސްކުރަމުން ދިޔައިރު، އެވަގުތު ކާރު ކައިރިން ދިޔަ ޓްރެފިކް ޕޮލިސް މީހާގެ އެހީއަށް އެދުމުން އެއްވެސް ޖެހިލުމެއްނެތި އެމީހާގެ ކޮނޑުމައްޗަށް އަޅުގަނޑުގެ ދަރުފުޅު ލައިގެން އެހާ ހިސާބުން ދުވެފަ އޭޑީކޭ އެމަޖެންސީއަށް ގެންގޮސްދިން ފުލުސް މީހާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،"
މި ޕޯސްޓު ފެނި މަންޒަރު ސިފަވުމުން ހިތް އުފާކޮށްލައިފި އެވެ. ޝިފްނާއަށް އެ ފެނުނީ ހަގީގީ ފުލުހެކެވެ. ފުލުހުންގެ ސްލޯގަން ގައި ބުނާ ގޮތަށް "ޓު ޕްރޮޓެކްޓް، އެންޑް ސާވް" ގެ ހަގީގީ މާނާ އަމަލުން ދައްކުވައިދިން ހިތްހެޔޮ ސުޕަހީރޯ އެކެވެ. އޭނާއަކީ ފުލުހުންގެ ޓްރެފިކް މެނޭޖިން ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ލާންސް ކޯޕަރަލް މުހައްމަދު ރިފާއު އެވެ.
ޝިފްނާ އޭނާގެ ޕޯސްޓު ފޭސްބުކްގައި އާންމުކޮށްލީ ރިފާއު ހޯދައި ރިފާއުއަށް ހައްގު ޝުކުރެއް އަދާކުރުމަށެވެ. ކުޑަ ކުޑަ މާލެއިން ރިފާއު ހޯދުން މާ ބޮޑު ކަމަކަށް ނުވާނެ އެވެ. ރައްޓެހިންގެ ފަރާތުން ލިބުނު މެސެޖްތަކާއެކު ޝުކުރުން ފުރިފައިވާ އެ މަންމަ އޭނާގެ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ޝަރުތަކާ ނުލައި އެހީތެރިވި ރިފާއުއާ ބައްދަލުވާނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށް ބުނަމުން އެހެން ޕޯސްޓެއްގައި ލިޔެ އެވެ.
" ޕޮލިސް އޮފިސަރު ހޯދަން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަހަރެންނަށް އެހީތެރިވެދީ ދަރިފުޅުގެ ސަލާމަތަށް އެދި ދުއާކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ދަރިފުޅުގެ ހާލު ސްޓޭބަލްވި އެންމެ އަވަހަކަށް ޔަގީނުންވެސް އެ ފުލުސް އޮފިސަރާ އަހަރެން ބައްދަލުކުރާނަން. އޭނަ ވެސް ބޭނުން އޭނަގެ ފުލުސް ބޭބެ އާ ބައްދަލުކުރަން،"
ކޮންމެ ހެޔޮ ކަމަކީ އޭގެ މައްޗަށް އިތުރު ހެޔޮކަންތައްތަކެއް ތަރުތީބުވެގެން އަންނާނެ ކަމެކެވެ. ރިފާއުގެ އެ އެހީއަށް އޭނާގެ މުޅި އުމުރަށް އެ މަންމަގެ ހެޔޮ ދުއާ ލިބޭނެ އެވެ. ތުއްތު ހަތަރު އަހަރުގެ ފިރިހެންކުއްޖާއަށް އޭނާގެ ހާދިސާ އެނގުމުން އެފަދަ ހިތްހެޔޮ މީހަކަށް ވާން ހިއްވަރެއް ލިބޭނެ އެވެ. ރިފާއުގެ ކޮށްދިން ކަންތަށް ފެނި މަންޒަރު ދުށް މީހުންނަށް އެމީހުންގެ ދިރިއުޅުމުގައި އިހުސާންތެރިކަން އިސްކުރަން އިތުރު ފިލާވަޅެއް ލިބުނީ އެވެ. ފުލުހެއްގެ ހައިސިއްޔަތުން ފުލުހުންގެ އިދާރާއަށް ރިފާއުގެ އެންމެ އަމަލަކުން އެ ހޯދައިދެވުނީ އެތަކެއް އާންމުންގެ ލޯތްބާއި އިހުތިރާމެވެ. އަހަރެމެންގެ ގައުމަށް ބޭނުންވަނީ މިފަދަ "ސުޕަހީރޯ" އިންނެވެ. މިފަދަ ފުލުހުން އެވެ.