ރިޕޯޓް

ކަނޑު އަޑީގެ ގެޔަށް ދުނިޔޭގެ ސަމާލުކަން

"މުރަކަ" ރެޒިޑެންސް މަޝްރޫއުގެ ވީޑިއޯ

ރާއްޖޭގެ ރީތިކަން ހަގީގަތުގައި އޮތީ ކަނޑު އަޑީގަ އެވެ. އެކަމަކު ފެންނަނީ މަދު ބަޔަކަށެވެ. އެހެންވެ، މި ރީތިކަން މުޅި ދުނިޔެ އަށް ދައްކާލީ މަޝްހޫރު ކްރައުން ކުންފުނީގެ ވެރިންގެ ސިކުނޑިން ނުކުތް ހިޔާލަކުންނެވެ. އެއީ ރަންގަލި ރިސޯޓުގައި ދުނިޔޭގެ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓް "އިތާ" ހުޅުވުމުންނެވެ. އެއަށްފަހު، އަނެއްކާވެސް އެ ކުންފުނިން މިވަނީ ދުނިޔޭގެ އެތަށް މިލިއަން ބައެއްގެ ސަމާލުކަމަށް ރާއްޖެ އަނބުރާލާފަ އެވެ. މި ފަހަރު ހަދަނީ ކަނޑުގެ އަޑީގައި މިހާތަނަށް ހަދާ ގެ އެވެ. ނުވަތަ ރެޒިޑެންސް ވިލާ އެކެވެ.

"ދެހާސް ސާދަ ވަނަ އަހަރު އަޅުގަނޑުމެން އަންޑަ ވޯޓާ ރެސްޓޯރެންޓް [އިތާ] ހުޅުވީ. އެ ހިސާބުން ފެށިގެން ދިރާސާތައް ފަށައިދިން ކަނޑު އަޑީގެ ވިލާތަކެއް ހަދަން،" ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައި ހަދައި ހުޅުވަން ތައްޔާރުވާ "މުރަކަ" ރެޒިޑެންސްގެ އެންމެ އިސް މޭސްތިރިއާ ކަމަށްވާ، ކްރައުންގެ އެއް ހިއްސާދާރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

ކަނޑު އަޑީގެ "މުރަކަ" ގޭގެ، ފޮޓޯތައް އާއްމުވެ، ދުނިޔޭގެ ސަމާލުކަން ހޯދިނަމަވެސް މިއީ އާދައިގެ މަޝްރޫއެއް ނޫނެވެ. މިކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިކަމުގައި އެތަށް ސަތޭކަ ބަޔަކު މަސައްކަތް ކުރި އެވެ. ދުނިޔޭގެ ތަޖުރިބާކާރުންގެ ހިޔާލު މި މަޝްރޫއުގައި މަސްހުނި ކޮށްފައިވެ އެވެ. މި މަޝްރޫއުގެ މައި އިންޖިނޭރަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެކުއޭރިއަމްތައް ހަދާ ނިއުޒިލޭންޑްގެ އެމްޖޭމާފީ ކުންފުނީގެ ސީނިއަ އިންޖިނޭރު މައިކް މާލީ އެވެ. އަދި ކޮޓަރިތަކުގެ އެތެރެ ފަރުމާކޮށް މެހުމާނުން ހިތް ދަމައި ގަންނަ ގޮތަށް ބައްޓަންތައް ލައްވައި، ރީތިކޮށް ދިނީ ޖަޕާނަށް އުފަން ފަރުމާ ކުރުންތެރިއެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ އެވެ.

އަގު 15 މިލިއަން ޑޮލަރު!

"އިތާ" ހުޅުވިތާ 14 އަހަރު ފަހުން ހުޅުވާ "މުރަކަ" ރެސިޑެންސް ވިލާތައް ހަދަން ގިނަ އަދަދެއްގެ ފައިސާ އެ ކުންފުނިން ހޭދަ ކޮށްފައިވެ އެވެ. މުޅި މަޝްރޫއުގެ އަގު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) އަށް އަރަ އެވެ. މިތަން ތައްޔާރު ކޮށްފައިވަނީ ނިއުޒިލޭންޑުގަ އެވެ. އަދި އެ އަށްފަހު ގެނެސް ފެއްތީ އެވެ.

"ކުރީގެ ޕްރޮޖެކްޓް [އިތާ ރެސްޓޯރެންޓް] އަށްފަހު މި މަޝްރޫއު ލިބުމުން ވަރަށް ބޭނުންވި ކުރަން. މިއީ މިހާތަނަށް ކުރެވޭ އެންމެ ފުރިހަމަ މަސައްކަތަށް ވާނެ،" މައިކް ވިދާޅުވި އެވެ.

މޫދު އަޑީގައި މި "ގެ" ހެދިނަމަވެސް ފެނުން މަތީގައި އިތުރު ދެ ބުރި ހުންނާނެ އެވެ. މި ގޭގެ ނިދާ ކޮޓަރިތައް ނުވަތަ ވިލާތައް ހުންނާނީ ކަނޑުގެ އަޑީގަ އެވެ. މި ތަނުގައި އެންމެ ބޮޑު ކިންގް ސައިޒުގެ އެނދެއް ހުންނަ ކޮޓަރިއަކާއި ރީތި ލިވިން ރޫމެއްގެ އިތުރުން ފާހާނާ އެއް ހުންނާނެ އެވެ. މިތަން ހުންނާނީ ކަނޑުގެ 16.4 ފޫޓު އަޑީގަ އެވެ. މި ތަނަށް ފައިބަން ޖެހޭނީ ސިޑިއަކުންނެވެ.

ފުރިހަމަ، ރައްކާތެރި ތަނެއް

"މުރަކަ" ވިލާތައް ތައްޔާރު ކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ މިތަނުގައި ބޮޑު އަގު ދީގެން ނިދަން އަންނަ މީހުންގެ ރައްކާތެރި ކަމަށެވެ. އެހެންވެ ސޭފްޓީއަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. ފަރުވާ ކުރުމުގައިވެސް އެކަމަށް އިސްކަން ދީފައިވެ އެވެ.

"މި ތަން [މުރަކަ] ރެޒިޑެންސް ރައްކާތެރި ތަނަކަށް ހަދަން އާ ޓެކްނޮލޮޖީގެ ބޭނުންކޮށްފައި ވާނެ. ބޭނުމަކީ މި ތަނުގައި ނިދާ މީހުންނަށް މިއީ 100 ޕަސެންޓް ރައްކާތެރިތަނެއް ކަން ޔަގީން ކުރުން،" ސަލީމް ވިދާޅުވި އެވެ.

މުރަކަ" ގެ ފަރުމާކޮށްފައިވަނީ މިތަނުގައި ނިދަން އޮންނަ މީހަކަށް އިންޑިޔާ ކަނޑުގެ ރީތި މަންޒަރުތައް ވަށައިގެން ފެންނާނެ ގޮތަކަށެވެ. މި ގޭގެ އެނދު މަތީގައި އޮންނައިރު 180 ޑިގްރީއިން ކަނޑުގެ މާހައިލު ފެންނާނެ އެވެ. ކަނޑުގައި ދިރިއުޅޭ އެކި ސައިޒުގެ މަސްތަކާއި ކަނޑު އަޑީގެ މުރަކަތައް ފެންނާނެ އެވެ.

މީގެ އިތުރުން "މުރަކަ ރެސިޑެންސް" ގެ މަތީ ފްލޯތަކުގައި ވެސް ކޮޓަރިތައް ހުންނާނެ އެވެ. މިތަނުގައި ގިމްގެ އިތުރުން ސުވިމިން ޕޫލާއި ބާ އަދި ރެސްޓޯރެންޓް އަދި އިންފިނިޓީ ޕޫން ހުރެ އެވެ.

ގޮންޖެހުން ބޮޑު މަޝްރޫއެއް

ދުނިޔޭގެ މާހިރުންގެ ލަފާގެ މަތިން މި މަސައްކަތް ކުރީ ތަޖުރިބާކާރު ޓީމަކުންނެވެ. އެކަމަކު މި މަޝްރޫއު ވެގެން ދިޔައީ އެމީހުންނަށް ވެސް ގޮންޖެހުން ބޮޑު ކަމަކަށެވެ.ސަބަބަކީ ކުރަންޖެހޭ މަސައްކަތް ބުރަވެފައި "ޗެލެންޖިންތައް" ގިނަވުމެވެ.

"މީގެ [މުރަކަ ރެސިޑެންސް] ގެ މައި ބައި 600 ޓަނަކަށް ވުރެ ބަރު. އެހެންވެ މި ބައި އުފުލައި ހަރު ކުރުންވެސްވީ ވަރަށް ބޮޑު ޗެލެންޖަކަށް،" މައިކް ވިދާޅުވި އެވެ.

ނަމަވެސް، ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ހުރިހާ ކަމެއް ވެސް ދިޔައީ ކުރިން ރޭވި ގޮތަށް ކަމަށް ސަލީމް ވިދާޅި އެވެ. އެހެންވެ މުޅި ޓީމާއި ކުންފުނީގެ ވެރިންވެސް ތިބީ އުފަލުންނެވެ.

އެހެންވެ، އެ ކުންފުނިން ދަނީ މޫދު އަޑީގެ ގެ ނޮވެމްބަރު މަހު ހުޅުވަން ތައްޔާރުވަމުންނެވެ. މި ކޮޓަރި ރެ އަކަށް ވިއްކަނީ 50،000 ޑޮލަރު (771،000ރ.) އަށެވެ. މިހާރު މި ތަނުގައި ކުރަނީ ނުނިމި ހުރި ކުދިކުދި މަސައްކަތް ތަކެވެ. އަދި މިތަން ހުޅުވުމުން ވެގެން ދާނީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަކަށް ނޫނީ ނުވާނެ އެވެ. ކަނޑުއަޑީގެ "ގެ" އާއެކު ދުނިޔޭގެ ލޮލުގައި ރާއްޖެ ވަނީ އަނެއްކާވެސް އަޅައިގެންފަ އެވެ.